ދިވެހިންގެ ތެރެއިން ގިނައީ ވަޒީފާއަށް ނުދާ
ޒުވާނުން
|
"މި އުޅެނީ ކިޑްނީ ވިއްކާލަން. އެއީ
އަންނަ ކެމްޕޭނަށް. މަޖިލީހަށް ހޮވިއްޖިއްޔާ އިތުރު ތިން ކިޑްނީވެސް ހޯދިދާނެ.
ވަޒީފާ ލިބިއްޖެ. މުސާރައަކީ 6000ރ." ވަރަށް ހެވިފަ ރައްޓެއްސަކު ބުނި.
ދިވެހިން ވަޒީފާއަށް އަހުލުވެރިކުރުވާ ވާހަކައަކީ މިއަދު އެކަނި އިވޭ ވާހަކައެއްނޫން. އަޅުގަނޑުގެ އުމުރުން އެގާރަ އަހަރުގަވެސް މިވާހަކަ ރޭޑިޔޯއާއި ޓީވީތަކަށް އަރާ ސަރުކާރުގެ އިސްވެރިން ދައްކާވާހަކަ އަޑުއިވޭ. ޒުވާނުންނަށް ކުޅިވަރު ވަސީލަތްތައް އިތުރު ކުރުމަށް ސަރުކާރުން ތަފާތު މަސައްކަތްތަކެއް ކުރަމުންދާކަންވެސް ފާހަގަ ކުރެވޭ. ނަމަވެސް އުފެދޭ ސުވާލަކީ ވަޒީފާ ހޯދައިދިނުމަށް ސަރުކާރުން ހަމަ ހަޤީޤަތުގައިވެސް ބޭނުންވޭބާވައޭ؟ މިކަން ކުރެވިއްޖެނަމަ އެވާނީ މުޖްތަމައުއަށް ފައިދާހުރި ގައުމަށް ބޭނުންތެރި ކަމަކަށް. ގައުމުގެ އިގްތިސާދުވެސް ރަގަޅުވެގެންދާނެ ކަމަކަށް. ބަޔަކަށް ނުދަރާ، ބޭސް ސިޓީ ހިފައިގެން ސަލާންޖަހަން ނުގޮސް، ކަންމަތީ ފިހާރައިގެ ދަރަނި އަދާކޮށް ތާހިރު ދިރިއުޅުމެއްވެސް އުޅެވޭނީ އޭރުން.
"މިގޭ
ނޫޅޭނެ ރަގަޅު އެކަކުވެސް. ވަޒީފާއަށްދާ މީހަކު ނޫޅޭނެ. އަބަދު މަގުމަތި
އަޅާފަތިބޭނީ. މަންމައާ ބައްޕަ ދިނީމަ ކައިގެން އުޅެނީ. މާލެ ބައެއް ނޫންނަމަ
ކޮންފަދަ ހާލެއް" ވަރަށް ހިތްހަމަ ނުޖެހި ހުރެ ފިހާރައެއްގެ ތެރޭހުރި
މުސްކުޅިފުރާ އަންހެނަކު ކިޔައިދިން.
ސުވާލަކީ އެ
ދައްތަ އެބުނާ ކުދިން ވަޒީފާއަށް ގަސްތުގައި ނުދަނީބާއޭ ނޫނީ ވަޒީފާއެއް ނެތި
ގޭގައި ތިބެންޖެހެނީބާއޭ. ޔަގީނުންވެސް ކަށަވަރު ކުރެވޭ ކަމަކީ ވަޒީފާއަށްގޮސް
ޖީބަށް ލާރިލެވޭނަމަ އެގޮތަށް ނުތިބޭނެކަން.
ދެން އުފެދޭ
ސުވާލަކީ ވަޒީފާއަށް ނުދަނީ ކީއްވެގެންބާއޭ؟ ތަފާތު އެތަކެއް ސަބަބުތަކެއް
އެބަހުރި. ރަގަޅު ތަޢުލީމެއް ނުލިބުން. ވަޒީފާގެ ތަޖްރިބާއެއްނެތުން.
މުސާރަކުޑަވުން. ބޮޑެތި
ކުންފުނިތަށް ހިންގާ މީހުންވެސް ބުނާނީ ދިވެހިންނަށް ވަޒީފާ އަދާކުރަން
ނުކެރެނީކަމަށް. އެބޭފުޅުން އެބުނަނީ ކޮންސްޓްރަކްޝަން ދާއިރާގެ ވާހަކަ ނޫނީ
ދޮރުވާނަކަށް ހުންނަވާހަކަ. ނޫނީ ފިހަރައިގެ ސޭޓަކަށް ހުންނަވާހަކަ. އެބުނާ ވަޒީފާ ދޭނީވެސް ގެންގުޅޭ ބިދޭސީ މީހާއަށް.
"މަ
މިހިރީ އަޖައިބުވެފަ. އެކުއްޖާއަށް 500ރ. ގެ މުސާރައަކަށް މިތަނަށް އޭނަ ވެއްދީމަ.
ބުނީ އޭނަގެ އުމުރަކީ 16 އަހަރޭ. އޭނަ ބައްޕަ ބުންޏޭ ފެންނަ މުސާރައެއް ދީފަ އޭނަ
މިތަނުގަ ބަހައްޓާށޭ. އެ ސޯޅަ އަހަރުގެ ކުއްޖާ މިތަނުގަ ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް
ކުރަނީ. މަ އެންމެ ފަހުން އެވާހަކަ ދެއްކީމަ މުސާރަ 1000ރ. އަށް ބޮޑު ކުރި.
އެކުއްޖާ މިހާރު މިތާ އުޅޭތާ 2 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ" ކޮފީއެއްގަ
އިދެ ރައްޓެއްސަކު ކިޔައިދިން. މިކަން
ޔަގީން ކުރުމަށް އަޅުގަނޑު އެކުއްޖާއަށް ގުޅިން. އަދި މިހާރު ލިބޭ މުސާރައާއި
މަގާމް އެހިން. "ކެމެރާ މަނަކަށް އުޅެނީ. ލިބޭ މިހާރު 3500ރ. ޕްރޮގްރާމަށްވެސް
އަދި ޚަބަރަށްވެސް ވީޑިއޯ ކުރަން." ދިވެހިންނަށް
އަދާކުރެވޭނެ ވަޒީފާތައް ދިވެހިންނަށް ދިނުމަކީ ކުރެވިދާނެކަމެއް. އެކަމަކު
3500ރ. ގެ މުސާރައަކަށް މިހާރު ވަޒީފާއަށް ދާނީ ކާކުބާ؟
ދިވެހިންނަށް އަދާކުރެވިދާނެ
ވަޒިފާތަކުގައި ތިބި ބިދޭސީން އެކަންކަމުން ދުރުކޮށް ދިވެހިންނަށް
ވަޒީފާ ދިނުމަކީ އިތުރު ތަމްރީނު ޕްރޮގްރާމްތަކެއް ހިންގަންޖެހޭނެ
ކަމެއްނޫން. ބޭނުންވަނީ ދިވެހިރައްޔިތުން ދެކެ ލޯބިވާ، ދިވެހިރައްޔިތުންނަށް
ހެޔޮއެދޭ، ދިވެހިރައްޔިތުންނަށް އޯގާތެރި ހިތެއް.
ދެން
އިވޭ އަނެއް އަޑަކީ ކިޔަވައިގެންތިބި ޒުވާނުން މަދުކަން. "ކިހިނެއް އިތުރަށް
ކިޔަވާނީ. މިއުޅެނީ ނަގައިން އުޅުނު ލޯނުންވެސް ނުފުދިގެން. އަހަރުން ކިޔަވަން
އުޅޭ ހާލު ހިތަށްއަރާފަ ލޮލުން ފެންވެސް އާދެ. ބަލާ މުއްސަނދިންގެ ދަރިން.
ނުކިޔަވާނެ އެކަމަކު ތިބޭނީ ހެސްކިޔާފަ ސަޅި ޖޮބްގަ." ރާއްޖެއިން ބޭރުގަ
ކިޔަވަންހުރި ކުއްޖަކު އޭނަގަ އަމިއްލަ ފޭސްބުކް ޕޭޖްގަ ލިޔަފަވޭ.
ވައްކަން
ކުރާ ވާހަކައާއި ފޭރުން މިދަނީ އެއްދުވަހަށް އަނެއްދުވަހަށް އިތުރުވަމުން.
އަޅުގަނޑުމެން މިދެކޭ ބޮޑު މަންޒަރު ވަރަށް ސާފުކޮށް މިހާރު ފެންނަކަހަލަ. ބައެއް
ވުޒާރާތަކުގެ މުސާރައާއި އިނާޔަތްތައް އަތްނުފޯރާފަށަށް މައްޗަށްގޮސް ކާބޯތަކެތީގެ
އަގު އިންތިހާއަށް ގޮސް ހަމަމަގުން ނެއްޓޭކަހަލަ.
މަސްތުވާތަކެތީގެ
ވަބާގައިޖެހި ދިވަހި ގައުމު ހަލާކުވެދަނީ. ދެވަނަ ފުރުސަތު ދީގެން މުޖްތަމައުއަށް
ނެރޭ މީހުން ދެން ވަޒީފާއަދާކުރާނީ ކިހިނަކުންބާ؟ އެމީހުނަނަށް ވަޒީފާދޭނެ
އެކަކުވެސް އުޅޭނެބާ.
މަންޒަރު
ވަރަށް ސާފު. ދެވަނަ ފުރުސަތުގެ ތެރެއިން ވަޒީފާހޯދަން އެކުދިން ކިއްސަރާއި
ފަންވަރާއި ބުންވަރު ފެއަރތައް ބާއްވައި ނަންނޯޓުކޮށް ކޮލެޖަކުން ޑިގްރީ
ހައްދައިގެން އަޔަސް މިދިވެހި މުޖްތަމައުގައި އެމީހުންނަށް ވަޒީފާދޭނެ
ހަމައެކަކުވެސް ދެނެއް ނޫޅޭނެ. ނުވެސް ދޭނެ. އޭރުން ސަރުކާރުގެ ވައުދުތަކުގެ
ތެރެއިން ހުރިހާވައުދެއްފުދި އަމާން ބަނދަރަކުން ކަށި ޖަންގަޔެއްގެ ތެރެއަށް
ދިވެހި ޒުވާނުންވަދެގެންދާނެ.
ރައްޔިތުން ކަންބޮޑުވާންޖެހެނީ މިކަންކަމަށް ބަދަލެއް
ގެންނަން މަސައްކަތްނުކޮށް ފާޑުފާޑުގެ ނަންނަމުގައި ޕްރޮގްރާމްތައް
ހިންގަން އުޅޭ މަންޒަރު ފެންނަމުންދާތީ. އެކަންކަމުގެ ހަޤީޤީ މަޤްޞަދާމެދު ސުވާލު
އުފެދެނީ މިފަދަ ސަބަބުތައް ލޮލަށް ފެންނާތީ. ދިވެހި ރައްޔިތުންނަށް އޯގާތެރި
ސަރުކާރެއްގެ ދަށުން ދެވަނަ ފުރުސަތެއްގެ ދޭކަމަށްބުނެ އެކުދިންގެ "ވޯޓް"
ހޯދުމަށް މަސައްކަތްކުރިއަސް ބުނެވޭނީ މިއީ " ބޮޑުވަރޭ". ދެންނެވޭނީ
ކުރިއަށް އޮތް އިންތިޚާބް ނިމުމުން އަނެއްކާވެސް މިކުދިން ޖަލަށްލެވި ގެންދާނެއޭ.
ދެން އަނެއްކާވެސް އޭރެއްގަ އޮންނަ އޯގާތެރި ސަރުކާރަކުން ތިންވަނަ ފުރުސަތެއްވެސް
ދޭނެއޭ.