8/28/2011

ޓެސްއަކީ ކޮންމެ ގައުމެއްގައިވެސް މުއްސަނދިންނަށް އަމާޒުކުރެވޭ އެއްޗެއް

ފާހަގަކޮށްލެވޭ ވިޔަފާރިވެރިންނާ ސަރުކާރުގެ އިސްވެރިން
ޓެކްސް ނެގުމުގެ ނިޒާމަކީ ވަރަށް ބޮޑު މަސައްކަތެއް. އެހެންނަމަވެސް މިކަން ކުރުމުގައި އެތައް ގޮންޖެހުންތަކެއް ހުރިނަމަވެސް ރާއްޖޭގައި މިކަން ނުކޮށް މަޑުކުރެވޭކަށް މިހާރަކު ނެތް. ދުވަހުންދުވަހަށް ކުރާ ޚަރަދުތައް ދަރަންޏަށް ފައިސާ ނަގައިގެން ކުރުމަކީ ރަގަޅުކަމަކަށް ނުވާނެ. އެހެންކަމުން މިކަން ފޫބެއްދޭނެ ހަމައެކަނި ގޮތަކީ ޓެކްސް ނެގުން ކަމަށްވާނަމަ ދައުލަތަށް ލިބޭ އާންމުދަނީ އިތުރުކުރުމަށް ޓެކްސް ނަގަން މިހާރު ވަނީ މަޖުބޫރުވެފަ. 
ސަރުކާރުގެ މާލީ އަދި އިގްތިސާދީ އިސްލާހީ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ޓެކްސް ނެގުމުގެ ބައެއް ބިލްތަކަށް ތާއީދު ނުކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުން. އެގޮތުން ސަރުކާރުން އެންމެ ބޮޑަށް ޕްރޮމޯޓް ކުރަމުންދާ އެއްބިލްކަމަށްވާ އިންކަމް ޓެކްސް ނެގުމުގެ ބިލް ހިމެނޭ. މިބިލަށް ތާއީދު ނުކުރައްވާނެ ކަމަށްވިދާޅުވެ އިދިކޮޅު ޑީއާރުޕީން ބުނެފައިވަނީ އިންކަމް ޓެކްސް އަކީ ސީދާ ރައްޔިތުންގެ އަތުންނަގާ ޓެކްސް އަކަށްވާތީ އެޕާޓީން އެކަމަށް ތާއީދު ނުކުރާނެ ކަމަށް. އަދި ބޮޑު އަދަދެއް އާންމު ދަނީން ޓެކްސް ނެގުމަކީ ތާއީދު ކުރާކަމެއް ނޫންކަމަށް. އެހެންނަމަވެސް ހަގީގަތަކީ އާންމުދަނީން ނެގޭ ޓެކްސް އަކީ މަހަކު 30000 ރ. އަށް ވުރެ މަދުން އާންމު ދަނީ ލިބޭ ރައްޔިތަކާ ގުޅުންހުރި ކަމެއް ނޫންކަން. މިގޮތަށް އިދިކޮޅުފަރާތްތަކުން ވިދާޅުވަމުންދާއިރު ރާއްޖޭގައި ގިނައީ މަހަކު 12000 ރ. އަށް ވުރެން ދަށުން މުސާރަ ލިބޭ ބޭފުޅުންކަން އިދިކޮޅުފަރާތްތަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނު. މިގޮތަށް ބޮޑެތި ވިޔަފާރިވެރިން ނުވަތަ މަޖިލީހުގެ ބައެއް މެންބަރުންގެ ވިސްނުން ހުންނަ ކަމަށްވާނަމަ އާންމުދަނީން ޓެކްސް ދެއްކުމާ ދެކޮޅަށް ދެތުވާނަމަ އާންމުދަނީ ބެހުމުގެ ފަރަގު ދުވަހަކުވެސް ކުޑަވެގެން ނުދާނެ. ރައްޔިތުންނާ ސީދާ ގުޅުންހުރީ ވިއްކާ މުދަލާއި ޚިދުމަތުގެ އަގުން ޖީއެސްޓީގެ ގޮތުގައި ނަގަން ހުށަހަޅާފައިވާ ފަސް ޕަސެންޓް ޓެކްސްއާ. އާންމުދަނީން ނަގާ ޓެކްސް އަކީ އާންމުދަނީ ބެހުމުގެ ފަރަގު ކުޑަކޮށްދޭ ވަސީލަތެއް.
އިންކަމް ޓެކްސްއަށް މިހާރު ނަގާ އެންމެ މަތީ މިންބަރަށް ބަލާއިރު އޮސްޓޭލިޔާގައި 54550 އޮސްޓްރޭލިއަން ޑޮލަރަށްވުރެ މަތިން ލިބޭ އާންމުދަނީން 45 ޕަސެންޓް ޓެކްސް ދައްކަންޖެހޭ. ރާއްޖޭގައި އާންމުދަނީން ޓެކްސް ނެގުމަށް މިހާރު އެކުލަވާލައިފައިވާ ބިލްގައި އޮތްގޮތުން 30000ރ. އާއި 60000ރ. އާ ދެމެދު އާންމުދަނީ ލިބޭ މީހެއްގެ އަތުން ތިން ޕަސެންޓް ނަގަން. އަދި 60001ރ. އާއި 100000ރ. އާއި ދެމެދު މިންވަރަކަށް އާންމުދަނީ ލިބޭނަމަ ދައްކަންޖެހޭނީ އޭގެ ހަ ޕަސެންޓް. އަދި 100001ރ. އިން ފެށިގެން 150000ރ. އާއި ހަމައަށް އާންމުދަނީ ލިބޭ ފަރާތްތަކުގެ އަތުން ނުވަތަ ނުވަޕަސަންޓް. އަދި 150000ރ. އަށް ވުރެ މަތިން އާންމުދަނީ ލިބޭނަމަ ނަގަނީ 15 ޕަސެންޓް.
ސަރުކާރުން މީގެ ކުރިންވެސް އައީ ނުސީދާކޮށް ޓެކްސް ނަގަމުން. މިސާލަކަށް ބަލާނަމަ އިމްޕޯޓް ޑިއުޓީ. އެހެންނަމަވެސް އޭގެ ފައިދާ ކޮންމެހެން ލިބެންޖެހޭ ދާއިރާތަކުން އޮތީ ޓެކްސް ނުނެގި. އޭގެތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭ. މުއްސަދިން އަތްނުފޯރާފަށަށް ދިއުމުގެ ސިއްރަކީ މިއީ. މިހާރުވެސް ކަންތައް ވަމުން އަނަނީ މިގޮތަށް ކަމަށް ބެލެވެން ފަށައިފި. ސަބަބަކީ ރިސޯޓް އޯނަރުންނަށް ޓެކްސް ދެއްކުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ހާމަކުރުން. އޮގޮތުން  ޓީޖީއެސްޓީގެ ގޮތުގައި 2013 އިން ފެށިގެން 10 ޕަސެންޓް ނެގުމަށް އޮތް އޮތުން 8 ޕަސެންޓަށް ކުޑަކުރުމާ ވިތުހޯލްޑިން ޓެކްސް ނެގުން ކަނޑާލަންވެސް ސަރުކާރުންވަނީ އެއްބަސްވެފައިވާ ކަން ފާހަގަކުރެވޭ. އަދިވެސް މިފަދަ އެތަށް ލުއިތަކެއް ވަނީ އެފަރާތްތަކަށް ދިނުމަށް ސަރުކާރުން އެއްބަސްވެފަ.
އިކޮނޮމިކް މިނިސްޓަރ ވިދާޅުވެފައިވަނީ ދައުލަތަށް އާންމުދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 13.4 ބިލިއަން ރުރިޔާގެ ތެރެއިން 3.99 ބިލިއަން ރުފިޔާ ލިބެނީ އާޓެކްސްތަކުން. އަދި 2013 ވަނަ އަހަރު ލަފާކުރާ 14.3 ބިލިއަން ރުފިޔާގެ ބަޖެޓްގެ ތެރެއިން 5.86 ބިލިއަން ރުފިޔާއަކީވެސް އަލަށް ތައާރަފްކުރާ ޓެކްސްތަކުން ލިބޭނެކަމަށް ލަފާކުރާ އާންމުދަނީ.
އަންނަ އަހަރު ޖީއެސްޓީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ. އަދި ފަރުދުންގެ އާންމުދަނީން ނަގާ ޓެކްސްއިން 300 މިލިއަން ރުފިޔާއާއި  ވިޔަފާރިފައިދާއިން ނަގާ ޓެކްސްއިން 690 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވޭ.

ليست هناك تعليقات:

إرسال تعليق