5/03/2012

މިއަދަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް

ނޫސްވެރިންނަށް ބިރުދެއްކުމާއި އެމީހުންނަށް ނުފޫޒް ފޯރުވުމަކީ ގަބޫލްކުރެވޭނެ ކަންތައްތަކެއް ނޫންކަމަށް ޔޫރަޕިއަން ޔޫނިއަނުން ވަނީ ބުނެފައި. އީޔޫއިން މިގޮތަށް ބުނެފައިވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށްވެސް ކަށަވަރުވެގެންވާ ހައްގެއް ކަމަށް ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްއިން ކަށަވަރުކޮށްދޭ ކަމަށާއި މިހައްގަކީ އެއްވެސް ހިފެހެއްޓުމެއްނެތި ޚަބަރާ މައުލޫމަތު ހޯދާ ލިބިގަތުމަށް ޚަބަރުފަތުރާ ވަސީލަތްތަކަށްވެސް ލިބިގެންވާ ހައްގުތަކެއް ކަމަށް އީޔޫން ބުނެފައިވޭ. 

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން  ޔޫރަޕިއަން ޔޫނިއަނުން ވަނީ މިނިވަން މީޑިއާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދެފަރާތްފެންނަ މިނިވަން ނޫސްވެރިކަމެއް ކުރުމަށް ގޮވާލާފަ. އަދި އެޑިޓަރުންނަށާއި ލިޔުންތެރިންނަށާއި ނޫސްވެރިންނާއި ބްލޮގް ލިޔުންތެރިންނަށް ނުފޫޒް ފޯރުވުމާއި އެމީހުން ހިފެހެއްޓުމާއި ބިރުދެއްކުމަށް ހިންގާ އަމަލު ތަކަކީ ގަބޫލްކުރެވޭނެ ކަންތައްތަކެއް ނޫންކަމަށްވެސް އީޔޫން ބުނެފައިވޭ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ދިމާވެފައިވާ ހުރަސްތައް ނައްތާލުމަށް ފުރާނަ އާއި ލެއިން މަސައްކަތްކުރައްވާނެ ކަމަށް، ކުރީގެ ރައީސްމުހައްމަދު ނަޝީދު ވެސް ވަނީ މިއަދު ވިދާޅުވެފައި. 

މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެމުނާސަބަތުގައި ޓްރޭޑާސް ހޮޓެލްގައި ނޫސްވެރިންނަށް ދެއްވި މެންދުރުގެ ފަރިއްކޮޅުގައި ވާހަކަ ދައްކަވަމުން ނަޝީދު އެދިވަޑައިގަންނަވަނީ ނޫސްވެރިކަމުގެ މިނިވަންކަމާއިޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްތަކެއްނައުންކަމަށް ވިދާޅުވި ނަމަވެސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ މީޑިޔާތަކަށް ސަރުކާރުގެ އިޢުލާނާއި އިސްތިހާރު ދިނުން ހުއްޓާލުމާއެކު ރާއްޖޭގައި ނުކުންނަމުން ދިޔަ އެތައް ނޫސްތަކެއް ހުއްޓި ނޫސްވެރިކަން ވަޅުޖެހިގެން ދިޔަކަން ގިނަ ނޫސްވެރިން ވަނީ ފާހަގަކޮށްފައި. އަދި ނަޝީދުގެ ވެރިކަމުގައި ނޫސް އިދާރާތަކަށް އިންޒާރުތައްދީ އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ކަވަރކުރާ ނޫސްވެރިންނަށް ހުރަސް އަޅައި ނޫސްވެރިން ހައްޔަރުކޮށް ހަދާފައިވާކަންވެސް ފާހަގަކޮށްލެވޭ. އަދި މިކަމަކީ ވޭތުވެދިޔަ  ވިހި އަހަރު ދުވަހު ތެރޭގައިވެސް ނޫސްވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކެއްކަންވެސް ފާހަގަކުރެވޭ. 

ނޫސްވެރިކަމަށް ހުރި ހުރަސްތަކާ ބެހޭގޮތުން ވާހަކަ ދެއްކެވި ބައެއް ނޫސްވެރިން ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމަށް ހީނަރުކަމެއް އައިސްފައިވާ ކަމަށް ނުފެންނަކަމަށާއި ނަމަވެސް މައްސަލައަކީ މީޑިއާގެ އެކި ފަރާތްތައް ސިޔާސީ ގޮތުންވަކި ކޮޅަކަށް ޖެހި ބައެއް ނޫސްވެރިންގެ ލިޔުންތަކުގައި އެ މީހުންގެއަމިއްލަ ސިޔާސީ ފިކުރު ހިމެނި ކުލަ ޖެހިފައިވުން ކަމަށް.

ނޫސްވެރިކަމުމުގެ މިނިވަންކަމާއި، ޚިޔާލް ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ކުރާއިރު، އެކަމުގެ ސަބަބުން  އަނެކާގެ މިނިވަންކަމަށް އަރައިގަނެވޭގޮތަށް އެއްވެސް ފަރާތެއްގެ އަމަލުތައް ނުބެހެެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަންވެސް ވަނީ މިއަދު މަނިކު ގޮވާލައްވާފަ. 

މިއަދު ދުނިޔޭގައި ފާހަގަކުރަމުންދާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ނޫސްވެރިންނާއި ރައީސް އޮފީހުގައި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކް ވިދާޅުވީ، ހިޔާލް ފާޅުކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ މިއަދު ރާއްޖޭގެ މުޖުތައުގައި ވަރަށް ބޮޑަށް ހުޅުވާލެވި ވަރަށް މިނިވަންކަމާއެކު ކުރެވެމުންދާ ކަމެއްކަމަށް. ނަމަވެސް މި މިނިވަންކަމުގެ ބޭނުން ކުރާ ބައެއް ފަރާތްތަކުން އޭގެ ބޭނުން ނުބައި ގޮތުގައި ހިފައި، އެހެން މީހުންނާއި، އެހެން ފަރާތްތަކުގެ މިނިވަންކަމާއި ހައްގުތައް ގެއްލޭގޮތަށް އަމަލުކުރަމުންދާކަމީ ހިތާމަކުރައްވާ ކަމެއްކަމުގައި. އަދި ގައުމެއްގެ އެތެރޭގެ ހަބަރުތަކާއި، ކަންކަން އެހެން ގައުމުތަކަށާއި، ރައްޔިތުންނަށް ހާމަކޮށްދިނުމުގައި ނޫސްވެރިންނާއި، ނޫސް މަޖައްލާތަކަކީ އެންމެ މުހިންމު ދައުރު އަދާކުރާ ފަރާތައްވާއިރު، ހަބަރާއި މައުލޫމާތު ފެތުރުމުގައި ހަމަހަމަކަމާއި، އިންސާފުން ޚަބަރު ފެތުރުމަށްވެސް ރައީސް ވަހީދު ވަނީ ގޮވާލައްވާފަ.

ހިޔާލް ފާޅުކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ ބަލައި ނޫސްވެރިން ތަމްރީންކޮށް، ކުރިއަށް ދިއުމުގައި ސަރުކާރުން ވެދެވެން އޮތް އެހީތެރިކަމެއް ވެދެއްވާނޭކަމަށްވެސް ރައީސް ވިދާޅުވި. ރާއްޖޭގައި ނޫސްވެރިކަން އޮތް މިންވަރާއި، އަދި ރާއްޖޭގެ ސަރުކާރުތަކުން ނޫސްވެރިކަން ބޭނުން ކުރަމުންދިޔަ ގޮތަށް އަލި އަޅުއްވާ ލައްވަމުން ރައީސް ވަހީދު ވިދާޅުވީ ނިމިދިޔަ ކޮންމެ ސަރުކާރެއްގައިވެސް އަމިއްލަ މީޑިޔާއެއް އޮތްކަމުގައި ވީނަމަވެސް އަދުގެ ސަރުކާރުގެ ޓީވީއެއްވެސް ރޭޑިޔޯއެއްވެސް އަދި ނޫސް މަޖައްލާއެއްވެސް ނެތްކަމަށް. އަދި މީގެކުރިން ސަރުކާރުގެ ޚަބަރު ފަތުރަމުންއައި، އެމްއެންބީސީ ގާނޫނުގައި ވާގޮތުގެ މަތީން އެމްބީސީއާއި ހަވާލުކޮށް، އެފަރާތްތަކުގެ ހައްގުތައް ހޯދައި ދެވުނުކަމީ ސަރުކާރަށް ލިބުނު އެންމެ ބޮޑު އުފާކަމުގައި ރައީސް ވަހީދު ވިދާޅުވި.

މީޑިޔާ ކޮންޓްރޯލްކޮށްގެން މީޑިޔާގެ މިނިވަންކަން ނުލިބޭނެ ކަމަށް މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނަޒީފު ވެސް ވަނި މިއަދު ވިދާޅުވެފައި. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެންއެމްޖޭއިން ލޯންޗްކުރިމައުލޫމާތު ހޯދާ ލިބިގަތުމުގެ ކެމްޕޭންއިފުތިތާހު ކުރުމުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޒީފް ވިދާޅުވީ، މީޑިޔާގެ މިނިވަންކަން ދެން ފަހަތަށް ނުދާނެކަމަށާއި ހިފެހެއްޓުމެއްގެ ތެރޭގައި މީޑިއާ ބާއްވައިގެން މިނިވަންކަމެއް ނުލިބޭނެ ކަމަށް. ނަޒީފް ވިދާޅުވީ، ނޫސްވެރިން ތަމްރީން ކުރަންޖެހޭ ކަމަށާއި ނޫސްވެރިކަން ކުރުމަށް ރަގަޅު މާހައުލެއްވެސް ގާއިމް ކުރަންޖެހޭކަމަށް. މި ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން އެމްޖޭއޭގެ ރައީސް ހިރިގާ އަހުމަދު ޒާހިރު ވިދާޅުވީ، މީޑިއާއަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް މީޑިއާ ފަހަތަށް ނުޖެހޭނެކަމަށް. ހިރިގާގެ ވާހަކައިގައި މައުލޫމާތު ހޯދާ ލިބިގަތުމުގެ ޚާއްޞަ ކެމްޕޭނެއް ހިންގަން ޖެހުނީ ފަސޭހަކަމާއެކު ތަފާތު ކުރުމެއް ނެތި މައުލޫމާތު ލިބުމަކީ މިނިވަން ނޫސްވެރިކަމެއްގައި އެއްމެ މުހިންމު އެއް އަސާސް ކަމަށްވެފައި މިކަމާ ގުޅޭ ގާނޫނު އަވަހަށް ނިންމައި ވުޖޫދަށް ގެނައުމުގައި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމަށް ކަމަށް.