9/15/2011

ޞުލްޙަމަސަލަސްކަން ޤާއިމްކުރެވެން އޮންނާނީ، ޑިމޮކްރަސީއަށް ގޮވާލާ ފަރާތްތަކުގެ އަޑު އަހައިގެން- ރައީސް


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު
ބައިނަލްއަޤްވާމީ މަސްރަހުގައި ޞުލްޙަމަސަލަސްކަން ޤާއިމްކުރުމުގައި، އެއީ ސަރުކާރުން ކިތަންމެ އެދޭ ނުވަތަ ނޭދޭ ކަމަކަށްވިޔަސް، ސަރުކާރަށް މަޖުބޫރުވެފައި އޮންނާނީ، ޑިމޮކްރަސީއަށް ގޮވާލާ ފަރާތްތަކުގެ އަޑު އަހައި، އެފަރާތްތަކުން ނިންމާ ގޮތަކައިގެން ކުރިޔަށް ދިޔުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ޖެނީވާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމާބެހޭގޮތުން އ.ދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ބޭއްވި މަތީ ފެންވަރުގެ ބައްދަލުވުމެއްގައި، އިއްޔެ ވާހަކަފުޅު ދައްކަވަމުން.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަމާން މާޙައުލެއްގައި، ސުލްޙަވެރިކަމާއެކު އެއްވެ، ޚިޔާލުފާޅުކުރުމުގެ ޙައްގު ބައިނަލްއަޤްވާމީ ނަޒަރަކުން ބަލައިގަންނަންޖެހޭނީ ޢާންމު ފަރާތްތަކުން މުޢާމަލާތު ކުރުމަށާއި، އެފަރާތްތަކުގެ މިނިވަންކަން ހޯދުމަށާއި، އެފަރާތްތަކަށް ހެޔޮބަދަލަށް މަގުފަހިކޮށްދޭ ފުރުސަތުތަކެއްގެ ގޮތުގައި ކަމަށް ވިދާޅުވި. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މެދުއިރުމަތީގެ ޤައުމުތައް ކަމުގައިވާ ޓިއުނީސިޔާ، މިޞްރު އަދި ލީބިޔާގައި މިނިވަންކަން ޤާއިމުކުރުމަށްޓަކައި، އެޤައުމުތަކުގައި އިދިކޮޅު ފަރާތްތަކުން ސާބިތުކަމާއެކު ކުރަމުންގެންދާ މަސައްކަތްތަކަކީ، އެކަމުގެ ސަބަބުން، އިންސާނީ ތާރީޚު އަބަދުގެ އަބަދަށް ބަދަލުވެގެންދާނެ މަސައްކަތްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި. އަދި މިއަހަރު ތެރޭގައި ބާއްވާފައިވާ މިފަދަ އެއްވުންތަކަކީ، ޒަމާނުއްސުރެ ސަރުކާރުގެ އެކި ފަރާތްތަކުން ޢާންމުންނަށް މަޢުލޫމާތު ފޯރުކޮށްދޭ ވަސީލަތްތައް ހުއްޓުވުމަށްޓަކައި ކޮށްފައި ހުރި މަސައްކަތްތައް، ނާކާމިޔާބުވީކަން ދޭހަކޮށްދޭ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވި.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިންސާނީ ޙައްޤުތައް ހިމާޔަތްކުރާ، އިޚްލާޞްތެރި، ވަފާތެރި އަދި ރައްޔިތުންނަށާއި ޤާނޫނަށާއި ދައުލަތަށް ކިޔަމަންތެރި ވެރީންނަށް ބޭނުންވާކަމަށް ވިދާޅުވަމުން، އާންމު ރައްޔިތުންގެ މަންފާގެ މައްޗަށް، އަމިއްލަ އެދުން ކުރިއަށް ނެރުމަށް މަސައްކަތް ކުރާ ފަރާތްތައް ކުށްވެރިކުރެއްވި. މީގެއިތުރުން، ޢަރަބިލީގުންނާއި މުސްލިމުން ގޮވާލަމުންދާ ގޮވާލުންތަކުގެ އަޑުއަހައި، ސުލްހަވެރިކަމާއެކު އެއްވެ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށްވެސް އެމަނިކުފާނު ގޮވާލެއްވި.

ليست هناك تعليقات:

إرسال تعليق