9/12/2011

ރާއްޖޭގެ ރީތި ނަން ދެމެހެއްޓުމަށް ބޭނުންވަނީ ހަމައެކަނި ޓޫރިޒަމް ދާއިރާއަށް ހުނަރުވެރި މީހުންބާ


ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއަށް ލިބިފައިވާ ރީތިނަމާއި ތަޞައްވުރު އިތުރަށް ދެމެހެއްޓުމަށްޓަކައި ޓޫރިޒަމް ދާއިރާއަށް އުފެއްދުންތެރި، ޤާބިލް، ހުނަރުވެރި މީހުން އިތުރަށް ބޭނުން ކަމުގައި ނައިބު ރައީސް ވިދާޅުވެއްޖެ.
 

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ބިނާކުރުމަށްޓަކައި ޓޫރިޒަމް ޕްލޭނެއް އެކުލަވާލުމާބެހޭ މަސައްކަތު ބައްދަލުވުން އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން.
ސޯޝަލް ސެންޓަރުގައި އިއްޔެ ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ފަތުރުވެރިކަމުގެ ދާއިރާއާމެދު ބައެއް ފަރާތްތަކުން އެހެން ނަޒަރަކުން ދެކޭކަން ފާހަގަކުރެއްވި. އޭގެ ސަބަބުތަކުގެ ތެރޭގައި، މިދާއިރާގައި ވަޒީފާގެ ފުރުޞަތު ހުޅުވިފައިވާ މިންވަރު ނޭނގުމާއި، އެހެން ދާއިރާތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރަތަކުގައި ތަފާތު ހުރުމާއި، މިދާއިރާގައި ކުރިއަށް ދިއުމަށް ޒުވާނުންނަށް އޮތް ފުރްޞަތުތައް ރަނގަޅަށް އޮޅުންފިލާފައި ނެތުން ހިމެނޭ ކަމުގައި ނައިބު ރައީސް ވިދާޅުވި. 

ނައިބު ރައީސް މިގޮތަށް ވިދާޅުވާއިރު ތަމްރީންނާއި ތަޖްރިބާ ލިބިފައިވާ ދިވެހިންގެ އަދަދު އެމަނިކުފާނަށް އެނގިލައްވަނީ ކިހާވަރަކަށްވާއޭ ހިތައްއަރާ؟ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ ދިނުމަށް ބޮޑަށް އިސްކަންދެނީ  ދިވެހިނަށްތޯ ނޫނީ ބިދޭސީންނަށްތޯ؟

ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ވާހަކަފުޅުގައި، ފަތުރުވެރިކަމުގެ ދާއިރާގައި އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ މައިގަނޑު ބޭނުމަކަށް ވާންޖެހޭނީ މިދާއިރާގައި މަސައްކަތްކުރާނެ ހުނަރުވެރި، ޤާބިލް ޒުވާނުން ތަމްރީންކުރުން ކަމުގައި ވިދާޅުވި.  އަދި، ފަތުރުވެރިކަމުގެ ދާއިރާގެ އިސް ހިންގުންތެރިންގެ ގޮތުގައި ޒުވާނުން ހަރަކާތްތެރިވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވައި، ޒުވާން ޖީލަކާ ނުލައި ފަތުރުވެރިކަމުގެ ޞިނާޢަތު ކުރިއަށް ނުދާނެ ކަމުގައި ނައިބު ރައީސް ވިދާޅުވި. 

ނައިބް ރައީސް މުހައްމަދު ވަހީދު ހަސަންމަނިކަށް ނޭގެނީތޯ އަޅުގަނޑުމެންގެ ޒުވާން ޖީލު މިހާރުވަނީ މަސްތުވާތަކެތީގެ ވަބާގައިޖެހި ފަނާވެފައިކަން. ފުރަތަމަ އެކަމަށް ފަރުވާހޯދުމަށްފަހު ބަޔަކު ފަތުރުވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުން މުހިންމު.
ސަރުކާރުން ކިހާވަރަކަށް ޒުވާނުން މިދާއިރާއަށް އަހުލުވެރިކުމަށް މަސައްކަތް ކުރޭބާ ނޫނީ ތަމްރީން ދެމުން ގެންދޭބާ؟ އަޅުގަނޑުގެ ހިތައް ހަމަ އަރަނީ ނައިބުރައީސް އަދި ސަރުކާރުގެ އިސްވެރިން މިވާހަކަ މިގޮތަށް ދައްކަވަމުން ގެންދާއިރު އެބޭފުޅުންނަށް މުޖްތަމައުގެ ހާލަތު ހުރިގޮތް ހަމަ ނޭގެނީބާއޭ؟ ނޫނީ ހަމަ ޖެއްސުމަށް މިގޮތަށް މޮޅު ވާހަކަތަކެއް ދައްކާލާފަ ނިންމާލަނީބާ؟ މިގޮތަށް މިވާހަކަ ދައްކާފަ މިކަމަށްވެސް އެއްވެސް އަމަލީ ސިފައެއް ނާންނާނެކަން ކަށަވަރު.

ليست هناك تعليقات:

إرسال تعليق