6/16/2012

މެންބަރުންނަށް ބޮޑު މުސާރަ ނަގަންވީމަ މާލީ ހާލަތު އޯކޭ


މަޖިލީހުގައި ހިމެނޭ އިއްޒަތްތެރި ކޮންމެ މެންބަރަކު މަހެއްގެ މައްޗަށް 85 ހާސް ރުފިޔާ ނަންގަވާއިރު މަޖީލީހުގެ ޖަލްސާއަކަށް ހާޒިރު ނުވިޔަސް އަދި ކޮމިޓީގެ ބައްދަލު ވުމަކަށް ދުވަހަކު ވަދެވަޑައި ނުގެންނެވިޔަސް ކޮމިޓީގެ ބައްދަލުވުމެއް ނުބޭއްވިޔަސް މެންބަރުންގެ މުސާރައާއި އިނާޔަތުން އެއްވެސް އެއްޗެއް އުނިނުވާނެކަން ހާމަވާފަދަ ނިންމުމެއް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި.

މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާ ކޮމިޓީ އެލަވަންސާއިމެދު މާލިއްޔަތު ކޮމިޓީން އެންމެ ފަހުން ނިންމި ނިންމުމުގައި ވަނީ ހުސްވި މާޗްމަހު، މަޖިލީހުގެ ޖަލްސާއެއްވެސް އަދި ކޮމިޓީގެ ބައްދަލުވުމެއް ނުބޭއްވި ނަމަވެސް މެންބަރުންނަށް ފުރިހަމައަށް ކޮމިޓީ އެލަވަންސް ލިބޭނެ ކަމަށް.

އަމިއްލައަށް މުސާރައާއި އިނާޔަތްތައް ކަނޑައަޅައިގެން ރައްޔިތުންގެ ހައްގުގައި މެންބަރުން ވަކާލާތު ކުރެއްވުމަށް ތިއްބަވާތީ މި މުސާރައާއިމެދު ރައްޔިތުން އެއްވެސް އެއްޗެކޭ ނުބުނެ ތިބެނީ މެންބަރުން ކޮންމެ ދުވަހަކު ޖަލްސާއަށް ވަޑައިގެން އެކުޅުއްވާ ޑްރާމާތައް ބައްލަވަން ކަމުގައި ވުމީ އެކަށީގެންވާ ކަމެއް. ކޮންމެ ދުވަހަކު ރައްޔިތުންނަށްޓަކާ ސިލްސިލާ ޑްރާމާ ކުޅުއްވައި އަމިއްލަ ގޮނޑި ދިފާޢު ކުރެއްވުމަށް ރައްޔިތުންނާބެހޭ ކޮންމެވެސް ޖުމްލަކޮޅެއް ވިދާޅުވެ ވާހަކަ ދެއްކެވި ނަމަވެސް މަޖިލީހުގެ ކޯރަމް ގެއްލި ޖަލްސާތައް ނުބޭއްވިދާއިރުވެސް މެންބަރުން ތިއްބަވަނީ ސައިކޮޓަރީގައި ރައްޔިތުންގެ ޚަރަދުގައި ސައިބައްލަވަން. މިހެން ތިއްބަވާފައި މުސާރައާއި އިނާޔަތު މަހުން މަހަށް ނަންގަވައިގެން ކޮޅުބަށާއި ސިންގަޕޫރަށާއި ބެންކޮކަކަށާއި ޔޫރަޕު ބަލައިލައި އުފާކޮށްލުމަށް މަހަކު ދެކޮޅު ދަތުރުކޮށްލުމަށްފަހު ގަޔަށް އަރާމުކޮށްލައިގެން ވަޑައިގެން ދެން ވިދާޅުވަނީ ބަޖެޓްގައި ފައިސާނެތިގެން ރައްޔިތުންނަށް ކަންކަން ކޮށްދެވެން ނެތް ވާހަކަ. އެގޮތުން އެންމެ ބޮޑަށް މެންބަރުން ފާހަގަކުރައްވާ އެއްކަމަކީ ގައުމުގެ މާލީ ހާލަތު ދަށްވާ ވާހަކަ. ބަޖެޓްގައި ފައިސާ ނެތްވާހަކަ. ކޮންމެވެސް މީހަކު ބަޖެޓް ކާލި ވާހަކަ. އެހެންނަމަވެސް އަމިއްލައަށް ބޮޑު މުސާރައާއި އިނާޔަތްތައް ކަނޑައަޅަންވީމާ ބަޖެޓްގައި ފައިސާ ހުރެފައި މާލީ ހާލަތުވެސް އޯކޭ. ވަރަށް ކުޑަ މިސާލެއް ދަންވާނަމަ އާސަންދައިގެ ނިޒާމާ ގުޅިގެން މެންބަރުން ދެއްކެވި ވާހަކަ އެއީ ހަމަ މިފަދަ ވަރަށް ރަނގަޅު މިސާލެއް.

މެންބަރުންގެ ވާހަކަ މިގޮތަށް ހުރި އިރު މަދުވެގެން މިއުޅޭ ފައިސާ ބަޖެޓަށް ވަންނާނެ ގޮތްތައްވެސް މެންބަރުންނަށް އެގެންޖެހޭނެ ކަމަށް ގަބޫލުކުރެވޭ. އާސަންދަ ފަދަ ނިޒާމުތައް ހިންގެން ނެތިގެން ސަބްސިޑީ ދެވެން ނެތިގެން އެނިޒާމްތައް އުވާލާ ނުވަތަ ބަދަލުކުރާ ވާހަކަ މެންބަރުން ދައްކަވާއިރު މުސާރަކޮޅު ހޯއްދަވާ އުސޫލުން އެނިޒާމުތައް ހިންގުމަށް ފައިސާ ހޯދާނެ ގޮތްތައް ހޯދުމަކީވެސް މެންބަރުންގެ ޒިންމާއެއްކަމުގައި ގަބޫލުކުރެވޭ.

60 އަހަރު ވުމުން މުސްކުޅި ކުރެވޭ މީހުންނަށް އިނާޔަތް ދޭވާހަކަ ދެއްކެވި ދުވަހުވެސް މެންބަރުން އެކަމަށް ތާއީދު ކުރިނަމަވެސް ބަޖެޓްގައި ފައިސާ ނެތިގެން އެފައިސާވެސް ދޭނެގޮތެއް މެންބަރުންނަކަށް ފެނިވަޑައެއް ނުގެންނެވި. ނަމަވެސް ކޮމިޓި އެލަވަންސް ނަންގަވާނެ ހުރިހާ މަގެއް މެންބަރުންނަށް ވަނީ ފެނިވަޑައިގެންފައި.

ފަނޑިޔާރުންގެ ގާނޫނަށް ހުށެޅި އިސްލާހަށް ވާހަކަ ދައްކަވަމުންވެސް މެންބަރުން ވަކާލާތު ކުރައްވާފައިވަނީ ހަމަ މިމޭރުމަކުން. ވަކި މީހަކަށް ފައްސާފައިވާ ލިބާހެއްކަމަށް ވިދާޅުވެ މެންބަރުން ވިދާޅުވީ ބަޖެޓްގައި އެފައިސާވެސް ނެތްވާހަކަ.

6/13/2012

ބަޖެޓްގައި ފައިސާ ނެތަސް މެންބަރުންނަށް ބޮޑު މުސާރައާއި އިނާޔަތް


ބަޖެޓްގެ ދަތިކަން ކުރިމަތިވެ އާސަންދައިގެ ޚިދުމަތް ދޭނެ ފައިސާނެތި ފަނޑިޔާރުންނަށް އިނާޔަތްދޭނެ ފައިސާނެތި އަދި ފައިސާ ނެތިގެން ގައުމުގެ އިޖްތިމާއީ ތަރައްގީ ހުއްޓިފައިވާ ކަމަށް ތަކުރާރުކޮށް މަޖިލީހުގެ ތަޅުމުގައި މެންބަރުން ވާހަކަ ދެއްކެވުމަށްފަހު މަސައްކަތް ނުކުރާ މަހުވެސްކޮމިޓީއެލެވެންސްގެ ގޮތުގައި ވިހި ހާސްރުފިޔާ މެންބަރުންނަށް ދިނުމަށް މާލިއްޔަތު ކޮމިޓީން ނިންމައިފި.

އަމިއްލައަށް މުސާރައާއި އިނާޔަތްތައް ކަނޑައަޅައި ކޮންމެ މަހަކު މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި އައްޑިހަ ފަސްހާސް ރުފިޔާއާއި އާސިޔާންގެ ގައުމުތަކުން ބޭސްފަރުވާ ހޯއްދަވަމުން ގެންދަވާ މެންބަރުން ކޮމިޓީގެ މަސައްކަތް ނުކުރައްވާ ގޭގައި ތިއްބެވި ދުވަސްވަރަށްވެސް ކޮމިޓީ އެލަވަންސްގައި ގޮތިގައި ވިހިހާސް ނެންގެވުމަށް ނިންމާފައިވަނީ މާލިއްޔަތު ކޮމިޓީގެ އަޣުލަބިއްޔަތުން.

މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ވިހި ހާސް ރުފިޔާގެ ކޮމެޓީއެލަވަންސް ނެގުމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކުރިއިރު މިކަމާ ދެކޮޅަށް އެއްވެސް މެންބަރަކު ވާހަކަ ދައްކަވާފައިވާކަން އެނގިފައެއްނުވޭ. މަސައްކަތަށް ވަޑައިގަތަސް ނުގަތަސް ބޮޑު މުސާރައާއި އިނާޔްތަތަކާއި ސިއްހީ ފަރުވާތައް އުނިއިތުރުވުމެއްނެތި ރައްޔިތުންގެ ފައިސާއިން ރައްޔިތުންގެ މެންބަރުންނަށް ކޮންމެ މަހަކު ދެމުން ގެންދާއިރުވެސް ކޮންމެ ދުވަހަކުވެސް މަޖިލީހުގެ ޖަލްސާ ކޯރަމް ހަމަނުވެގެން މެދުކަނޑާލަމުން ގެންދާއިރު މެންބަރުން ތިއްބަވަނީ ކުޑަދަށުގައިކަން މަޖިލީހުގެ ރިޔާސަތުންވެސް ވަނީ ފާހަގަ ކުރައްވާފައި.

 ކޮމިޓީއަށް ވަޑައިގަތަސް ވަޑައިނުގަތަސް މަޖިލީހުގެ އިއްޒަތްތެރި މެންބަރުން 20000 ރުފިޔާގެ އެލަވަންސްނަންގަވަން ފާސްކުރިއިރު އެކަމަށް ދައުލަތުގެ ބަޖެޓުން މަހަކު1.5 މިލިއަން ރުފިޔާ ހޭދަކުރަންޖެހޭއިރު ރައްޔިތުންނަށް އާސަންދައިގެ ޚިދުމަތް ދިނުމަށް ބަޖެޓު ކުރެވިފައިވާ މިންވަރަށްވުރެ މަދުވާ ދެމިލިއަނެއްހާ ރުފިޔާ ހޯދާނެ ގޮތެއް ނޭގިގެން މެންބަރުން ބަހުސް ކުރައްވައި އެކަން އެކިފަރާތްތަކުގެ ބޮލުގައި އަޅުވަމުން ގެންދިއުމަކީ ލަދުވެތިވާން ޖެހޭނެ ކަމެއް ކަމުގައި ބައެއް ފަރާތްތަކުންދެކޭ.

މަޖިލިސް މުއަހަރަށް ހުޅުވަން ހަމަޖެހިފައި އޮތް މާޗްމަހުގެ އެއްވަނަ ދުވަހު އެމްޑީޕީގެ މެންބަރުން މަޖިލިސް ބޭއްވުމަށް ހުރަސްއެޅުމުގެ ސަބަބުން މަޖިލިސް ނުބާއްވާދިޔަ މާޗް މަހު ވެސް މެންބަރުބަރުންނަށް ކޮމެޓީ އެލަވަންސް ދިނުމަށް މާލިއްޔަތު ކޮމިޓީގައި ވޯޓު ދެއްވީ އޭދަފުށީދާއިރާގެ މެމްބަރު ރެޑްވޭވް ސަލީމާއި ނޮޅިވަރަމް ދާއިރާގެ މެމްބަރުމުހަންމަދު ނަޝީދު، ކާނަލްއާއި އަލިފުށީ ދާއިރާގެ މުހަންމަދު ނާޝިޒް އަދި ހުޅުމީދޫދާއިރާގެ އިލްޔާސް ލަބީބް. ވޯޓު ނުދެއްވަނީ ވިލުފުށީ ދާއިރާގެ މެމްބަރުރިޔާޒް ރަޝީދާއި ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފު އަދިކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ. 

މަޖިލީހުގެ މެންބަރުންގެ ސަބަބުން މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނުބޭއްވިމަހެއްހާ ދުވަސް ވަންދެން މެންބަރުން އަތްއުރާލައްވައިގެން ގޭގައި ތިއްބެވުމަށްފަހު ކޮމިޓީ މަސައްކަތަށް ލިބިވަޑައިގަންނަވާ 20 ހާސް ރުފިޔާ ނަންގަވަން ނިންމެވިއިރު މެންބަރުން ކޮންމެ ދުވަހަކުހެން މަޖިލީހުގައި ދައްކަވަނީ ބަޖެޓް ނެތިގެން، އިގްތިޞާދީ ހާލަތު އޮތްގޮތުން އާސަންދައިގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވޭނެ ވާހަކައާއި މިނިވަން މުއައްސާތަކަށް ދޭ މުސާރައާއި ބަޖެޓް ބޮޑު ވާހަކައާއި ފަނޑިޔާރުންނަށް ދޭ މުސާރައާއި އިނާޔަތްތައް ބޮޑުވާހަކައާއި ދައުލަތުގެ ބަޖެޓުން އިތުރު އެއްވެސް އެލަވަންސެއް ޚަރަދެއް ކުރެން ނެތް ވާހަކަ. މެންބަރުން މުސާރައާއި އިނާޔަތް ނަންގަވަން ވީމާ ބަޖެޓުގައި ފައިސާ ހުރެފައި ރައްޔިތުންނަށް ފައިސާ ދޭންވީމުންނާއި މިސްކިތްތައް މަރާމާތު ކުރަން ޖެހުމުން ބަޖެޓު ތާށިވެ ނާށިގަނޑު ހިފައިގެން ނުކުންނަން ޖެހުމަކީ މެންބަރުންގެ ބަހާއި އަމަލު ދިމާނުވާ ކަމުގެ ހެއްކެއް ކަމުގައި މަޖިލިސް ދިރާސާކުރައްވާ ފަރާތްތަކުން ވިދާޅުވޭ.

6/11/2012

ގެއްލިފައިވާކަމަށް ދައްކާ ތިރީސް ދެ މިލިއަން ޑޮލަރު ހޯދަން މަސައްކަތްކުރަންޖެހޭކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބް ވިދާޅުވެއްޖެ


އޭސީސީއަށް ފައިސާދީގެންނަމަވެސް އެއާޕޯޓާއި ދިރާގުގެ މުއާމަލާތުން ގެއްލިފައިވާކަމަށް ދައްކާ ތިރީސް ދެ މިލިއަން ޑޮލަރު ހޯދަން މަސައްކަތްކުރަންޖެހޭކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބް ވިދާޅުވެއްޖެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް މާލިއްޔަތުގެ ޤާނޫނު އަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ވާހަކަ ދައްކަވަމުނ މުއްތަލިބް ވިދާޅުވީ، އެއާރޕޯޓް ކުއްޔަށް ދިނުމަށްފަހު އަޕްފުރަންޓްގެ ގޮތުގައި 100 މިލިއަން ޑޮލްރު ނެގިކަމަށް ފިނޭންސް މިނިސްޓްރީން ދައްކާ ކަމަށާއި ނަމަވެސް އޭގެތެރެއިން ބާވީސް މިލިއަން ޑޮލަރުވީތަނެއް ނޭގޭކަމަށް. އަދި ހަމަ އެގޮތަށް ދިރާގުގެ ހިއްސާވިއްކައިގެން ލިބުނުކަމަށް ބުނާ ފައިސާގެ ތެރެއިން ދިހަ މިލިއަން ޑޮލަރަށްވެސް ވީނުވީއެއް ނޭގި ގެއްލިފައިވާކަމަށް. މުއްތަލިބް ވިދާޅުވީ އެއީ ވަރަށްބޮޑު އޮޅުވާލުމެއްކަމަށާއި އެގޮތަށް ފައިސާ ލިބިފައިހުރިކަން އެނގޭނަމަ އެ ފައިސާއަށް ވީގޮތެއްވެސް ބަލަންޖެހޭކަމަށް.

މިބިލު ހުށަހަޅުއްވާފައިވަނީ މިޤާނޫނުގެ 31، 32 (ރ)، 33، 35(ހ)، (ރ) އަދި 37 ވަނަ މާއްދާގައި “ސަރުކާރުގެ ކޮންމެ މަސްއޫލު އޮފީހަކުން” ބަޖެޓް ފޮނުވަންޖެހޭ ކަމަށް ވާއިރު ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ހ) އާއި ތަޢާރުޟްވާކަމަށް ފެންނާތީ އާއި މިޤާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން ޖުރުމާނާ ކުރުމާއެކު އެމީހެއްގެ މައްސަލަ ޝަރީއަތަށް ފޮނުވާ ގޮތަށް އޮންނައިރު، ޤާނޫނު އަސާސީގެ 60 ވަނަ މާއްދާގެ (ހ) އާއި ތަޢާރުޟުވާ ކަމަށް ފެންނާތީއާއި އަދި މިޤާނޫނުގެ 50 ވަނަ މާއްދާގެ (ހ) ގައި “ފާސްކުރާ ބަޖެޓް” ކަމަށް ބުނެފައިވާ އިބާރާތުގައި ޤާނޫނު އަސާސީގެ 78 ވަނަ މާއްދާއަށް ހަވާލާދީފައިވާއިރު، ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) އާއު ތަޢާރުޟްވާ މިންވަރު އިޞްލާޙުކުރަންޖެހޭ ކަމަށް ފެންނާތީ.

ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ހ) ގައި ވަނީ ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރީން އެ އަހަރަކަށް ދައުލަތުން ހިނގާނޭކަމަށް ލަފާކުރާ ޚަރާދާއި، ދައުލަތަށް ލިބޭނޭކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް، އަދި ވޭތުވެދިޔަ މާލީއަހަރު ދައުލަތުން ހިނގި ޚަރަދާއި، ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު މިނިސްޓަރ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމަށް.

ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ހ) ގައި ވަނީ ޖިނާއީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ކޯޓަކުން ޙުކުމްކޮށްފިނަމަ، ދެވަނަ ފަހަރަށް ހަމަ އެށުގެ ނުވަތަ އެކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އެމީހެއްގެ މައްޗަކަށް ނުއުފުލޭނެކަމަށާއި އަދި ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ ނުވަތަ އެކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އެ މީހެއްގެ މައްޗަކަށް ނުއުފުލޭނެކަމަށް.

6/07/2012

ރައްޔިތުންގެ މަޖިލިސް: އިގްތިސާދީ ކަންބޮޑުވުން


މަޖިލީހުގެ ރިޔާސަތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް
ރާއްޖޭގެ އިގްތިސާދީ ހާލަތާ މެދު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ކަންބޮޑުވުން ފާހަގަކޮށްފި.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް މެންބަރުންގެ ވާހަކައިގައި މުޅި ގައުމު ބިނާވެފައިވަނީ ނާޒުކު އިގްތިސާދެއްގެ މައްޗަށް ކަމަށާއި ދުވަހުން ދުވަހަކަށް ގައުމުގެ އިގްތިސާދު ދަށަށްދާކަން ފާހަގަކޮށްފައިވޭ. އެގޮތުން ރައްޔިތުންނަށްދޭ އަސާސީ ޚިދުމަތްތައް އޮންނަނީ އެންމެ ރަގަޅަށް ނޫންކަމަށާއި ކިތައްމެ ރަށެއްގައި އެއަސާސީ ޚިދުމަތް ނުދެވިފައިވާ އެތައްބަޔަކު ތިބިކަން ފާހަގަކޮށްފައިވޭ. 

މެންބަރަކުވަނީ މިއަދު ރާއްޖެއަށް އައިސްފައިވަނީ އިގްތިސާދީ ގޮތުންބަލާނަމަ ސްޓެގްފްލޭޝަނެއްކަމަށްވެސް ވިދާޅުވެފަ. އެގޮތުން މިކަހަލަ ހާލަތެއްގައި އިންފްލޭޝަން ވަރަށް ބޮޑަށް މަތިވެފައި އިކޮނަމިކް ގްރޯވްތު ދަށްވާނެކަމަށާއި އަދި މިކަންތައްތައް ހައްލުކުރުމަށްޓަކައި ސްޓެގްފްލޭޝަން ދަށްކުރުމަށްޓަކައި އަދި ވަޒީފާނެތުން މަދުކުރުމަށްޓަކައި މަސައްކަތް ކުރިވަރަކަށް އިގްތިސާދީ ހީނަރުކަން ދާނީ އިތުރު ވަމުންކަމަށް ވިދާޅުވި. އަދި ފަތުރުވެރިކަން ފަދަ ޚިދުމަތްތަކުގެ ދާއިރާގެ މައްޗަށް ބަރޯސާވެގެން ބެލްންސް އޮފް ޕޭމެންޓް ހަމަޖައްސާ ގައުމުތަކަށް މިކަހަލަ ކަންތައްތަކުގެ ސަބަބުން ދިމާވާ މައްސަލަތައް ބޮޑުކަންވެސް އެ މެންބަރު ފާހަގަކުރެއްވި.

ބައެއް މެންބަރުން ވިދާޅުވީ، ރާއްޖެއަށް އާންމުދަނީ ލިބޭވަރާއި އާންމުދަނީގެ ޚަރަދުތައް ބައްޓަންކޮށްފައިވާ ގޮތާއި ދައުލަތުގެ ބަޖެޓް ބަޖެޓްހަމަޖެހިފައިވާ ގޮތާއި  ދައުލަތަށް އިތުރު އާންމުދަނީ ލިބޭނެ ގޮތް ހަމަޖައްސަން ޖެހޭކަމަށް. އިންފްލޭޝަން އިތުރުވެ ދައުލަތުގެ ޚަރަދު ފޫނުބެއްދޭކަމަށްބުނެ ބައެއް މެންބަރުންވަނީ ޑިއުޓީ ބޮޑުކުރުމަށްވެސް ގޮވާލައްވާފަ.


6/06/2012

މަރަށް މަރުހިފުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ގޮވާލައްވައިފި



ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް
މަރަށް މަރުހިފުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ގޮވާލައްވައިފި. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިގަމުންދާ މާރާމާރިއާއި ބެހޭގޮތުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މަހުލޫފްވަނީ ސިޔާސީ އަދާވާތްތެރިކަން ދޫކޮށް ގައުމީ ލޯބީގައި އެންމެންވެސް މަސައްކަތް ކުރުމަށް ގޮވާލައްވާފަ. 

އަދި ރާއްޖޭގައި ހަމަނުޖެހުންތައް މިހާރު ހިނގަމުންދަނީ ކަންބޮޑުވާ މިންވަރަ ކަމަށާއި މިކަމާމެދު ފުންކޮށް ވިސްނަންޖެހޭކަމަށްވެސް މަހުލޫފް ވިދާޅުވި. މަހްލޫފްވިދާޅުވީ، ރާއްޖޭގައި މިއަދު އޮތް ސިޔާސީ ހަލަބޮލިކަމުގައި ވަކި ބަޔަކު ބޭނުންވާ ކަންކަން ހާސިލްކޮށް، ވަކި ކަންތައްތަކެއް ކުރުމަށްވުރެ ގައުމުގައި ހިންގަމުން ގެންދާ މާރާމާރީތަކާއި، މީހުން މެރުން ހުއްޓުވުމަށް ސިޔާސީ ފަރާތްތަކާއި، އަދި ކަމާއިބެހޭ ފަރާތްތަކުން ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް.

"ފާއިތުވީ ތިން އަހަރުގެ ތެރޭގައާއި، 29 މީހަކު އަދު މިއަހަރު އެކަނިވެސް ފަސް މީހަކުވަނީ މަރާލާފަ. މިއީ މިއަދު ގައުމުގެ އެންމެހައި ރައްޔިތުން ކަންބޮޑުވާ ކަމެއް. މިކަން ހުއްޓުވުމަކީ ވަކި ބަޔަކު ނުވަތަ ވަކި މުވައްސަސާޔަކުން އެކަނި ކުރެވޭނޭ ކަމެއް ނޫން. މިކަމުގައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަކީ މުސްތަގުބަލަށް ޓަކައިވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް."

މަހްލޫފްވަނީ މިކަން ހައްލުކުރުމަށް ފާސްކުރަންޖެހޭ ގާނޫންތައް ވަގުތުންވަގުތަށް މަޖިލީހުން ފާސްކުރުމަށްވެސް މަހްލޫފް ގޮވާލާފަ. އަދި މިއަދު ގައުމުގައި މުހިންމީ ސިޔާސީ މަސްރަހުގެ ހަލަބޮލިކަން ނުވަތަ ހަތެއް ފެބްރުއަރީގައި ހިނގާދިޔަ މައްސަލަތައް ބެލުން ނޫންކަމަށާއި ރާއްޖޭގައި ހިނގަމުންދާ މާރާމާރީތައް ހުއްޓުވުމަށް އެންމެންވެގެން މަސައްކަތް ކުރަންވެއްޖެކަމަށްވެސް މަހްލޫފް ވިދާޅުވި.

" މަރަށް މަރުހިފުމަށް އަޅުގަނޑު ގޮވާލަން. މިކަމުގައި ރައްޔިތުންގެ ރެފަރެންޑަމަކަށް ދާންޖެހޭނަމަ އެކަން ކުރުމަށްވެސް އަޅުގަނޑު ހުށަހަޅަން" މިއަދުގެ ޖަލްސާގައި މަހްލޫފް ވިދިޅުވެފައިވޭ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވާހަކަ ދައްކަވަމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުވެސް ވަނީ މާރާމާރީތައް ހުއްޓުވުމަށް ފުލުހުންނަށް ހުރި ތަދިތައް ބަލަންޖެހޭކަމަށް ގޮވާލާފަ. އަދި ކާފިއު ހިންގައިގެންނަމަވެސް މި މައްސަލަ ހައްލުކުރަންވެއްޖެ ކަމަށް ޖާބިރު ވަނީ ވިދާޅުވެފަ.

"ހަ މަސްވަންދެންވެސް ކާފިއު ހިންގައިގެން މިކަން ކުރަންވެއްޖެ. އެކަމުގައި ފުލުހުންނަށް ހުރި ގޮންޖެހުންތަކަކީ ކޮބައިތޯވެސް ބަލަންވެއްޖެ. ދިވެހި ދަރިންތައް މަރުވެގެން މަގުމައްޗަށް ވެއްޓެނީ. މިއީ ކަންބޮޑުވާންޖެހޭކަމެއް." ޖާބިރު ވިދާޅުވި.


6/05/2012

އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށައެޅި މައްސަލަ


އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށައެޅި މައްސަލައިގައި ޝާހިދުގެ އިތުބާރު ނެތްކަމަށް ފާހެއްނުވި.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލައިގާ ޝާހިދަށް އިތުބާރު ނެތްކަމަށް ވޯޓު ދެއްވާފައިވަނީ ފަންސަވީސް މެންބަރުން. ޝާހިދަށް އިތުބާރު އޮތްކަމަށް ސާޅީސް ފަސް މެންބަރުން ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ވޯޓު ނުދެއްވާ ދެމެންބަރުން ތިއްބެވި.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލައިގެ ބަހުސް ކުރިއަށް ދިޔައިރު އެމްޑީޕީގެ މެންބަރުން ވިދާޅުވަމުން ގެންދެވީ އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންޖެހުނީ މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް އޭނާ އަމަލުނުކުރައްވާތީ ކަމަށް. އެގޮތުން ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވެފައިވަނީ ޝާހިދަކީ ގާބިލް ބޭފުލެއްކަމަށް އެމްޑީޕީން އަބަދުވެސް ގަބޫލްކުރާކަމަށާއި އެހެންނަމަވެސް ޝާހިދަށް އޮތް ހުރަހަކީ ޝާހިދާއި އެއް ފިކުރުގެ ބަޔަކު ވަކިވެގެންގޮސް ޝާހިދާއި ދިމާކުރުންކަމަށް.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރުނެތްކަމުގެ ވޯޓުނެގުމަށް ހުށައަޅާފައިވާ މައްސަލައިގެ ބަހުސް މަރުހަލާގެ އެންމެ ފަހު ފުރުސަތުގައި ވާހަކަ ދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ، ރިޔާސަތުގައި ބޮޑު ގޮނޑިއެއްގައި އިންނެވުމަކީ މަތިވެރި ޝަރަފެއް ކަމަށް ފެނުނުނަމެސް މިދިޔަ ތިން އަހަރު ތަޖުރިބާ ކުރައްވަން ޖެހިވަޑައިގެންނެވީ ވަރަށް ހިތްދަތި މާހައުލެއްކަމަށާއި ބައެއް ފަހަރު ވަރަށް ފަޚުރުވެރިކަމާއި އުފަލާއެކު މެމްބަރުންގެ ނަތީޖާ ފެނުމުން ހިތަށް އުފާވެރިކަން ލިބިވަޑައިގަންނަވާ ކަމަށް. އަދި ޖަލްސާތަކުގައާއި މަޖިލީހުން ބޭރުގައި ދައްކާ ވާހަކަތަކަށް ތިން އަހަރުގެ ތެރޭގައި ރައްދެއް ދެއްވާފައި ނުވާނެ ކަމަށް ޝާހިދު ވިދާޅުވި. އެކަން އެގޮތަށް ކުރެއްވުމުގެ މަގުޞަދަކީ އަދާ ކުރައްވަމުން ގެންދަވާ ވާޖިބު ފުރިހަމައަށް އަދާކުރެއްވޭ މީހަކަށް ވޭތޯ ބެލުންކަމަށް ޝާހިދު ވިދާޅުވި.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވި ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަންތައް ކުރައްވާފައިވަނީ ނާއިންސާފުންކަމަށް ވިދާޅުވެ އެމްޑީޕީގެ މެންބަރުން ދެއްކެވި ވާހަކަ ތަކަށްވެސް ރައްދުދެއްވާފަ.