9/25/2011

ނޫސްވެރިންނަށް ބިރުދެއްކުން ހުއްޓާލުމަށް ގޮވާލަން

ނޫސްވެރިކަމަކީ ޤައުމެއްގެ އެންމެ ބާރުގަދަ އެއްބާރުކަމުގައި ޑިމޮކްރަސީގެ ހަމަ ގަބޫލްކުރާ ކޮންމެ މީހަކުވެސް އެއްބަސްވެ އެކަން ގަބޫލްކުރާނެ. ޤައުމެއްގެ ހަތަރުވަނަ ބާރުކަމަށް ގަބޫލްކުރާ ނޫސްވެރިކަން ނުވަތަ މީޑިޔާއަށް ބިރުދެއްކުން ނުވަތަ މީޑިޔާ ފިއްތުމެއްގެ ތެރޭގައި ބޭއްވުމަކީ ބާރުލިބިގެންވާ ކޮންމެ މުއައްސަސާއަކުންވެސް ބޭނުންވާނެ އެއްކަން.

ރާއްޖެއަށް އައި ސިޔާސީ ހަލަބޮލި ކަމުގެ އޮއިވަރުގައި އެންމެބޮޑު މިނިވަންކަމެއް ލިބުނީވެސް މީޑިޔާއަށް. ރާއްޖޭގައި ނޫސްވެރިކަން ތަރައްގީވެ، ދުވަހެއްދުވަހަކަށް މިނިވަން ވަމުން އަންނައިރު، އެބާރަށް ނުފޫޒް ފޯރުވާ ނޫސްވެރިންނަށް ބިރުދެއްކުމަކީ ނޫސްވެރިކަން ފަހަތަށް ޖެހޭނެކަމެއްކަން ހަމަ ޔަގީން. ކުރީގަ ނޫސްވެރިންނަށް ލިބެމުންދިޔަ ނަފްސާނީ ބިރު އަނެއްކާވެސް ލިބިގެންދާނެކަމެއް.


ނޫސްވެރިކަން ކުރިއަރާފައިވާ މިފަދަ ދުވަސްވަރެއްގައި އަޅުގަނޑުމެންގެ މުޖްތަމައުން ފެންނަ މަންޒަރަކީ، ނޫސްވެރިންނަށް އެކި އެކި ފަރާތްތަކުން އިންޒާރުދިނުމާ ނޫސްވެރިން ކުރާ މަސައްކަތްތައް ބެލުމަށް ފުލުސް އޮފީހަށް ހާޒިރުކުރުވާތަން. އަދި ނޫސްވެރިންނަށް ސިއްރުން ބައެއް ކަންތައްތައް ކުރަމުން އަންނަ މަންޒަރުވެސް ފެނޭ.


މީގެ މިސާލެއްގެ ގޮތުން ރައްޔިތުން މަޖިލީހުގައި ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާ ކްރިމިނަލް ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ނޫސްވެރިން ނުވައްދާ ސިއްރުކޮށްގެން. އެހެންނަމަވެސް މިއަދުގެ އަޑުއެހުން ފެށުމުގެ ކުރިން ކޯޓުން ނޫސްވެރިންނާއި ބައްދަލުކޮށް، މީގެކުރުން ކޯޓާއި ބެހޭގޮތުން ނުބައި ތަސައްވަރެއްދީފައިވާކަމަށް ކޯޓުން ބުނެފައިވޭ. އަދި  މީގެފަހުން އެދަފަ ކަމެއް ހިނގައިފިނަމަ ހުރިހާ ނޫސްވެރިން ނުވެއްދުމުގެ ބަދަލުގައި އެފަދަ ޚަބަރެއް ފެތުރި ނޫސްވެރިޔަކު ކޯޓުން ސަސްޕެންޑް ކުރުމަށް ނިންމާފައިވާކަމަށްވެސް ކްރިމިނަލް ކޯޓުން ބުނެފައިވޭ.


ނޫސްވެރިންގެ މައްސަލަތައް ބަލައި ކުށެއްކޮށްފައިވާ ނަމަ އަދި ދޮގު ވާހަކައެއް ފަތުރާފައިވާ ނަމަ ވެސް އެ ކަމެއް ރައްދުވާ ފަރާތަކުން، ނޫނީ އާންމު މުޖުތަމައުގެ ކިބައިން މައާފަށް އެދުވުމުގެ ބާރު، ނޫނީ އެކައުންޓަބަލް ކުރުމުގެ ބާރު މީޑިއާ ރެގިއުލޭޓް ކުރުމަށް، ފާސްކޮށްފައިވާ ގާނޫނުގެ ދަށުން، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިދީފައިވާ އިރު، އެއިން ތަނަކުން މައްސަލައެއް ބަލައި ކަމެއް ކުރުމަށް އެންގުމުގެ ބަދަލުގައި ރާއްޖޭގެ ކްރިމިނަލް ކޯޓުން ނޫސްވެރިނާ އެގޮތަށް މުއާމަލާތްކުރުމަކީ ނޫސްވެރިކަން ފިއްތައި ބިރުދެއްކުމަށް ކުރާ ކަމެއް ނޫން ގޮތަކަށް ބަލައެއް ނުގަނެވޭ. މީގެ އިތުރުން ފުލުސް އޮފީހަށް ނޫސްވެރިން ހާޒިރުކޮށް ނޫސްވެރިންގެ މަސްދަރުތައް ހޯދުމަށް ތަކުރާރުކޮށް ފުލުހުން ކުރާ މަސައްކަތަކީ ނޫސްވެރިކަން ފިއްތުމަށް ކުރާ މަސައްކަތެއްގެ އިތުރަށް ތަހުގީ ނޫސްވެރިކަމެއް ކުރުމަށް ފުލުހުން އަޅާ ހުރަހެއްކަމަށްވެސް ބެލެވޭ. ގާނޫނު އަސާސީގެ 28 ވަނަ މާއްދާ އިން ނޫސްވެރިންގެ މަސްދަރުތައް ހާމަކުރުމަކީ ލާޒީމު ކަމެއް ނޫން ކަމަށް ބަޔާންކޮށްފައިވާ ކަމަށް ހާމަ ކޮށްފައިވޭ. 
އެހެންކަމުން ސިޔާސީ އެކިއެކި ފަރާތްތަކާއި އަމަން ބަލަހައްޓާ އިދާރާތަކުގެ އިތުރުން އަދުލު އިންސާފު ގާއިމުކުރާ މުއައްސަސާތަކުން ނޫސްވެރިންނަށް ޖާގަދިނުމަށް ގޮވާލަން.

9/20/2011

ފަލަސްޠީނުގެ މިނިވަންކަމަށް ކުރާ މަސައްކަތް :އދ. ގެ ގައުމީ މަޖިލީހުން ނުކުންނަންޖެހޭނީ ބޮޑު ލަދަކާއިގެން- އިޒްރޭލް

ލަދުންތިބެ އދ. ގެ ގައުމީ މަޖިލީހުން ނުކުންނަންޖެހުނަސް ފަލަސްތީނުގެ ނިންމުމަކީ މިނިވަން ދައުލަތަކަށްވުމަށް އދ.ގެ ޢާއްމު މަޖިލީހަށް މިފަހަރު ހުށަހެޅުން. ދުނިޔޭގެ އެންމެ ބޮޑު ބާރުގެ ބަހަށް ބޯނުލަބައި އެންމެ އަނިޔާވެރި ޔަހޫދީ އިޒްރޭލުންގެ ވެސް ބަސް ގަބޫލްނުކޮށް ފަލަޞްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުން އެދި އަންނަ ހުކުރުދުވަހު އދ.ގެ ޢާއްމު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ފަލަޞްޠީނުގެ ރައިސް މަޙްމޫދު ޢައްބާސް ވަނީ ވިދާޅުވެފައި. އަދި ކެނޑިނޭޅި އެމެރިކާއާއި، އިސްރާއީލާއި ވިލާތުގެ އިއްތިޙާދުން ހުއްޓުމެއްނެތި ވާހަކަދައްކަމުންދާއިރު، ފަލަޞްޠީނުން އެވާހަކަތަކަށް ދެމުން އަންނަނީ ބީރުކަންފަތެއް.

އެމެރިކާއާއި އިސްރާޢިލުން ފަލްސްޠީނުގެ މި ހުށެހެޅުން ފަސްކުރާނެ ކަމަށް ގަބޫލް ކުރިނަމަވެސް ފަލަޞްޠީނުން ބުނެފައިވަނީ މިކަން ހުއްޓާލުން މިހާރު މާ ލަސްވެއްޖެ ކަމަށް. މެދުއިރުމަތީގެ ސުލްޙަޔަށް މަސައްކަތްކުރާ ކުއާރޓެޓްގެ ޚާއްސަ މަންދޫބު ޓޯނީ ބްލެއަރ، ވިދާޅުވެފައިވަނީ ފަލަޞްޠީން-އިސްރާއީލްގެ މައްސަލައިގައި މަޝްވަރާތަކަށް ދާ ވާހަކަ އަކީ ޙަޤީޤަތުގައިވެސް މަޝްވަރާކޮށް، މިކަން ޙައްލު ކުރުމަށް ކަމަށް ފަލަޞްޠީނަށް ޔަޤީންކޮށްދޭން ޖެހޭކަމަށް. މަޝްވަރާތައް ބާއްވާނެ ގޮތުގެ ޕްލޭނަކާއި، ވަގުތުތައްވެސް ކަނޑައަޅައި، މަޝްވަރާކުރާނެ މައްސަލަތައް، އޭގެ ތެރޭގައި ސަރަޙައްދީ ރޮނގާއި، އަލްޤުދުސްއާއި، ރެފިއުޖީންނާއި، ސަލާމަތީ ކަންކަންވެސް ހިމަނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި.

ކަންމިހެން އޮތްއިރު އިސްރާއީލުން ބުނެފައިވަނީ ޢާއްމު މަޖިލީހަކީ ދައުލަތެއް އުފެއްދުމުގެ ބާރުލިބިގެންވާ މަޖިލީހެއް ނޫން ކަމަށާއި، ދައުލަތެއް ބަލައިގަތުމުގެ ބާރު އޮންނަނީ ހަމައެކަނި ސަލާމަތީ މަޖިލީހަށް ކަމަށްވެފައި، ސަލާމަތީ މަޖިލީހުގައި ފަލަޞްޠީނަށް މެޖޯރިޓީ ނޯންނައިރު، ފަލަޞްޠީނަށް އދ.ގެ ތެރެއިން މިކަން ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް. ފަޞްޠީނު މިނިވަން ދައުލަތަކަށް ވުމަށް ކުރަމުންދާ މަސައްކަތުގައި އެ ޤައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޤައުމުގެ މާލީ ޙާލަތު ދަށްވުން. އެމެރިކާއިން ފަލަސްތީނަށް މާލީ ގޮތުން ދެމުން އަންނަ އެތަކެއް ސަތޭކަ ޑޮލަތުގެ އެހީވެސް އެމެރިކާގެ ކޮންގްރެސް އިން ކަނޑާލުމުގެ ބިރު ހީވެފައިވާއިރު އިޒްރޭލުގެ ޚާރިޖީ ވަޒީރު އެވިގްދޯރް ލީބަމަން ވަނީ އިގްތިސާދީ ގޮތުން ފަލަސްތީނަށް އެއްބާރުލުން ދިނުމަށް 1994 ވަނަ އަހަރު ގާއިމް ކޮށްފައިވާ އެއްބަސްވުން އުވިގެންދާނެ ކަމުގެ އިންޒާރުވެސް ދީފަ. އިޒްރޭލުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރވެސް ވަނީ ފަލަސްޠީނުން އދ. އަށް ހިގައްޖެނަމަ ފައިސާގެ ދަތިކަން ދިމާވާނެ ކަމަށް ވިދާޅުވެފަ. އަދި އެގައުމުގެ ފޮރިން މިނިސްޓަރ ވަނީ ފަލްސްޠީނާ ދެކޮޅަށް މާލީ ގޮތުން ފިޔަވަޅު އެޅުމަށް ގޮވާލައްވައިފަ. އިޒްރޭލުންދަނީ މިކަމުގައި ފަލަސްތީނުގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް އިތުރު ގެތައް ބިނާކުރުމުގެ މަސައްކަތް ފެށުމަށް ގޮވާލާ ފަލަސްތީނަށް ބިރުދައްކަމުން. މާލީގޮތުން ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައިވާ ފަލަސްތީނަށް އެހީގެ ގޮތުގައި 200 މިލިޔަން އެމެރިކާ ޑޮލަރު ދޭނެ ކަމަށް ސަޢޫދީ ޢަރަބިއްޔާއިން ވަނީ ބުނެފައި.

އިޒްރޭލާ ފަލަސްތީންގެ ދެމެދުގައި މަޝްވަރާތައް މެދުކެނޑިފައި އޮންނަތާ މިހާރު ވަނީ އަހަރަކަށްވުރެ ގިނަ ދުވަސްވެފައި.

ފަލަސްތީންގެ ހުށެހެޅުން ވީޓޯ ކޮށްފިނަމަ އެމެރިކާއަށް އޮތް އިތުބާރުގެއްލިގެންދާނެ


އެމެރިކާގެ ރައީސް ބަރަކް ހުސައިން އޮބާމާ
މުސްލިމުންނާ މުޚާތަބުކޮށް ދެއްވި ތަޤުރީރުގައި އެމެރިކާގެ ރައީސް ބަރަކް ހުސައިން އޮބާމާވަނީ، ފަލަސްތީނުގެ ރައްޔިތުންނަށް ހައްގުވެގެންވާ އެމީހުންގެ ކަރާމާތާއި ފުރުސަތުތަކާ އެމީހުންގެ އަމިއްލަ ދައުލަތަކަށް އެދި ހުށަހަޅާ ހުށެހެޅުމާ ދެކޮޅު ނަހަދާނެ ކަމަށް ވިދާޅުވެފަ.  އެހެންނަމަވެސް ފަލަސްތީނުން މިނިވަންދައުލަތަކަށް ކުރި ފޮނި އުންމީދުތަށް މިހާރުމިވަނީ ފެނަށްވެފަ. އެމެރިކާގެ ރައީސް ބަރަކް އޮބާމާވަނީ މިހާރު އެކަމާ ދެކޮޅު ހައްދަވާފަ.

މީގެ އެއް އަހަރުކުރިން އދ.ގެ އާންމު މަޖިލީހުގައި ވާހަކަ ދައްކަވަމުން އޮބާމާވަނީ އދ. އަށް އާ މެންބަރެއް އިތުރު ކުރުމުގެ މަސައްކަތް ކުރެވިދާނެ ކަމަށާއި އެއީ ސުލްހަވެރިކަމުގައި އުޅެމުން އަންނަ ފަލަސްތީނުގެ މިނިވަން ދައުލަތް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ. އެހެންނަމަވެސް ފަލަސްތީނުން އދ. ގައި ދައުލަތެއްގެ ދަރަޖަ ހޯދުމަށް ނިންމުމާއެކު އޮބާމާގެ ކަނދުރާ ވަނީ އަބުރާލާފަ. އަދި ފަލަސްތީންގެ އެހުށެހެޅުން އޮބާމާ ވީޓޯ ކުރުމަށް އަމުރުކުރާނެކަމަށް ބެލެވޭއިރު މިއީ އޮބާމާގެ ވާހަކާއާއި އަމަލާ ދިމާނުވުމުގެ ކުލަވަރު. މިއީ މީގެ އެއް އަހަރުކުރިން އޭނާ ދައްކަވާފައިވާ ވާހަކައާވެސް ޚިލާފުވުން. ނުވަތަ އިތުރުފުޅު ހެއްދެވުން.

ފަލަސްތީނުން މިނިވަން ދައުލަތަކަށް ކުރަމުންދާ މަސައްކަތަށް ރައްދު ދެއްވަމުން އޮބާމާ ވިދާޅުވެފައިވަނީ ފަލަސްތީނުގެ މިއަމަލަކީ ސުލްހައަށް ކުރާ މަސައްކަތަށް އޮތް ސަމާލުކަން ގެއްލުވާލުން ކަމަށް ސިފަކުރައްވާ ވާހަކަ ދައްކަވާފަ. އެމެރިކާއިން ފަލަސްތީނުގެ މިވިސްނުން ބަދަލުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނައިރު ފަލަސްތީނުގެ މިހުށެހެޅުމަށް ދުނިޔޭގެ ގިނަ ގައުމުތަކުގެ ތަރުހީބުވަނީ ލިބިފަ. އަދި ޔޫރަޕްގެ ގިނަ ގައުމުތަކުންވެސް ތިބީ ފަލަސްތީނާ އެއްކޮޅަށް. އެމެރިކާއަށް ފަލަސްތީނުގެ މިހުށެހެޅުން ވީޓޯ ކުރުމުގެ ބާރު ލިބިފައިވޭ. މިހެންވެއްޖެނަމަ އަރަބި ގައުމުތަކުން އެމެރިކާއާމެދު ދެން އަމަލުކުރާނެ ގޮތަކާމެދުވެސް ސުވާލުއުފެދޭ.  

އެމެރިކާއާއި އިޒްރޭލުގެ ފިއްތުންތަކާހެދި ފަލަސްތީނުގެ ރައީސްވެސް މިވަގުތު ހުންނެވީ ވިސްނުމެއްގެ ތެރޭގައި. އެމެރިކާއިން ފަލަސްތީނަށް ދެމުން އަންނަ އެހީތަށް ހުއްޓާލާނެ ކަމުގެ ބިރު ހީވާއިރު ފަލަސްތީނާމެދު އެމެރިކާއިން އަމަލު ކުރާނެ ގޮތަކުން ފަލަސްތީނުގައި އިޒްރޭލާ ދެކޮޅު ހަރަކާތްތައް އިތުރުކޮށްފާނެ ކަމުގެ ބިރުވެސް ވަނީ ބޮޑުވެފަ.

9/15/2011

ޞުލްޙަމަސަލަސްކަން ޤާއިމްކުރެވެން އޮންނާނީ، ޑިމޮކްރަސީއަށް ގޮވާލާ ފަރާތްތަކުގެ އަޑު އަހައިގެން- ރައީސް


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު
ބައިނަލްއަޤްވާމީ މަސްރަހުގައި ޞުލްޙަމަސަލަސްކަން ޤާއިމްކުރުމުގައި، އެއީ ސަރުކާރުން ކިތަންމެ އެދޭ ނުވަތަ ނޭދޭ ކަމަކަށްވިޔަސް، ސަރުކާރަށް މަޖުބޫރުވެފައި އޮންނާނީ، ޑިމޮކްރަސީއަށް ގޮވާލާ ފަރާތްތަކުގެ އަޑު އަހައި، އެފަރާތްތަކުން ނިންމާ ގޮތަކައިގެން ކުރިޔަށް ދިޔުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ޖެނީވާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމާބެހޭގޮތުން އ.ދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ބޭއްވި މަތީ ފެންވަރުގެ ބައްދަލުވުމެއްގައި، އިއްޔެ ވާހަކަފުޅު ދައްކަވަމުން.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަމާން މާޙައުލެއްގައި، ސުލްޙަވެރިކަމާއެކު އެއްވެ، ޚިޔާލުފާޅުކުރުމުގެ ޙައްގު ބައިނަލްއަޤްވާމީ ނަޒަރަކުން ބަލައިގަންނަންޖެހޭނީ ޢާންމު ފަރާތްތަކުން މުޢާމަލާތު ކުރުމަށާއި، އެފަރާތްތަކުގެ މިނިވަންކަން ހޯދުމަށާއި، އެފަރާތްތަކަށް ހެޔޮބަދަލަށް މަގުފަހިކޮށްދޭ ފުރުސަތުތަކެއްގެ ގޮތުގައި ކަމަށް ވިދާޅުވި. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މެދުއިރުމަތީގެ ޤައުމުތައް ކަމުގައިވާ ޓިއުނީސިޔާ، މިޞްރު އަދި ލީބިޔާގައި މިނިވަންކަން ޤާއިމުކުރުމަށްޓަކައި، އެޤައުމުތަކުގައި އިދިކޮޅު ފަރާތްތަކުން ސާބިތުކަމާއެކު ކުރަމުންގެންދާ މަސައްކަތްތަކަކީ، އެކަމުގެ ސަބަބުން، އިންސާނީ ތާރީޚު އަބަދުގެ އަބަދަށް ބަދަލުވެގެންދާނެ މަސައްކަތްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި. އަދި މިއަހަރު ތެރޭގައި ބާއްވާފައިވާ މިފަދަ އެއްވުންތަކަކީ، ޒަމާނުއްސުރެ ސަރުކާރުގެ އެކި ފަރާތްތަކުން ޢާންމުންނަށް މަޢުލޫމާތު ފޯރުކޮށްދޭ ވަސީލަތްތައް ހުއްޓުވުމަށްޓަކައި ކޮށްފައި ހުރި މަސައްކަތްތައް، ނާކާމިޔާބުވީކަން ދޭހަކޮށްދޭ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވި.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިންސާނީ ޙައްޤުތައް ހިމާޔަތްކުރާ، އިޚްލާޞްތެރި، ވަފާތެރި އަދި ރައްޔިތުންނަށާއި ޤާނޫނަށާއި ދައުލަތަށް ކިޔަމަންތެރި ވެރީންނަށް ބޭނުންވާކަމަށް ވިދާޅުވަމުން، އާންމު ރައްޔިތުންގެ މަންފާގެ މައްޗަށް، އަމިއްލަ އެދުން ކުރިއަށް ނެރުމަށް މަސައްކަތް ކުރާ ފަރާތްތައް ކުށްވެރިކުރެއްވި. މީގެއިތުރުން، ޢަރަބިލީގުންނާއި މުސްލިމުން ގޮވާލަމުންދާ ގޮވާލުންތަކުގެ އަޑުއަހައި، ސުލްހަވެރިކަމާއެކު އެއްވެ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށްވެސް އެމަނިކުފާނު ގޮވާލެއްވި.

9/12/2011

ރާއްޖޭގެ ރީތި ނަން ދެމެހެއްޓުމަށް ބޭނުންވަނީ ހަމައެކަނި ޓޫރިޒަމް ދާއިރާއަށް ހުނަރުވެރި މީހުންބާ


ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއަށް ލިބިފައިވާ ރީތިނަމާއި ތަޞައްވުރު އިތުރަށް ދެމެހެއްޓުމަށްޓަކައި ޓޫރިޒަމް ދާއިރާއަށް އުފެއްދުންތެރި، ޤާބިލް، ހުނަރުވެރި މީހުން އިތުރަށް ބޭނުން ކަމުގައި ނައިބު ރައީސް ވިދާޅުވެއްޖެ.
 

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ބިނާކުރުމަށްޓަކައި ޓޫރިޒަމް ޕްލޭނެއް އެކުލަވާލުމާބެހޭ މަސައްކަތު ބައްދަލުވުން އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން.
ސޯޝަލް ސެންޓަރުގައި އިއްޔެ ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ފަތުރުވެރިކަމުގެ ދާއިރާއާމެދު ބައެއް ފަރާތްތަކުން އެހެން ނަޒަރަކުން ދެކޭކަން ފާހަގަކުރެއްވި. އޭގެ ސަބަބުތަކުގެ ތެރޭގައި، މިދާއިރާގައި ވަޒީފާގެ ފުރުޞަތު ހުޅުވިފައިވާ މިންވަރު ނޭނގުމާއި، އެހެން ދާއިރާތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރަތަކުގައި ތަފާތު ހުރުމާއި، މިދާއިރާގައި ކުރިއަށް ދިއުމަށް ޒުވާނުންނަށް އޮތް ފުރްޞަތުތައް ރަނގަޅަށް އޮޅުންފިލާފައި ނެތުން ހިމެނޭ ކަމުގައި ނައިބު ރައީސް ވިދާޅުވި. 

ނައިބު ރައީސް މިގޮތަށް ވިދާޅުވާއިރު ތަމްރީންނާއި ތަޖްރިބާ ލިބިފައިވާ ދިވެހިންގެ އަދަދު އެމަނިކުފާނަށް އެނގިލައްވަނީ ކިހާވަރަކަށްވާއޭ ހިތައްއަރާ؟ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ ދިނުމަށް ބޮޑަށް އިސްކަންދެނީ  ދިވެހިނަށްތޯ ނޫނީ ބިދޭސީންނަށްތޯ؟

ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ވާހަކަފުޅުގައި، ފަތުރުވެރިކަމުގެ ދާއިރާގައި އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ މައިގަނޑު ބޭނުމަކަށް ވާންޖެހޭނީ މިދާއިރާގައި މަސައްކަތްކުރާނެ ހުނަރުވެރި، ޤާބިލް ޒުވާނުން ތަމްރީންކުރުން ކަމުގައި ވިދާޅުވި.  އަދި، ފަތުރުވެރިކަމުގެ ދާއިރާގެ އިސް ހިންގުންތެރިންގެ ގޮތުގައި ޒުވާނުން ހަރަކާތްތެރިވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވައި، ޒުވާން ޖީލަކާ ނުލައި ފަތުރުވެރިކަމުގެ ޞިނާޢަތު ކުރިއަށް ނުދާނެ ކަމުގައި ނައިބު ރައީސް ވިދާޅުވި. 

ނައިބް ރައީސް މުހައްމަދު ވަހީދު ހަސަންމަނިކަށް ނޭގެނީތޯ އަޅުގަނޑުމެންގެ ޒުވާން ޖީލު މިހާރުވަނީ މަސްތުވާތަކެތީގެ ވަބާގައިޖެހި ފަނާވެފައިކަން. ފުރަތަމަ އެކަމަށް ފަރުވާހޯދުމަށްފަހު ބަޔަކު ފަތުރުވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުން މުހިންމު.
ސަރުކާރުން ކިހާވަރަކަށް ޒުވާނުން މިދާއިރާއަށް އަހުލުވެރިކުމަށް މަސައްކަތް ކުރޭބާ ނޫނީ ތަމްރީން ދެމުން ގެންދޭބާ؟ އަޅުގަނޑުގެ ހިތައް ހަމަ އަރަނީ ނައިބުރައީސް އަދި ސަރުކާރުގެ އިސްވެރިން މިވާހަކަ މިގޮތަށް ދައްކަވަމުން ގެންދާއިރު އެބޭފުޅުންނަށް މުޖްތަމައުގެ ހާލަތު ހުރިގޮތް ހަމަ ނޭގެނީބާއޭ؟ ނޫނީ ހަމަ ޖެއްސުމަށް މިގޮތަށް މޮޅު ވާހަކަތަކެއް ދައްކާލާފަ ނިންމާލަނީބާ؟ މިގޮތަށް މިވާހަކަ ދައްކާފަ މިކަމަށްވެސް އެއްވެސް އަމަލީ ސިފައެއް ނާންނާނެކަން ކަށަވަރު.