4/14/2012

އެމްބީސީއަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން ޓީވީއެމްގެ ނޫސްވެރިންތަކެއް ކޮންސްޓްރަކްޝަންގެ މަސައްކަތްކުރުމަށް ދިއުން

         މޯލްޑިވްސް ބްރޮޑްކާސްޓިން ކޯޕަރޭޝަން، ފޮޓޯ، ހަވީރު އޮންލައިން
މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން ހިންގަމުން އަންނަ ޓީވީއެމްގެ ނިއުސް އެންޑް ކަރަންޓް އެފެއާޒްގައި ޕޮލިޓިކަލް ޑެސްކްގައި މަސައްކަތް ކުރަމުން އައި ނިއުކާސްޓަރުންތަކެއް އެ ކުންފުނީގެ ޕްލޭނިން އެންޑް ޑިވޮލޮޕްމަންޓް ޑިޕާޓްމަންޓަށް ބަދަލުކޮށްފި.

ނަންހާމަކުރަން ބޭނުން ނުވާ ޓީވީއެމްގެ ނިއުސް ރޫމްގައި މަސައްކަތް ކުރަނިކޮށް ބަދަލުކުރި ސީނިއާ ޖާނަލިސްޓަކު ވިދާޅުވެފަވަނީ ނިއުސް ރޫމްގައި މަސައްކަތް ކުރަމުން ދަނިކޮށް ޕްލޭނިން ޑިޕާޓްމަންޓަށް ބަދަލުކުރީ ވަޒީފާ އަދާކުރަމުން ދިޔަ ޑިޕާޓްމަންޓް ބަދަލުވެއްޖެ ކަމަށް ބުނެ މެނޭޖްމަންޓުން ސިޓީއަކުން އެނގުމަށް ފަހު.

"
އަންގާފައިވަނީ ތަނަށް ލިބިފައިވާ ގެއްލުންތައް ބަލައި،  އެތަންތަނުގައި ރެނދުލާފައި ހުންނަތަންތަން ބަލާފައި އެކަމާ ބެހޭ ރިޕޯޓެއް ހަދަން. މިހާރު އަޑުގެ އިމާރާތުގައި މަރާމާތު ކުރަން ޖެހޭ ތަންތަން ބަލަން އަންގާފައި އޮތީ. ފުރަތަމަ އެޑިޕާޓްމަންޓަށް ބަދަލުކޮށްފައި ވެސް ދެ ހަފްތާ މަސައްކަތް ކުރަން ޖެހުނު އިށީންނާނެ ތަނެއް ވެސް ނެތި. މި މަސައްކަތް މިކުރަނީ ކޮންމެހެން ކުރާ ހިތަކުން ނޫން. އެހެން ޑިޕާޓްމަންޓަކަށް ބަދަލުކުރީ މިހާރު ނިއުސް ރޫމްގައި މިހާރު އިސްކޮށް ތިއްބެވި ބޭފުޅުން އެމީހުންނާ މެދު ހިތް ހަމަނުޖެހޭތީ ކަމަށް ދެކޭ ކަމަށް"

ނިއުސް ރޫމުން ޕްލޭނިންގް ޑިޕާޓްމަންޓަށް ބަދަލުކުރި ގިނަ މީހުންނަކީ ކުރިން ޕޮލިޓިކަލް ޑެސްކްގައި ތިބި ގިނަ މީހުންކަން ފާހަގަކުރެވޭ. އެގޮތުން ނިއުސް ރޫމްގެ ހެޑެއްގެ ގޮތުގައި މަސައްކަތްކުރި އަހުމަދު އަބްދުމިހާރު ހުރީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ހެޑަކަށް. އަދި ނިއުސް ކާސްޓާ ގްރޭޑް 1 ގެ މާގާމުގައި ހުރި އަހުމަދު ހައިދަރާއި ސީނިއާ އިންޕުޓް އެޑިޓާ އަހުމަދު މުހުޝިނާއި ނިއުސް ކާސްޓާ ގްރޭޑް 1 ރިލުވާން ޖަމާލާއި ނިއުސް ކާސްޓާ ގްރޭޑް 1 މުހައްމަދު ގާސިމް އަދި ނިއު މީޑިއާ އެޑިޓަރު ތޮއްޔިބު ޝަހީމް.

ޓީވީއެމްގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) ވިދާޅުވިކަމަށް ސަންއެފްއެމްގައި ލިޔެފައިވާ ލިޔުމަށްގައިވަނީ (މިހާރު އެލިޔުންވަނީ ސަންއެފްއެމްއިން ނަގާފައި) "މެނޭޖްމަންޓަށް އޮންނާނެ ތަނަށް ފައިދާ ހުރި ގޮތަކަށް ތަނުގެ ސްޓާފުން އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް ބަދަލު ކުރުމުގެ އިހްތިޔާރު، ނަމަވެސް ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކު އެހެން ތަނަކަށް ބަދަލުކޮށްފިއްޔާ ވަރަށް ދެރަވާނެ. އެހެން ނަމަވެސް އެޕްރޮފެޝަންގެ ނާޖާއިޒު ބޭނުންކޮށް އެ ޕްރޮފެޝަނަށް ގެއްލުންވާ ގޮތަށް މަސައްކަތްކުރާ މުވައްޒަފަކު ހުރި ނަމަ އެމީހަކު ބަދަލު ކުރާނެ،" މޮންދު ވިދާޅުވި ކަމަށް ސަން އެފް އެމް ގައިވޭ.

މީގެ އިތުރުންވެސް ޕްލޭނިން ޑިޕާޓްމަންޓުން މައިގަނޑު ގޮތެއްގައި ކުރަމުން ގެންދާނެ މަސައްކަތްތަކަކީ އެމްއެންބީސީގެ ދަށުން ހިންގަމުން އަންނަ ޓީވީއާ ރޭޑިއޯގެ ތަރައްގީއަށާއި ތަނުގެ ޑިވޮލޮޕްމަންޓްތަކަށް ބޭނުންވާ ދިރާސާތައް ކުރުމުގެ މަސައްކަތް ކަމަށް. އަދި އެޑިޕާޓްމަންޓްގައި ކޮންސްޓްރަކްޝަނާ ގުޅުން ހުރި މަސައްކަތްވެސް މުވައްޒަފުން ކުރަންޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އާސިފް (މޮންދު) ވިދާޅުވެފައިވާ ކަމަށް ސަންގައިވޭ.

މިނިވަންކަމާއެކު ނޫސްވެރިކަން ކުރަމުން އައިބަޔަކަށް އެފަދަ މަގާމަކަށް ބަދަލުކުރުމަކީ ޒިންމާދާރުކަމާއެކު އެމްބީސީ ބޯޑުން ނިންމިކަމެއްތޯ މިއީ އަޅުގަނޑު ހިތުން ކޮންމެ ނޫސްވެރިއެއްވެސް ކޮށްލާނެ ސުވާލެއް. ކޮމާޝިއަލް ބްރޮޑްކާސްޓަރަކުން ޕަބްލިކް ބްރޮޑްކާސްޓަރަކަށް ޓީވީއެމް ބަދަލުކުރުމުން އޭގެ މާނައަކީ ތަނުގެ ނޫސްވެރިންތައް ނަގާ ކޮޅުކޮޅަށް ބަދަލުކޮށްލުމެއް ނޫން.
ރަގަޅު، ލިބިފައިވާ އިޚްތިޔާރުގެ ދަށުން އެކަން އެމްބީސީއަށް ކުރެވިދާނެ. އެކަމަކު ދަންނަވަން މިއުޅެނީ ކުރިން އަޅުގަނޑު މިދެނެވި ނޫސްވެރިންތަކަކީ ވަކިކުލައެއް ޖެހިގެންތިބެ މަސައްކަތް ކުރަމުން އަންނަ ބައެއްކަމަށް ގަބޫލް ކުރެވޭނަމަ އެބޭފުޅުން ބަދަލު ކުރައްވަންވީ ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތާ ގުޅުން ހުރި ބަޔަކަށްތޯއޭ؟

ވަކި ޑިޕާޓްމަންޓަކަށް ބަދަލު ކުރި މި ދެންނެވި ނޫސްވެރިންތަކަކީ ރާއްޖޭގައި އެބައެއްގެ ނަން ބުނުމުން ދަންނާނެ ގަދަރުވެރި ނޫސްވެރިންތަކެއްކަންވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން.

ކިތަންމެ އަޑު ބާރުކޮށް ތިމަންނަމެންނަކީ ވަކި ކުލައެއް ނުޖެހި ތިބެ މަސައްކަތް ކުރަމުން އަންނަ ބައެއްކަމަށް އެމްބީސީ ބޯޑު މެންބަރުން ބުނިކަމުގައިވިޔަސް އަޅުގަނޑު ދަންނަވާނީ ތިބޭފުޅުންގެވެސް ފަސްބައި ބައްލަވާލީމަ ހުރީ ކޮންކުލައެއްކަން ރަގަޅަށް ފެނިވަޑައިގަންނަވާނެއޭ. އެބޯޑަށް ލިބިފައިވާ ބާރުގެ ބޭނުން ނޫސްވެރިންތަކަކަށް މިގޮތަށް ބޭނުން ކުރުމުން އެބޯޑުގެ ހަގީގީ މަގްސަދާ މެދު ސުވާލުއުފެދޭ.

ނޫސްވެރިންގެ ޖަމްއިއްޔާއެއް ކަމަށްވާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން މިފަދަ ކަންތައްތައް ނުފެންނަކަމީވެސް އެޖަމްއިއްޔާގެ މަގްސަދާމެދުވެސް ސުވާލު އުފެދޭކަމެއް. އަޅުގަނޑު އެޖަމްއިއްޔާއެއްގެ ބޯޑު މެންބަރުކަންވެސް އަދާކޮށްފައިވާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންއަށް އަޅުގަނޑު ގޮވާލަނީ އެޖަމްއިއްޔާއަކީ މިނިވަން ތަނެއްގެ ގޮތުގައި އޮތުމަށް މަސައްކަތް ކުރަންވެއްޖެއޭ. ސިޔާސީ ވަކި ބައެއްގެ ދަށުން މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ނޫނީ ވަކި ސަރުކާރެއް ހިމާޔަތްކުރުމަށް މަސައްކަތް ކުރާކަމުގައިވާނަމަ އެ އެސޯސިއޭޝަން މިހާރުން މިހާރަށް އުވާލުމަށްވެސް އަޅުގަނޑު ގޮވާލަން. އަދި މިނިވަން ނޫސްވެރިކަން ކުރުމަށް ހުރި ގޮންޖެހުންތަކަށާއި ޚަބަރު ފެތުރުމުގައި ހުރި ދަތިތައް އެޖަމްއިއްޔާއިން ނުބެލޭނަމަ އެމްޖޭއޭގެ ބޯޑު މެންބަރުން އިސްތިއުފާ ދިނުމަށްވެސް އަޅުގަނޑު ގޮވާލަން. އަޅުގަނޑު ނުދެކެން އެމްޖޭއޭ ވެގެންދާނީ ހަމައެކަނި މުހައްމަދު ނަޝީގެ ވެރިކަމުގައި ނޫސްވެރިންނަށް ދިމާވާ ދަތިތަކަކަށް ނޫސްބަޔާން ނެރޭ ޖަމްއިއްޔާއެއްގެ ގޮތުގައި. އަޅުގަނޑު ހިތާމަ ކުރަން މިއަދު އެމްޖޭއޭގެ ބޯޑު މެންބަރުންނަކީ ނޫސްވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ގިނަ ދުވަސްވި އަދި ފާހަގަ ކުރެވޭ ނޫސްވެރިިންތަކަކަށް ވުމާއެކު މިފަދަކަންކަމުގައި އެމްޖޭއިން "ހައްޕު" ކިޔައިގެން ތިބޭތީ.



4/11/2012

އިންޑޮނީޝިއާގެ ސުމަޓްރާ ކައިރި އަށް 8.9 ގެ ބާރުމިނުގެ ބިންހެލުމެއް




އިންޑޮނީޝިއާގެ ސުމަޓްރާ ކައިރި އަށް އައި މި ބިންހެލުމުގެ ލޮޅުންތައް ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ ކޮށްފަ. ސުނާމީއެއް އުފެދުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި ރާއްޖެ އަށް ވެސް ސުނާމީ އައިސްދާނެ ކަމަށް ބަލަން ޖެހޭނެ ކަމަށް މެޓުން ދަނީ ބުނަމުން.

ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނީ ރާއްޖޭ ގަޑިން މެންދުރު ފަހު 1:39 ގައި ސުމަޓްރާގެ ހުޅަނގު އުތުރު އައްސޭރި ފަށަށް އައިން ބިންހެލުމުގެ ބާރުމިނަކީ 8.7 މެގްނިޓިއުޑް ކަމަށް. އަދި މިއީ އިންޑިއާ ކަނޑުގެ ބޮޑު ސަރަހައްދަކަށް ނުރައްކާ ވެދާނެ ވަރުގެ ސުނާމީއެއް އުފެދިދާނެ ފަދަ ބިންހެލުމަކަމަށް. މިކަމުގެ އިންޒާރުވަނީ ރާއްޖޭގެ އިތުރުން ދުނިޔޭގެ އަށާވީސް ގައުމަކަށް ދީފަ. ސުނާމީއެއް އަރައިފާނެ ކަމުގެ އިންޒާރުދީފައިވަނީ ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީ ލަންކާ، އޮސްޓްރޭލިއާ، މިއަންމާ، ތައިލެންޑް، އިނގިރޭސި ވިލާތް، މެލޭޝިއާ، މޮރިޝަސް، ރިޔުނިއަން، ސީޝެލްސް، ޕާކިސްތާން، ސޯމާލިއާ، އޯމާން، މަޑަގަސްކަ، އީރާން، ޔޫއޭއީ، ޔަމަން، ކޮމޯރޯސް، ބަންގްލާދޭޝް، ޓެންޒޭނިއާ، މޮޒެމްބީކް، ކެންޔާ، ކްރޮޒެޓް އައިލެންޑް، ކެރްގުއެލެން އައިލެންޑްސް، ސައުތު އެފްރިކާ، ސިންގަޕޫރު އަދި އިންޑޮނީޝިއާ އިން ވެސް ސަމާލުވުމަށް އިލްތިމާސްކޮށްފަ. ރާއްޖެއަށް މިކަމުގެ އަސަރު ފޯރާނެ ކަމަށް ބެލެވެނީ ރާއްޖެ ގަޑިން 4-5 އާ ދެމެދު ކަމަށް ބެލެވޭ
.

4/08/2012

މެންބަރުންގެ އަމަލުތައް މިހާރު ހުރި ގޮތުން މަޖިލީހުގެ ތަޅުމުގައި ހުރި މުހިންމު މައްސައްކަތްތައް ކުރިއަށް ގެންދެވިދާނެބާ


ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަމަލުތައް މިހާރު ހުރި ގޮތުންނާއި މެންބަރުންގެ މެދުގައި މިހާރު ރޫހު ހުރިގޮތަށްބަލާއިރު މަޖިލީހުގެ ތަޅުމުގައި ހުރި މުހިންމު މައްސައްކަތްތައް ކުރިއަށް ގެންދެވިދާނެ ކަމާމެދު ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދެންފަށައިފި.

އަމިއްލައަށް ވެރިކަމުން އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް އައިފަހުން ރާއްޖޭގެ ސިޔާސީ މާހައުލު ހޫނުވެ ސިޔާސީ ވާދަވެރިކަން އިތުރުވެފައިވާ މިދަނޑިވަޅުގައި އެކަމުގެ އަސަރު އެންމެ ބޮޑަށް ފޯރާފައި ވަނީ ރައްޔިތުންގެ މަޖިލީހަށް. ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ކުޑަދުވަސްކޮޅަކަށް ވެފައި ވަނިކޮށް ރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ބޮޑު ބަދަލުތަކުގެ އަސަރު މަޖިލީހަށް ކޮށްފައިވާ މިންވަރާއި އަދި ކުރިއަށް އޮތް ތަނުގައި އެކަމުގެ އަސަރު މަޖިލީހަށް ކުރާނެ މިންވަރު މަޖިލިސް ހުޅުވަން ކުރަން ޖެހުނު މަސައްކަތުންވެސް ވަނީ ހާމަވެގެން ގޮސްފައި. ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވިގެން ދިޔައީ މިދެންނެވި ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި އެމަޖިލީހުގެ ތަޅުމުން ތާރީޚުގައިވެސް ފެނިފައި ނުވާފަދަ ހުތުރު އަމަލުތަކަކާއި ބޮޑެތި ހަމަނުޖެހުން ތަކަކާއިއެކުގައި.

މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވިޔަ ނުދީ ހުރަސް އެޅުމުން އެހެންދުވަހަކަށް އެމައްސަލަ އެޖެންޑާކުރެވި ދެވަނަ ފަހަރަށް މިމައްސަލަ އެޖެންޑާ ކުރެވުމުންވެސް ފެނިގެންދިޔައީ ހަމަ އެއް މަންޒަރުތަކެއް. އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މަޖިލީހުގައި ހަމަނުޖެހުންތައް ހިންގައި ބޭއަދަބީ ހުތުރު އަމަލުތައް ހިންގެވި މަންޒަރު. އެއަށްފަހު މަޖިލީހުގެ ޖަލްސާއެއް ނުބޭއްވި ދުވަސްތަކެއް ފާއިތުވެ ދިއުމަށްފަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގެ ތެރެއިންވެސް ފެނިގެން ގޮސްފައިވަނީ މަޖިލީހަށް އެޖެންޑާ ކުރެވިފައިވާ މައްސަލަތަކަށް ބަހުސްކުރުމުގެ ބަދަލުގައި ކޮންމެ މެންބަރަކުވެސް މައްސަލައާއި ނުގުޅޭ ތަފާތު ވާހަކަތަކެއް ދައްކަވަމުން ގެންދެވި މަންޒަރު. 

މަޖިލީހުގެ ތަޅުމުން ފެންނަމުން ދިޔައީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ސަރުކާރު ބަދަލުވެގެންއައި ގޮތާމެދު ވާހަކަ ދައްކަވަމުން ގެންދެވިއިރު ސަރުކާރަށް ތާއިދު ކުރާ މެންބަރުން އެވާހަކަތަކަށް ރައްދެއްވައި ވާހަކަ ދައްކަވަމުން ގެންދަވާ މަންޒަރު. އެގޮތުން ބަހުސްގެ މަރުހަލާގައި މެންބަރަކަށް ފަސް މިނިޓްގެ ފުރުސަތެއް ލިބިވަޑައިގެންފިނަމަ އެޖެންޑާކުރެވިފައިވާ މައުޟޫއިން ބޭރުގައި ބައެއް މެންބަރުން ހަތަރު ވަރަކަށް މިނިޓް ހޭދަކުރައްވާފައިވާކަން ފާހަގަކޮށްލެވޭ. ޖެހިގެން އައި ދުވަހު ބޭއްވި ޖަލްސާގައިވެސް މެންބަރުންގެ ރާގާއި އަމަލާއި ބަހުރުވަހުރީ ހަމަ މިކަހަލަ ގޮތަކަށް.

އެޖެންޑާކުރެވިފައިވާ މައްސަލައަށް ބަހުސް ކުރެއްވުމުގެ ބަދަލުގައި ދެކޮޅުންވެސް ދިޔައީ އެއްބަޔަކު އަނެއްބަޔަކަށް ރައްދުދީ ބަހުސް ކުރައްވަމުން. މަޖިލީހުގެ މިދައުރުގެ ތެރޭގައި މިހާތަނަށް ބޭއްވިފައިވާ ޖަލްސާތައް އަޑުއަހައި ނުވަތަ ބަލަމުންދާ ބަޔަކަށް މަޖިލިސް ސިފަވެގެންދަނީ ވެރިކަން ބަދަލުވުމާ ގުޅިގެން މަޖިލީހުގައި މައްސަލައެއް އެޖެންޑާ ކުރެވިގެން ބަހުސްކުރެވެމުން ދާ ކަމަށް.

ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ޖަލްސާތަކަށް އެއްބާރުލުން ދެމުންދާއިރު މިހާރު މަޖިލީހަށް ކުރިމަތިވެފައިވަނީ ތަފާތު އެހެން މައްސަލައެއް. މިއިން ޒަމާނެއްގައިވެސް މަޖިލީހުގެ ކޯރަމް ނުގެއްލޭހާ ގިނައިން ކޯރަމް ގެއްލި ވަގުތުތަކެއް ބޭކާރުވެގެން ދާމަންޒަރު އެންމެފަހުންވެސް މަޖިލީހުގައި ބޭއްވި ޖަލްސާގައިވަނީ އެތައްފަހަރެއްގެ މަތިން ކޯރަމްގެއްލުމުގެ ސަބަބުން ޖަލްސާ މެދުކަނޑާލާފަ. އެމްޑީޕީ މެންބަރުން ވިދާޅުވަމުންދަނީ ސަރުކާރު ހިންގާ ބޭފުޅުން މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން ކޯރަމް ހަމަކުރައްވަން ޖެހޭނެކަމަށް. ސަރުކާރަށް ތާއީދުކުރާ މެންބަރުންވެސް އަދި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންވެސް ޖަލްސާއަށް ހާޒިރުވެވަޑައު ނުގަންނަވަންވީ އެއްވެސް ސަބަބެއްނެތް. ރައްޔިތުން އެބައިމީހުން އައްޔަންކޮށްފައިވަނީ ޕާޓީގެ މަސްލަހަތާ ގުޅުންހުރި ވާހަކަތަށް ދެއްކުމަށް ނޫންކަމީ އެންމެންވެސް ގަބޫލުކުރާނެ ހަގީގަތަކަށް ވިޔަސް މިއަދު މަޖިލީހުގެ ތަޅުމުގައި ކަންހިގަމުންދަނީ އެގޮތަކަށްނޫން.

މަޖިލީހުގެ ތަޅުމުގައި ހުރި މުހިންމު ބިލްތަކަށްބަލާއިރު ޝަރުއީ ދާއިރާ އޭގެ މައްޗަށް ބުރަވާ އެތަކެއް ބިލްތަކެއް އެބަހުރި. މަޖިލީހަށް މެންބަރުން ހުށަހަޅާފައިވާ ބިލްތަކާއި ސަރުކާރުން ހުށަހަޅާފައިވާ ބިލްތައްވެސް މަޖިލީހުގެ ތަޅުމުގައާއި ކޮމިޓީ ތަކުގައި ފުނިޖެހިފައިވާއިރު މިބިލްތައް ފުރިހަމަ ނުވުމުގެ ސަބަބުން އެތައް ބައެއްގެ ހައްގުތައް ގެއްލިގެން ދާކަން ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ފާހަގަ ކޮށްފައި. އުއްތަމަ ފަނޑިޔާރުވެސް ދާދިފަހުން ވިދާޅުވެފައި ވަނީ ޝަރުޢީ ދާއިރާއަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީވެސް ރައްޔިތުންގެ މަޖިލީހުގައި ހުރި ޝަރުޢީ ދާއިރާއާއި ގުޅުން ހުރި ބިލުތައް ނުނިމި ދިގުލައި ދިއުން ކަމަށް. މިކަންކަމުގެ ސަބަބުން މިހާރު އަމަލު ކުރަމުން ގެންދާ ގާނޫނު އަސާސީއާ އެއްގޮތަށް ޝަރުއީ ދާއިރާ ހިންގުމަށް ހުރަސް ތަކެއް މެދުވެރިވެފައިވާއިރު އެދާއިރާއަށް އަމާޒުވެފައިވާ ފާޑުކިޔުންތަކުގެ ޒިންމާ އުފުލަން ޖެހޭ ހަގީގީ ފަރާތަކީ މަޖިލީހުގެ މެންބަރުން ކަމަށް ގާނޫނީ މާހިރުންވެސް ގަބޫލު ކުރައްވާ.

4/05/2012

މުޅީ ޝަރުއީ ދާއިރާ އޭގެ މައްޗަށް ބުރަވާ ގާނޫނުލް އުގޫބާތާއި ޖިނާއީ އިއުޖިރާތުގެ ބިލް އަދި ހެއްކާ ބެހޭ ގާނޫން

އަދުުގެ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެދާއިރާއަށް ބޭނުންވާ  ގާނޫންތައް ހެދިފަ ނެތުންކަމަށް ގާނޫނީ ބޭފުޅުން ހެކިވޭ. ކަންމިހެން އޮތް އިރު ރައްޔިތުންްގެ މަޖިލީހުގެ ތަޅުމުގައި އޮޮތް ގާނޫނުް އުގޫބާތާއި ޖިނާއީ އިއުޖިރާތުގެ ބިލް ނުނިމި ގިނަދުވަސްތަކެއް ވެގެންދިއުމަކީ މިދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުން. ޝަރުއީ ދާއިރާއަށް ރައްޔިތުން ކުރާ އިތުބާރާއި އެދާއިރާގެ މިނިވަންކަމާއި އިންސާފުވެރިކަމާމެދު އުފެދޭ ސުވާލުގެ ޖަވާބުވެސް ލިބިގެންދާނީ މި ބާރުގަދަ ހަތިޔާރުތަކެއްގެ ގޮތުގައި މިފެންނަ ބިލަތައް ވުޖޫދަށް އައުންކަން ޔަގީން.

ޖިނާޢީ ޝަރީއަތްތައް ހިންގުމަށް މިހާރު ހެދިފައިވާ ގާނޫނު ތަކަކީ ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ދަށުން އަމަލު ކުރެވޭނެ ގާނޫނު ތަކެއް ނޫންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިހާރު އޮތް ޤާނޫނުލްއުޤޫބާތާއި ޖިނާއީ އިޖުރާތުގެ ބިލުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް ރާއްޖޭގެ އުއްތަމަ ފަނޑިޔާރު މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވާފަ.

އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހުމަދު ފާއިޒް ހުސައިން ވިދާޅުވީ، ޤާނޫނުލް އުޤޫބާތާއި ޖިނާއީ އިޖުރާތުގެ ބިލަކީ ޢަދުލުގެ ނިޒާމަށް ވަރަށް މުހިންމު ދެބިލް ކަމަށާއި ޢަދުލުގެ ނިޒާމް ފުރިހަމަވެގެންދާނީ މި ދެބިލް ވުޖޫދަށް އައުމުންކަމަށް. އެގޮތުން މަޖިލީހުން މިބިލްތައް ފާސްވެއްޖެނަމަ ޢަދުލުގެ ނިޒާމަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިހާރު ޝަރުޢީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިބިލްތައް ނެތުންކަމަށާއި ބިލްތަށް އައުމުން މިހާރު ޝަރުއީ ދާއިރާއަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކާއި ހުރަސްތަކަށް ހައްލެއް ލިބިގެންދާނެކަމަށް.

ޖިނާއީ އިޖުރާތުގެ ބިލާގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޖިނާއީ ޝަރީއަތްތަށް ކުރުމަށް މިހާރު ހެދިފައިވާ ޤާނޫނު ތަކަކީ ދެހާސް އަށްވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން ގެންދާ އާ ޤާނޫނު އަސާސީގެ ދަށުން އަމަލުކުރެވޭނެ ޤާނޫނުތަކެއް ނޫންކަމަށާއި އެ ޤާނޫންތަކަކީ ޒަމާނީ ޖުޑިޝަރީއެއްގައި މަސައްކަތް ކުރުމަށް ދަތި ޤާނޫނު ތަކެއްކަމަށް.

އުއްތަމަ ފަނޑިޔާރު ފާއިޒް ވިދާޅުވީ ޖިނާޢީ ޝަރީޢަތްތައް ހިންގުމަށް ބޭނުންތެރި މި ބިލްތައް މަޖިލީހުގެ ތަޅުމުން ފާސްވެއްޖެނަމަ ޝަރީއަތްކުރުމުގައި ފަނޑިޔާރުންނަށް ފަސޭހަވެ، އެއް އުސޫލްތަކެއް ކަނޑައެޅި، ފަނޑިޔާރު އަމަލުކުރާނެ ގޮތްތައް ކަނޑައެޅި ފެންނަން ހުންނާނެކަމަށް.

ޝަރުޢީ ދާއިރާއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު 2008 ވަނަ އަހަރު ރާއްޖޭގައި އަމަލު ކުރަންފެށި އާ ގާނޫނު އަސާސީއާ އެއްގޮތަށް ޝަރީއަތްތައް ހިންގުމަށްޓަކާ ފާސްކުރަން ޖެހޭ ގިނަ ގާނޫނުތަކެއް މަޖިލީހުގެ ތަޅުމުގައި ނުނިމި ހުރިއިރު މަޖިލީހުގައި އޮތް ޖިނާއީ އިޖުރާތުގެ ބިލާއި ޤާނޫނުލް އުޤޫބާތް ނެތި ޖިނާޢީ ޝަރީއަތްތައް ކުރިއަށް ގެންދިއުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ބައެއް ގާނޫނީ މާހިރުން ވިދާޅުވޭ.

ޤާނޫނީ ބޭފުޅުން ޤަބޫލު ކުރައްވާ ގޮތުގައި މުޅި ޝަރުއީ ދާއިރާއަށް ދިމާވެގެން އުޅޭ އެންމެ ބޮޑު ގޮންޖެހުމަކީ މިބިލްތަކުގެ މަސައްކަތް ނުނިމި ބިލްތައް ވުޖޫދަށް ނައުން.


 

  

4/04/2012

އިންޓަރ ޕާރލިމަންޓަރީ ޔޫނިޔަން (އައި. ޕީ. ޔޫ) ގެ މެމްބަރަކަށް ފުރަތަމަ ފަހަރަށް ދިވެއްސަކު ހޮވިއްޖެ

ގަލޮޅު އުތުރ ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ.

 

އައިޕީޔޫގެ އަންހެން ޕާލިމެންޓްރީ މެންބަރުން ކޮމިޓީގެ މެންބަރަކަށް ހޮވިފައިވަނީ، ގަލޮޅު އުތުރ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އީވާ ޢަބްދުﷲ.

 
މާރޗް 31 އިން އޭޕްރިލް ފަހަކަށް ކަށް ޔުގަންޑާގެ ވެރިރަށް ކަމްޕާލާ ގައި ކުރިޔަށްދާ 126 ވަނަ އިންޓަރ ޕާރލިމަންޓަރީ ޔޫނިޔަން (އައި. ޕީ. ޔޫ) ގެ  އަހަރީ ޖެނެރަލް އެސެމްބްލީގެ މުހިންމު އެއްބައިގެ ގޮތުގައި  އެޖެންޑާ ކުރެވިފައިވަނީ އައިޕީޔޫގެ އަންހެން ޕާރލިމަންޓަރީ މެމްބަރުންގެ ކޮމިޓީގެ މަގާމްތަކަށް މެމްބަރުން ހޮވުން.

އީވާ ޢަބްދުﷲ މިމަގާމަށް ހޮވިވަޑައިންނެވީ ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ހުށަހަޅުއްވައި، އައި.ޕީ.ޔޫގެ އޭޝިއާ ޕެސިފިކް ގްރޫޕުގައި ހިމެނޭ ހުރިހާ ގައުމުތަކެއްގެ އިއްތިފާޤުން ތާއިދު ކުރެއްވި ކެންޑިޑޭޓްގެ ގޮތުގައި ވާދަ ކުރައްވައި ގެން.

އަންހެން ޕާރލިމަންޓަރީ މެމްބަރުންގެ ކޮމިޓީ އަކީ ބައިނަލް އަޤްވާމީ ޕާލިމަންޓް ތަކުގެ ޖަމިއްޔާ ( އައި.ޕީ.ޔޫ) ގައި ހިމެނޭ 159 ގައުމުގެ ހުރިހާ އަންހެން ޕާލިމަންޓަރީ މެމްބަރުން ތަމްސީލް ކުރާ ކޮމިޓީއެއް.

އީވާ އަބްދުﷲ ހިމެނިވަޑައިންނަވާނީ  123 އަހަރުވީ މިޖަމިއްޔާގެ މަގާމަކަށް އިންތިޚާބްވެވަޑައިގެންނެވި ފުރަތަމަ ދިވެހި މެމްބަރަށް.