1/23/2012

ބައެއްފަހަރު ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ތާއީދު ނުކުރަން- ޑރ. ވަހީދު


 ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު

ބައެއްފަހަރު ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ތާއީދު ނުކުރައްވާކަމަށް ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވެއްޖެ. ރާއްޖޭގައި މިހާރު ހިގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އަޅުގަނޑުގެ ބްލޮގަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވާހަކަ  ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ "ރައީސް ނަޝީދާ އަޅުގަނޑާ ދެމެދު ޒާތީ އެއްވެސް މައްސަލަތަކެއްނެތް" ކަމަށާއި އެހެންނަމަވެސް ބައެއްފަހަރު ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ތަކާމެދު ޚިޔާލުތަފާތުވުންތަކެއް ހުންނަކަމަށާއި އަދި މިފަދަ ކަންކަމުގައި ފުރިހަމައަށް ސަރުކާރުގެ ޕޮލިސީ ސްޓޭންޑަށް ތާއީދު ނުކުރެވޭނެ ކަމަށްވެސް ވަހީދު ވިދާޅުވި.

ގައުމުގެ ހާލަތާމެދު ދެކިވަޑާއިގަންނަވާ ގޮތް ހާމަކުރައްވަމުން ޑރ. ވަހީދު ވިދާޅުވީ ރާއްޖޭގައި ކޮންމެދުވަހަކު ހިގަމުންދާ މުޒާހަރާތަކާ ގުޅިގެން ސިޔާސީ މަސްރަހު މިވަގުތު އެހާރަގަޅެއް ނޫކަމަށާއި އެހެންނަމަވެސް މިކަމުގެ އަސަރު ރާއްޖޭގެ އެހެންރައްތަކަށް ނުފޯރާކަމަށް.

މުޒާހަރާތަކުގައާއި އެނޫންވެސް ކަންކަމުގައި ސިޔާސީ ބައެއްފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާއި މިކަންކަމުގެ ތެރެއަށް ފުލުހުންނާއި ސިފައިންގެ ބާރު ސަރުކާރުން ގާނޫނާ ޚިލާފަށް ބޭނުންކުރަމުން ގެންދާކަމަށް ދެކެވެމުންދާ ވާހަކައަށް ރައްދު ދެއްވަމުން ޑރ. ވަހީދު ވިދާޅުވީ "ގައުމުގެ ކުއްލި ހާލަތު އިއުލާން ނުކުރާހާ ހިދަކު އަޅުގަނޑު ގަބޫލެއް ނުކުރަން އަސްކަރިއްޔާއިން ސިޔާސީ ކަންތައްތަކުގެ ތެރެއަށް ވަދެވިދާނެކަމަށް."

އަބްދުﷲ ގާޒީ
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު
އަޅުގަނޑުމެން މިދައްކަނީ މިއަދަކު އިއްޔެއަކު އަޑުއިވޭ ވާހަކައެއް ނޫން. ތަފާތު ޖަލްސާ ތަކުގައާއި ފޯޑިއަމްތަކުގައި ރާއްޖޭގެ ޝަރުއީ ދާއިރާ މިނިވަންނޫންކަމަށް ބުނެ ވާއްހަކަދައްކަނީ އެންމެ މީހެއްގެ ދުލަކުނެއް ނޫން. މިއަޑަކީ ރާއްޖޭގެ ޑިމޮކްރަސީ ގެނެއުމަށް ގުރުބާންވި ގިނަ ބޭފުޅުންގެ ދުލުން އަބަދުވެސް އިވެމުންދާ އަޑެއް.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރިކުރުން ވެގެންދިޔައީ ގިނަ ފަރާތްތަކަށް ސިހުން ލިބި ހުރިހާ މީޑިޔާތަކެއްގެ ވެސް ބޮޑު ސުރުޚީއަކަށް. އެގޮތުން އަބްދުﷲ ގާޒީ އަކީ އަބަދުވެސް ސަރުކާރުހިންގާ ފަރާތްތަކުގެ  ފާޑުކިއުންތައް އަމާޒުވެފައިވާ ފަނޑިޔާރެއް. އެހެންކަމުން ބުނެވޭނީ އޭނާއަކީ ޖުޑިޝަރީ މިނިވަންކުރުމަށް ސަރުކާރުން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރައްވަމުންގެންދަވާ ބޭފުޅެއް ކަމަށް. އޭނާ މަގާމުން ވަކިކުރުމަށް ސަރުކާރުން ދިޔައީ ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން. އެކި އެކި ފަރާތްތަކަށް އަބްދުﷲ ގަޒީގެ މައްސަލަތައް ހުށެހެޅި. އެއިން އެއްވެސް މަސައްކަތެއް ކާމިޔާބު ނުވުމުން ދެން ސަރުކާރުން އަމަލު ކުރީ މުޅިން ތަފާތުގޮތަކަށް. ގާޒީ ހިފާ ހައްޔަރުކުރި. މިއީ ރަގަޅު ނިންމުމެއްކަމާމެދު ސުވާލު އުފެދޭ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެ މުޅިގައުމު މިހާރު މިވަނީ ކަންބޮޑުވާ ހާލަތެއްގަ. އަބްދުﷲ ގާޒީ މިނިވަންކުރުމަށް ފަނޑިޔާރުންނާ ސިޔާސީ އެކިއެކި ފަރާތްތަކާ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ބާރުތަކުން ދަނީ ގޮވާލަމުން. އެހެންނަމަވެސް ސަރުކާރުން މިކަންތަކަށް ދަނީ ބީރުކަންފަތެއް ދެމުން.

އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ފަހު ސަރުކާރުން ދެމުން ގެންދާ ރަށްދަށް ބަލާއިރު އޭނާ ދޫކޮށްލެވޭނީ އަދުލު އިންސާފުގެ ދާއިރާއާ މެދު ސަރުކާރަށް ޔަގީންކަން ލިބުނު ދުވަހަކުން ކަން ބުނަމުންދާފަދަ ގޮތަކަށް ވާހަކަދައްކަވަމުން ގެންދޭ.  އެހެންނަމަވެސް ސުވާލަކީ މުޅި ޝަރުއީ ދާއިރާއަކީ އެންމެ ފަނޑިޔާރެއްގެ ނުފޫޒުން ހިންގާތަނެއްތޯ ނޫނީ ޝަރުއީ ދާއިރާ އަބްދުﷲ ގާޒީއާއި ނުލާ މިނިވަންކުރެވިދާނެތޯ؟

ދީން
ދީން ހިމާޔަތްކުރުމަށް ގޮވާލާ ބެއްވި މުޒާހަރާގެ ތެރެއިން
ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްކަމަށް އަބަދުވެސް ދިވެހިން ދަނީ ބުނެ ވަކާލާތުކުރަމުން. ރާއްޖޭގައި ހުރިހާދީނަކަށްވެސް ފުރުސަތު އޮންނަންޖެހޭނެ ކަމަށް ބުނެ ބަޔަކު މީހުން ނުކުމެ ވާހަކަ ދެއްކުމުން އެގޮވާލަނީ ތިމަންނާމެންނަކީ އިސްލާމުންނެއް ނޫނޭ ދޭހަވަނީ ކިތައް މީހުންނަށްތޯ؟ މެދުމިނަށް ތާއީދޭ ބުނުމުން އެބުނަނީ ދެންތިބި މީހުންނަކީ ދީނީ ގޮތުން ހައްދު ފަހަނައަޅައިފައިވާ މީހުންނޭ ދޭހަވޭތޯ؟ މިރާއްޖޭގައި ލާދީނީ ބަޔަކު އުޅޭކަމަށާއި އެފަދަ ކަމަކަށް ގޮވާލާ އަޑު ދުވަހަކުވެސް އަޑުއަހާފައިވަނީ ކިތައް މީހުންތޯ؟ މިކަހަލަ ކިތައްމެ ކަމެއް.

ސިޔާސީ ކަންތައްތަކުގައި ދީން ހަތިޔާރަކަށް ނުނަގާ އެންމެ ގައުމެއްވެސް މަދުވާނެ. ރާއްޖެކަހަލަ ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި މިކަން ކުރުމަކީ ވަރަށް ފަސޭހަ ކަމަކަށް ވެގެންދާނެ. އިސްލާމީ ގައުމެއްގައި ޑިމޮކްރަސީ އަށަގަނެވުމަކީ ވަރަށް އުދަގޫ ކަމެކޭ ބުނެއުޅެނީ ސަބަބު ތަކެއް ނެތިއެއްނޫން.

ދާދި އިހަކަށްދުވަހު ދީން ހިމާޔަތްކުރުމަށް ރާއްޖޭގައި ކުރި މުޒާހަރާ އަކީ ސިޔާސީ ފަރާތްތަކަށް އެކަމުގެ ފައިދާ ވަރަށް ގިނަގޮތްގޮތަށް ލިބިގެންދިޔަކަމަކަށް. އަދިވެސް އެއްފަހަރު އަޅުގަނޑު ތަކުރާރު ކޮށްލާނީ (ދިވެހިން މުޒާހަރާ ކުރީ ދީންދެކެ ލޯބިވާތީއޭ. މައުމޫން ނޫނީ ތަސްމީނަށް ތާއީދުކޮށެއް ނޫނޭ)

ދީން ހިމާޔަތްކުރުމަށްޓަކައި ދިވެހިން ކުރި މުޒާހަރާގައި އަޖައިބު ކުރުވަނި ކިތައްމެ ކަމެއް ހިގައިދިޔަ. އިޒްރޭލުގެ ފްލައިޓެއް ރާއްޖެއަށް ޖެއްސުން އެއީ ލާދީނީ ސިފަތަކަށް ގޮވާލަނީ ކަމަކަށް ނޫނީ އެހެން ދީނަކަށް ދައުވަތު ދެނީކަމަކަށް އަޅުގަނޑު ނުދެކެން. އެހެންގައުމެއްގެ މޮނިއުމެންޓެއް ރާއްޖޭގައި ބެހެއްޓުމަކީ ދިވެހިންގެ ދީނީ އަގީދާ ބަލިކަށިވުންކަމަކަށްވެސް އަޅުގަނޑު ނުދެކެން. (އެހެންނަމަވެސް އެފަދަ މޮނިއުމެންޓެއް ބެހެއްޓުމަށް ޚުދު އަޅުގަނޑަކީވެސް ދާއީދު ކުރާ މީހެއް ނޫން) އެހެންނަމަވެސް ސިޔާސީ ފަރާތްތަކުން ފާރަލަމުން އަންނަ ސަރުކާރުގެ ބަލިފައިގެ ވާގިނެތުމުން ދެންވާނީ ކިހިނެއްތޯ. ހުރިހާ ކަމަކަށްވެސް ދީން ވައްދާ އެކަމުގެ ނާޖާއިޒް ފައިދާ ނެގި.

އަދާލަތު ޕާޓީ
އަދާލަތު ޕާޓީގެ އިސް ބައެއް ބޭފުޅުން
އަދާލަތު ޕާޓީއަކީ ރާއްޖޭގެ ފުންނާބުއުސް ދީނީ އިލްމުވެރިންގެ މައްޗަށް އުފެދިފައިވާ ޕާޓީއަކަށްވާއިރު ދީނާ ސިޔާސީ ކަންތައްތަކާ އެޕާޓީން އެކުލަވަނީ ކިހާ މިންވަރަކަށްކަން އަޅުގަނޑު ނުބުންޏަސް ތިއެންމެ ބޭފުޅުންނަށް އެގިލައްވާނެ. ދީން ހިމާޔަތް ކުރުމަށް ބޭއްވި މުޒާހަރާ ވަކި ގޮތަކަށް ނުނިމި އޮއްވާ ދެންފެނިގެންދިޔައީ ސަރުކާރާ އަދާލަތު ޕާޓީގެ ކޯޅުން ގަނޑެއް. ސަރުކާރުން މަސައްކަތް ކުރައްވަނީ ދީނީ އިލްމުވެރިން ނެތިކޮށްލާ އެބޭފުޅުންގެ އަގުވައްޓާލުމަށްކަމަށް އެޕާޓީން ދިޔައީ ބުނަމުން. ދެން ކުއްލިއަކަށް ފެނިގެންދިޔައީ މިސަރުކާރުގަވެސް އިސްމަގާމެއްގެ ޒިންމާ އުފުއްލެވި އަދި އަދާލަތު ޕާޓީގެވެސް ފުންނާބުއުސް އިލްމުވެރިއެއްގެ ވީޑިއޯ އެއް ލީކްވެގެންދިޔަތަން. މިހިސާބުން އަނެއްކާވެސް ދިޔައީ ސަރުކާރާ އަދާލަތުގެ ބަހުސް އިތުރަށް ހޫނުވެގެން.

ދީން ހިމާޔަތްކުރުމަށް ބޭއްވި މުޒާހަރާއަށް ވަކިގޮތެއް ނުނިމެނީސް ސަރުކާރުން އަބްދުﷲ ގާޒީ ހައްޔަރުކުރުމުން އަނެއްކާވެސް މަޝްރަހު ހޫނުވެގެންދިޔަ. އިދިކޮޅު ސިޔާސީ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ. އިއްޔެވެސް މިއަދުވެސް މާދަމާވެސް މުޒާހަރާ. އަބްދުﷲ ގާޒީ މިނިވަންކުރުމަށް އިދޮކޮޅު ހުރިހާ ފަރާތްތައް އެއްގަލަކަށް އެރި. އެހެންނަމަވެސް ނިޔަތަކީ "ސަރުކާރު ވައްޓާލުން" ކަން އިދިކޮޅުފަރާތްތަކުގެ ބަސްމަގުތަކުން ވަރަށް ރަގަޅަށް އެގިގެންދޭ. ޑރ އަބްދުﷲ ޖަމީލް، އަބްދުﷲ ޔާމީން. ޑރ. ހަސަން ސައީދު، އާޒިމާ ޝަކޫރު، ތަސްމީން އަލީ، މިބޭބޭފުޅުންނަކީ މުރީގެ ސަރުކާރުގެ އިސްމަގާމްތަކުގައި ތިއްބެވި ބޭބޭފުޅުން. 

1/19/2012

ސަރުކާރު ނޭވާހޮޅިއަށް އެޅި އަސްކަރިއްޔާގެ ބާރު ގަދަވެ ގާނޫންތަށް ވާވެފައި

ދީން ހިމާޔަތްކުރުމަށް ބޭއްވި މުޒާހަރާގެ  ބައިވެރިން



މައްސަލައަކީ ކޮބައިކަން އަޅުގަނޑުމެންގެ ތެރެއިން އެގެނީ ކިތައް މީހުނަށްތޯ؟

ސިޔާސީ ހަލަބޮލިކަން ރާއްޖެއަށް ވެރިވެފައިވާ މިފަދަ ދަނޑިވަޅެއްގައި ހުރިހާ ބާރުތަކުން ގާނޫނުގެ މައްޗަށް އަތްގަދަ ކުރާ މަންޒަރު މިހާރު މިދަނީ ފެންނަމުން. ޑިމޮކްރަސީއެއްގެ ޅަފަތުގައި މިފަދަ ގޮތަކަށް ބާރުތަކުގެ އަމަލު ބެހެއްޓުމުން ގައުމަށް އައިސްދާނެ ލޮޅުމަކާ މެދު އެއްވެސް ފަރާތަކުން ވިސްނާނަމަ މިފަދަ މަންޒަރުތަކެއް ފެނިގެންނެއް ނުދާނެ.

ތެދެކެވެ. އަޅުގަނޑުމެން ތިރީސް އަހަރުގެ ވެރިކަން ބަދަލުކުރީ އޭރުގަ އޮތް ޚުދުމުޚުތާރު ވެރިކަން ކަމަށް ބުނި ވެރިކަން ބަދަލުކޮށް ޑިމޮކްރަސީއެއް އަށަގަނެވުމަށް. ސަރުކާރު ބަދަލުކުރުމަށް އޭރު ނުކުތް އެންމެނަކީވެސް ރައްޔިތުންނަށް ހެޔޮއެދިގެން ނުކުތްބައެއް ކަމަށް އެންމެނަށްވެސް އޭރު ގަބޫލް ކުރެވުނު. ވެރިކަމުގައި އޭރު ތިއްބެވި ބޭފުޅުންގެ އިތުބާރު ނެތިވެ "ބަދަލަކަށް" ވަރަށްފުރިހަމަ ތާއީދު ލިބިގެން ދިޔައީވެސް މިސަބަބާހުރެ. ނިމުމަކަށް އައިސްފައިވާ މިސަރުކާރުން ކުރަމުން ގެންދާ އެއްވެސް ކަމަކަށް ފާޑުނުކިޔާ ދުވަސްވަރެއް އިދިކޮޅުފަރާތްތަކަށް ނާދޭ. އެއީ ސަރުކާރުގެ ދޯދިޔާ ކަމުން ކަމަށްވެސް ވެދާނެ. 

އިދިކޮޅު ސިޔާސީ ޕާޓިތަކުގެ ބޭނުމަކީ އަބަދުވެސް ވެރިކަމަށް އައުން ކަން އަޅުގަނޑުމެން އެންމެނަށްވެސް އިނގޭ. އެހެންވެއްޖެނަމަ ގަބޫލް ކުރަންޖެހޭނެ ހަގީގަތަކީ އެފަދަ ފަރާތްތަކަށް ވެރިކަމުގެ މުގުލުގައި ތިއްބަވާ ބޭފުޅުން ކުރައްވާ ރަގަޅު އެއްވެސް ކަަމެއް ނުފެންނާނެކަން. މިކަން ޖެހޭނީީ ސަރުކާރަށްވެސް ވިސްނެން. އަދި ހަމަ ސަރުކާރު ހިންގާ ފަރާތްތަކުން  ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލޭފަދަ ގޮތަކަށް އަމަލުތައް ބަހައްޓައިގެންވެސް ނުވާނެ. 

އަދުގެ ސަރުކާރު ވެރިކަމަށް އަންނަން އުޅުނު ޒަމާނުއްސުރެން މިސަރުކާރަކީ ދީނަށް ބޯނުލަބާ ބަޔަކު އުޅޭ ސަރުކާރެއްކަން އޭރުވެސް ދިޔައީ ތުހުމަތު ކުރަމުން. ކަންމިހެން އޮތް އިރު ދާދި އިހަކަށް ދުވަހު ގައުމެއްގެ މޮނިއުމަންޓެއް އަޅުގަނޑުމެންގެ ސައްތައިން ސައްތަ މުސްލިމް ގައުމެއްކަމަށް ދައުވާކުރާ ރާއްޖޭގައި ބެހެއްޓުމުން ދޭހަވަނީ ކޮންކަމެއްތޯ؟ މިކަން އެކަނެއްނޫން. ރާއްޖޭގައި ހުރިހާދީނެއް އޮންނަންޖެހޭނެކަމަށް މުޒާހަރާ ކުރި މީހުންނަކީވެސް އޮޅުމެއްނެތި މިސަރުކާރުގެ އެޖެންޑާތަކުގެ ހިޔަލުގައި ތިއްބެވި އެކްޓިވިސްޓުންކަންވެސް އެންމެނަށް އިނގޭ. އެހެންވެއްޖެނަމަ ކުރިން އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދިޔަ ވާހަކަތަކަށް ލިބިގެންދާނީ ވަރަށް ބޮޑު ކުރިއެރުމެއް.

ވެރިކަމަށް އަންނަން މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުންވެސް ދީން ހަތިޔާރަކަށް ނެގުމަކީ، އަޅުގަނޑުމެންގެ ރާއްޖޭގަ އެކަންޏެއް ނޫން ހުރިހާ ގައުމަކުންވެސް ކުރަމުންގެންދާ ކަމެއް. ވަރަށް ކުޑަ މިސާލެއް ދަންނަވާނަމަ، އެމެރިކާގެ އައީސް ބަރަކް އޮބާމާ ވެރިކަމަށް އަންނަން މަސައްކަތް ކުރިއިރު އޭނާއަކީ މުސްލިމެއްކަމަށް ބުނެ އަޑު ފެތުރި. ތިބޭފުޅުންގެ ހަނދާން ބަލި ނޫން ކަމަށްވާނަމަ އަޅުގަނޑުމެންގެ ރާއްޖޭގެ ސިޔާސީ މަސްރަހުގައިވެސް އިންތިޚާބުގެ ދުވަސްވަރު މިފަދަ އަޑުތައް އާންމުވެގެންދިޔަ. ދަންނަވަން މިއުޅެނީ ދީނަކީ ހުރިހާ އިރެއްގަވެސް ސިޔާސީ ހަރިޔާރެއް ކަން.

ދާދި އިހަކަށް ދުވަހު ރާއްޖޭގައި ދީން ހިމާޔަތް ކުރުމަށް ގޮވާލާ ބޭއްވި މުޒާހަރާއަކީ ދީނަށް ލޯބިކުރާ ދިވެހިންތަކެއް ބޭއްވި މުޒާހަރާއެއް ކަމަށްވިޔަސް ސިޔާސީ ފަރާތްތަކުން ވަނީ އެކަމުގެ ފައިދާ ވަރަށް ރަގަޅަށް ބޭނުންކޮށްފަ. ދީން ހިމާޔަތްކުރުމަށް އެތަނަށް އެއްވި މީހުންނަކީ ހަސަން ސައީދަށް، މައުމޫން އަބްދުލް ގައްޔޫމަށް، ގާސިމް އިބްރާހިމަށް ތާއީދުކޮށް ދިޔަ މީހުނެއް ނޫން. މާގިނަ ދުވަސްތަކެއް ނުވެ އަނެއްކާވެސް އިވިގެން މިދަނީ މިއަދުވެސް މާދަމާވެސް މުޒާހަރާ ކަމަށް ގޮވާއަޑު. ސަރުކާރު ނޭވާހޮޅިއަށް އެޅުނީ ކަމެއް ނޭގެ. ސިޔާސީ ބޭފުޅުންނާ އަދުލު އިންސާފް ގާއިމް ކުރާ ބާރުތައްވެސް ވެރިކަމުގެ ބާރުގެ ދަށަށް ގެނެސްފި. އަސްކަރިއްޔާގެ ބޭނުން ހިފުމަށްފަހު ގާނޫނަށްވެސް ބޯނުލަބައި ހިތުހުރިގޮތަކަށް ކަންތައްތައް މިހާރު މިދަނީ ކުރަމުން. ހުރިހާ ފަރާތްތަކުންވެސް އަމިއްލަ މަސްލަހަތަށް ވުރެ ބޮޑަށް މުޅި ގައުމާ މެދުމަ ވިސްނަން ޖެހިއްޖެ. ގައުމު ހަމަޔަކަށް އެޅުމަށް މަސައްކަތް ކުރަންވެއްޖެ. ގައުމާ ރައްޔިތުންނަށްޓަކައި އެކަން ކޮށްދޭން ޖެހިއްޖެކަން ވެރިކަމުގެ ބަރާށާއި އަދުލު އިންސާފްގެ ދާއިރާއާއި ގާނޫނު ހެދުމުގެ ބާރާއި އަދި ސިޔާސީފަރާތްތަކުންވެސް ވިސްނަން ޖެހިއްޖެ. މަޝްވަރާ ކުރުމަކީ ނެތްކަމެއްވެސް ނޫން.