8/31/2011

ބޭނުންވަނީ ދިވެހިންދެކެ ލޯބިވާ ހިތެއް. އޯގާތެރި ސަރުކާރެއް


ދިވެހިންގެ ތެރެއިން ގިނައީ ވަޒީފާއަށް ނުދާ ޒުވާނުން
"މި އުޅެނީ ކިޑްނީ ވިއްކާލަން. އެއީ އަންނަ ކެމްޕޭނަށް. މަޖިލީހަށް ހޮވިއްޖިއްޔާ އިތުރު ތިން ކިޑްނީވެސް ހޯދިދާނެ. ވަޒީފާ ލިބިއްޖެ. މުސާރައަކީ 6000ރ." ވަރަށް ހެވިފަ ރައްޓެއްސަކު ބުނި. 

ދިވެހިން ވަޒީފާއަށް އަހުލުވެރިކުރުވާ ވާހަކައަކީ މިއަދު އެކަނި އިވޭ ވާހަކައެއްނޫން. އަޅުގަނޑުގެ އުމުރުން އެގާރަ އަހަރުގަވެސް މިވާހަކަ ރޭޑިޔޯއާއި ޓީވީތަކަށް އަރާ ސަރުކާރުގެ އިސްވެރިން ދައްކާވާހަކަ އަޑުއިވޭ. ޒުވާނުންނަށް ކުޅިވަރު ވަސީލަތްތައް އިތުރު ކުރުމަށް ސަރުކާރުން ތަފާތު މަސައްކަތްތަކެއް ކުރަމުންދާކަންވެސް ފާހަގަ ކުރެވޭ. ނަމަވެސް އުފެދޭ ސުވާލަކީ ވަޒީފާ ހޯދައިދިނުމަށް ސަރުކާރުން ހަމަ ހަޤީޤަތުގައިވެސް ބޭނުންވޭބާވައޭ؟ މިކަން ކުރެވިއްޖެނަމަ އެވާނީ މުޖްތަމައުއަށް ފައިދާހުރި ގައުމަށް ބޭނުންތެރި ކަމަކަށް. ގައުމުގެ އިގްތިސާދުވެސް ރަގަޅުވެގެންދާނެ ކަމަކަށް. ބަޔަކަށް ނުދަރާ، ބޭސް ސިޓީ ހިފައިގެން ސަލާންޖަހަން ނުގޮސް، ކަންމަތީ ފިހާރައިގެ ދަރަނި އަދާކޮށް ތާހިރު ދިރިއުޅުމެއްވެސް އުޅެވޭނީ އޭރުން.

"މިގޭ ނޫޅޭނެ ރަގަޅު އެކަކުވެސް. ވަޒީފާއަށްދާ މީހަކު ނޫޅޭނެ. އަބަދު މަގުމަތި އަޅާފަތިބޭނީ. މަންމައާ ބައްޕަ ދިނީމަ ކައިގެން އުޅެނީ. މާލެ ބައެއް ނޫންނަމަ ކޮންފަދަ ހާލެއް" ވަރަށް ހިތްހަމަ ނުޖެހި ހުރެ ފިހާރައެއްގެ ތެރޭހުރި މުސްކުޅިފުރާ އަންހެނަކު ކިޔައިދިން.
ސުވާލަކީ އެ ދައްތަ އެބުނާ ކުދިން ވަޒީފާއަށް ގަސްތުގައި ނުދަނީބާއޭ ނޫނީ ވަޒީފާއެއް ނެތި ގޭގައި ތިބެންޖެހެނީބާއޭ. ޔަގީނުންވެސް ކަށަވަރު ކުރެވޭ ކަމަކީ ވަޒީފާއަށްގޮސް ޖީބަށް ލާރިލެވޭނަމަ އެގޮތަށް ނުތިބޭނެކަން.

ދެން އުފެދޭ ސުވާލަކީ ވަޒީފާއަށް ނުދަނީ ކީއްވެގެންބާއޭ؟ ތަފާތު އެތަކެއް ސަބަބުތަކެއް އެބަހުރި. ރަގަޅު ތަޢުލީމެއް ނުލިބުން. ވަޒީފާގެ ތަޖްރިބާއެއްނެތުން. މުސާރަކުޑަވުން. ބޮޑެތި ކުންފުނިތަށް ހިންގާ މީހުންވެސް ބުނާނީ ދިވެހިންނަށް ވަޒީފާ އަދާކުރަން ނުކެރެނީކަމަށް. އެބޭފުޅުން އެބުނަނީ ކޮންސްޓްރަކްޝަން ދާއިރާގެ ވާހަކަ ނޫނީ ދޮރުވާނަކަށް ހުންނަވާހަކަ. ނޫނީ ފިހަރައިގެ ސޭޓަކަށް ހުންނަވާހަކަ. އެބުނާ  ވަޒީފާ ދޭނީވެސް ގެންގުޅޭ ބިދޭސީ މީހާއަށް.

"މަ މިހިރީ އަޖައިބުވެފަ. އެކުއްޖާއަށް 500ރ. ގެ މުސާރައަކަށް މިތަނަށް އޭނަ ވެއްދީމަ. ބުނީ އޭނަގެ އުމުރަކީ 16 އަހަރޭ. އޭނަ ބައްޕަ ބުންޏޭ ފެންނަ މުސާރައެއް ދީފަ އޭނަ މިތަނުގަ ބަހައްޓާށޭ. އެ ސޯޅަ އަހަރުގެ ކުއްޖާ މިތަނުގަ ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް ކުރަނީ. މަ އެންމެ ފަހުން އެވާހަކަ ދެއްކީމަ މުސާރަ 1000ރ. އަށް ބޮޑު ކުރި. އެކުއްޖާ މިހާރު މިތާ އުޅޭތާ 2 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ" ކޮފީއެއްގަ އިދެ ރައްޓެއްސަކު ކިޔައިދިން. މިކަން ޔަގީން ކުރުމަށް އަޅުގަނޑު އެކުއްޖާއަށް ގުޅިން. އަދި މިހާރު ލިބޭ މުސާރައާއި މަގާމް އެހިން. "ކެމެރާ މަނަކަށް އުޅެނީ. ލިބޭ މިހާރު 3500ރ. ޕްރޮގްރާމަށްވެސް އަދި ޚަބަރަށްވެސް ވީޑިއޯ ކުރަން." ދިވެހިންނަށް އަދާކުރެވޭނެ ވަޒީފާތައް ދިވެހިންނަށް ދިނުމަކީ ކުރެވިދާނެކަމެއް. އެކަމަކު 3500ރ. ގެ މުސާރައަކަށް މިހާރު ވަޒީފާއަށް ދާނީ ކާކުބާ؟ 

ދިވެހިންނަށް އަދާކުރެވިދާނެ ވަޒިފާތަކުގައި ތިބި ބިދޭސީން އެކަންކަމުން ދުރުކޮށް ދިވެހިންނަށް ވަޒީފާ ދިނުމަކީ އިތުރު ތަމްރީނު ޕްރޮގްރާމްތަކެއް ހިންގަންޖެހޭނެ ކަމެއްނޫން. ބޭނުންވަނީ ދިވެހިރައްޔިތުން ދެކެ ލޯބިވާ، ދިވެހިރައްޔިތުންނަށް ހެޔޮއެދޭ، ދިވެހިރައްޔިތުންނަށް އޯގާތެރި ހިތެއް. 

ދެން އިވޭ އަނެއް އަޑަކީ ކިޔަވައިގެންތިބި ޒުވާނުން މަދުކަން. "ކިހިނެއް އިތުރަށް ކިޔަވާނީ. މިއުޅެނީ ނަގައިން އުޅުނު ލޯނުންވެސް ނުފުދިގެން. އަހަރުން ކިޔަވަން އުޅޭ ހާލު ހިތަށްއަރާފަ ލޮލުން ފެންވެސް އާދެ. ބަލާ މުއްސަނދިންގެ ދަރިން. ނުކިޔަވާނެ އެކަމަކު ތިބޭނީ ހެސްކިޔާފަ ސަޅި ޖޮބްގަ." ރާއްޖެއިން ބޭރުގަ ކިޔަވަންހުރި ކުއްޖަކު އޭނަގަ އަމިއްލަ ފޭސްބުކް ޕޭޖްގަ ލިޔަފަވޭ. 

ވައްކަން ކުރާ ވާހަކައާއި ފޭރުން މިދަނީ އެއްދުވަހަށް އަނެއްދުވަހަށް އިތުރުވަމުން. އަޅުގަނޑުމެން މިދެކޭ ބޮޑު މަންޒަރު ވަރަށް ސާފުކޮށް މިހާރު ފެންނަކަހަލަ. ބައެއް ވުޒާރާތަކުގެ މުސާރައާއި އިނާޔަތްތައް އަތްނުފޯރާފަށަށް މައްޗަށްގޮސް ކާބޯތަކެތީގެ އަގު އިންތިހާއަށް ގޮސް ހަމަމަގުން ނެއްޓޭކަހަލަ.
މަސްތުވާތަކެތީގެ ވަބާގައިޖެހި ދިވަހި ގައުމު ހަލާކުވެދަނީ. ދެވަނަ ފުރުސަތު ދީގެން މުޖްތަމައުއަށް ނެރޭ މީހުން ދެން ވަޒީފާއަދާކުރާނީ ކިހިނަކުންބާ؟ އެމީހުނަނަށް ވަޒީފާދޭނެ އެކަކުވެސް އުޅޭނެބާ.
މަންޒަރު ވަރަށް ސާފު. ދެވަނަ ފުރުސަތުގެ ތެރެއިން ވަޒީފާހޯދަން އެކުދިން ކިއްސަރާއި ފަންވަރާއި ބުންވަރު ފެއަރތައް ބާއްވައި ނަންނޯޓުކޮށް ކޮލެޖަކުން ޑިގްރީ ހައްދައިގެން އަޔަސް މިދިވެހި މުޖްތަމައުގައި އެމީހުންނަށް ވަޒީފާދޭނެ ހަމައެކަކުވެސް ދެނެއް ނޫޅޭނެ. ނުވެސް ދޭނެ. އޭރުން ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ހުރިހާވައުދެއްފުދި އަމާން ބަނދަރަކުން ކަށި ޖަންގަޔެއްގެ ތެރެއަށް ދިވެހި ޒުވާނުންވަދެގެންދާނެ. 

ރައްޔިތުން ކަންބޮޑުވާންޖެހެނީ މިކަންކަމަށް ބަދަލެއް ގެންނަން މަސައްކަތްނުކޮށް ފާޑުފާޑުގެ ނަންނަމުގައި ޕްރޮގްރާމްތައް ހިންގަން އުޅޭ މަންޒަރު ފެންނަމުންދާތީ. އެކަންކަމުގެ ހަޤީޤީ މަޤްޞަދާމެދު ސުވާލު އުފެދެނީ މިފަދަ ސަބަބުތައް ލޮލަށް ފެންނާތީ. ދިވެހި ރައްޔިތުންނަށް އޯގާތެރި ސަރުކާރެއްގެ ދަށުން ދެވަނަ ފުރުސަތެއްގެ ދޭކަމަށްބުނެ އެކުދިންގެ "ވޯޓް" ހޯދުމަށް މަސައްކަތްކުރިއަސް ބުނެވޭނީ މިއީ " ބޮޑުވަރޭ". ދެންނެވޭނީ ކުރިއަށް އޮތް އިންތިޚާބް ނިމުމުން އަނެއްކާވެސް މިކުދިން ޖަލަށްލެވި ގެންދާނެއޭ. ދެން އަނެއްކާވެސް އޭރެއްގަ އޮންނަ އޯގާތެރި ސަރުކާރަކުން ތިންވަނަ ފުރުސަތެއްވެސް ދޭނެއޭ.

އެގާރަ ޖަލްސާއަށް ހާޒިރުވެ މަހަކު 82500 ރުފިޔާގެ މުސާރައެއް


ރައްޔިތުންގެ މަޖިލީހުގެ މެންބަރުން 82500ރ. ގެ މުސާރައެއް ކަނޑައެޅުމަށްފަހު އެއް މަސްދުވަހުގެ ޗުއްޓީއަކަށްވަނީ މިމަހުގެ 28 ވަނަ ދުވަހު ގޮސްފަ. މިދުވަހުގެ ޖަލްސާ ނިންމާލެއްވީ އެތަކެއެ ޑްރާމާތަކެއް ރައްޔިތުންނަށް ދެއްކުމަށްފަހު މުހިންމު ބިލެއްކަމަށްވާ މުދަލާ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލް ފާސްކޮށްފަ.

އެދުވަހުގެ ޖަލްސާ ކުރިއަށް ގެންދިޔަ ވަގުތު މަޖިލިސް ކައިރީގައި ބައެއް އާންމު ރައްޔިތުންނާ މަދަނީ ޖަމްއިއްޔާ ތަކުން ގެންދިޔައީ މުޒާހަރާ ކުރަމުން. އެހެންނަމެވެސް އެއްވެސް ނަތީޖާއެއް ނުނެރެވި އެދުވަހުގެ ޖަލްސާ ނިމި މަޖިލިސް މެންބަރުންވަނީ 20000ރ. އެލަވަންސާއެކު ގެއަށް ވަޑައިގެންފަ. 

އެދުވަހުގެ މުޒާހަރާ ކުރަމުން ގެންދިޔައިރު ފޭދޫ ދެކުނުދާއިރާގެ މެންބަރ އަލްހާންފަހުމީ ވަނީ އެލަވަންސް ކުޑަ ނުކުރާނެ ކަމަށްބުނެފަ. މަޖިލީހުގެ ބައެއް މެންބަރުން ވަނީ ބައެއް ޖަލްސާތަކުގައި އަލްހާން އެމްޑީޕީއަށް ސޮއިކުރީ ރިޝްވަތު ހިއްޕަވައިގެންކަމަށް ބުނެ އެކަމަށް ތުހުމަތު ކުރެވޭ ގޮތަށް ވާހަކަ ދައްކާފަ. މީގެ އިތުރުން ބައެއް މެންބަރުންވަނީ އެބޭފުޅުންނަށް ލިބެމުންދާ އެލަވަންސް ބޭނުންކުރާނީ އެބޭފުޅަކު ނިސްބަތްވާ ދާއިރާއަށް ކަމަށްބުނެފަ. އެގޮތުން ފާހަގަ ކުރެވޭ ވިޔަފާރިވެރިއެއްކަމަށްވާ މީދޫ ދެކުނު ދާއިރާގެ މެންބަރ އަހުމަދު ސިޔާމް ހިމެނޭ. އެބޭފުޅާގެ މިވާހަކައިންވެސް ދޭހަވެގެންދަނީ ކުރިން ލިބެމުންދިޔަ މުސާރައިން އެއްވެސް އެއްޗެއް ހެޔޮ ހިތުން ރައްޔިތުންނަށް ދޭން ބޭނުން ނުވާކަން.

މަދު މެންބަރެއް ފިޔަވައި ހުރިހާ މެންބަރުންވެސް ކޮމިޓީ އެލަވަންސް ބޭނުންކަމަށް ބުނަމުންދާއިރު އެބޭފުޅުންގެ ހާޒިރީ ބެއްލެވުން ވަރަށް ރަގަޅުވާނެ. ބައެއް މެންބަރުން 29 ޖަލްސާ ބޭއްވޭއިރު ވަޑައިގެންނެވެނީ އެންމެ 11 ޖަލްސާއަށް. އެހެންނަމަވެސް މުސާރަ ބަރާބަރަށް އެކައުންޓަށް ޖަމާކުރެވެމުންދޭ. މިއީ މިފަދަ މެންބަރުން ލަދުގަންނަންވީ ވަރުގެ ކަމެއް. ހާޒިރީ ބެއްލެވުމަށް މި ލިންކްތަކަށް ކްލިކް ކޮށްލައްވާ. http://www.majlis.gov.mv/di/haaziree
   
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް މެމްބަރުންނަށް އަމިއްލަ އަށް ބޮޑު ނުކުރެވޭ ގޮތަށް ހަމަޖައްސައި ދިނުމަށް ގައުމީ ޕާޓީން ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފައި އަދި މުސާރަ ކަނޑައެޅުމުގައި ސަރުކާރާއި މިނިވަން މުއައްސަސާތަކާއި ޖަމިއްޔާތައް ވެސް ހިމެނޭ މިނިވަން ކޮމިޓީއަކުން މެމްބަރުން މުސާރަ އެކުލަވާލަން ޖެހޭ ގޮތަށް ގައުމީ ޕާޓީން ހުށެހެޅި ބިލުގައިވޭ. އަދި އާންމު ރައްޔިތުންނާ މަދަނީ ޖަމްއިއްޔާތަކުންދަނީ އެލަވަންސް ކުޑަކުރުމަށް ގޮވާލަމުން. އެހެންނަމަވެސް އިއްޒައްތެރި މެންބަރުން ދަނީ މިކަމަށް ބީރު ކަންފަތެއް ދީފަ.

8/29/2011

ކޮމިޓީ އެލަވަންސާއާ ދެކޮޅަށް މަޖިލިސްކައިރީ މުޒާހަރާ ކުރަމުން އެބަދޭ




ކޮމިޓީ އެލަވަންސްއާ ދެކޮޅަށް މަދަނީ ޖަމްއިއްޔާއިން އިސްނަގައިގެން ކުރިއަށްދާ މުޒާހަރާ މިހާރު ރައްޔިތުންގެ މަޖިލިސް ގޭދޮށުގައި ކުރިއަށް އެބަދޭ. މަދަނީ ޖަމްއިއްޔާތަކުން އިސްނަގައިގެން ކުރިއަށް ގެންދާ މި މުޒާހަރާއަކީ ކޮމިޓީ އެލަވަންސްގެ ގޮތުގައި މަޖިލީހުގެ ކޮންމެ މެންބަރަކަށް 20000ރ. ދިނުމަށް ނިންމުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާއެއް. މީގެ ކުރިންވެސް މިކަމާދެކޮޅަށް މަދަނީ ޖަމްއިއްޔާތައް އިސްނަގައިގެންވަނީ މުޒާހަރާއެއް ބާއްވާފަ.


މިއަދު މުޒާހަރާ ކުރަމުންދާއިރު މިއަދާހަމައަށް މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 11 މެންބަރަކުވަނީ އެ އެލަވަންސް ބޭނުން ނޫންކަމަށްބުފަ. ކޮމިޓީ އެލަވަންސް މިމަހު ދޭއިރު މާލިއްޔަތު ކޮމިޓީންވަނީ މުޅި ހަތްމަހަށްވާވަރަށް ގަނޑުކޮށް 140000 ރުފިޔާ ކޮންމެ މެންބަރަކަށްވެސް ދިނުމަށް ނިންމާފަ.

މުދަލާ ޚީދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލް މަޖިލީހުން ފާސްކޮށްފި

މަޖިލިސް މެންބަރުން ޖަލްސާގައި
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވަނީ މުދަލާ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލް ފާސްކޮށްފަ. މިބިލް މަޖިލީހުން ފާސްވީ މަޖިލީހަށް ވަޑައިގެންނެވި 73 މެންބަރުންގެ ތެރެއިން ފެންނަކަމަށް 40 މެންބަރުންގެ ތާއީދާއެކު. އަދިި ނުފެންނަކަމަށް 30 މެންބަރުން ވޯޓްދެއްވިއިރު ވަކިއަތަކަށް ނުޖެހި އެއް މެންބަރަކު ވޯޓްދެއްވި.

ތާރީޚުގައި ފުރަތަމަ ފަހަރަށް މެންބަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާވިތުވުން

ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދު


ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާއެއް ހޯއްދެވި ކަމުގެ ކުށް ސާބިތުވެ، އޭނާ ދޮޅު އަހަރަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ. މިއީ  މަޖިލީހުގެ ތާރީޚުގައިވެސް ޖިނާއީ ކުށެއްގެ އަދަބު ކަނޑައެޅި ފުރަތަމަ ފަހަރު.

  ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އެމީހަކު ވަކިވާނެކަމަށް.

ހަމީދުގެ މައްޗަށް ޕްރޮސެކިޓާ ޖެނެރަލް އޮފީހުން ދައުވާކޮށްފައިވަނީ 2008 ވަނަ އަހަރު ވޭސްޓް މެނޭޖްމަންޓަށް ކޮޅުވެއްޓި ގެނައުމުގައި އިސްމާއިލް އަބްދުލް ހަމީދު މަގާމުގެ ބާރާއި ނުފޫޒު ބޭނުންކުރައްވައި އެ އުޅަނދު ވޭސްޓް މެނޭޖްމަންޓަށް ނުލިބެނީސް ލިބުނު ކަމަށް އެބަސްވެ އެލްސީގެ ފައިސާ އުޅަނދު ވިއްކި ފަރާތަށް ހޯއްދަވައި ދެއްވާފައިވާ ކަމަށްބުނެ.

8/28/2011

ޓެސްއަކީ ކޮންމެ ގައުމެއްގައިވެސް މުއްސަނދިންނަށް އަމާޒުކުރެވޭ އެއްޗެއް

ފާހަގަކޮށްލެވޭ ވިޔަފާރިވެރިންނާ ސަރުކާރުގެ އިސްވެރިން
ޓެކްސް ނެގުމުގެ ނިޒާމަކީ ވަރަށް ބޮޑު މަސައްކަތެއް. އެހެންނަމަވެސް މިކަން ކުރުމުގައި އެތައް ގޮންޖެހުންތަކެއް ހުރިނަމަވެސް ރާއްޖޭގައި މިކަން ނުކޮށް މަޑުކުރެވޭކަށް މިހާރަކު ނެތް. ދުވަހުންދުވަހަށް ކުރާ ޚަރަދުތައް ދަރަންޏަށް ފައިސާ ނަގައިގެން ކުރުމަކީ ރަގަޅުކަމަކަށް ނުވާނެ. އެހެންކަމުން މިކަން ފޫބެއްދޭނެ ހަމައެކަނި ގޮތަކީ ޓެކްސް ނެގުން ކަމަށްވާނަމަ ދައުލަތަށް ލިބޭ އާންމުދަނީ އިތުރުކުރުމަށް ޓެކްސް ނަގަން މިހާރު ވަނީ މަޖުބޫރުވެފަ. 
ސަރުކާރުގެ މާލީ އަދި އިގްތިސާދީ އިސްލާހީ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ޓެކްސް ނެގުމުގެ ބައެއް ބިލްތަކަށް ތާއީދު ނުކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުން. އެގޮތުން ސަރުކާރުން އެންމެ ބޮޑަށް ޕްރޮމޯޓް ކުރަމުންދާ އެއްބިލްކަމަށްވާ އިންކަމް ޓެކްސް ނެގުމުގެ ބިލް ހިމެނޭ. މިބިލަށް ތާއީދު ނުކުރައްވާނެ ކަމަށްވިދާޅުވެ އިދިކޮޅު ޑީއާރުޕީން ބުނެފައިވަނީ އިންކަމް ޓެކްސް އަކީ ސީދާ ރައްޔިތުންގެ އަތުންނަގާ ޓެކްސް އަކަށްވާތީ އެޕާޓީން އެކަމަށް ތާއީދު ނުކުރާނެ ކަމަށް. އަދި ބޮޑު އަދަދެއް އާންމު ދަނީން ޓެކްސް ނެގުމަކީ ތާއީދު ކުރާކަމެއް ނޫންކަމަށް. އެހެންނަމަވެސް ހަގީގަތަކީ އާންމުދަނީން ނެގޭ ޓެކްސް އަކީ މަހަކު 30000 ރ. އަށް ވުރެ މަދުން އާންމު ދަނީ ލިބޭ ރައްޔިތަކާ ގުޅުންހުރި ކަމެއް ނޫންކަން. މިގޮތަށް އިދިކޮޅުފަރާތްތަކުން ވިދާޅުވަމުންދާއިރު ރާއްޖޭގައި ގިނައީ މަހަކު 12000 ރ. އަށް ވުރެން ދަށުން މުސާރަ ލިބޭ ބޭފުޅުންކަން އިދިކޮޅުފަރާތްތަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނު. މިގޮތަށް ބޮޑެތި ވިޔަފާރިވެރިން ނުވަތަ މަޖިލީހުގެ ބައެއް މެންބަރުންގެ ވިސްނުން ހުންނަ ކަމަށްވާނަމަ އާންމުދަނީން ޓެކްސް ދެއްކުމާ ދެކޮޅަށް ދެތުވާނަމަ އާންމުދަނީ ބެހުމުގެ ފަރަގު ދުވަހަކުވެސް ކުޑަވެގެން ނުދާނެ. ރައްޔިތުންނާ ސީދާ ގުޅުންހުރީ ވިއްކާ މުދަލާއި ޚިދުމަތުގެ އަގުން ޖީއެސްޓީގެ ގޮތުގައި ނަގަން ހުށަހަޅާފައިވާ ފަސް ޕަސެންޓް ޓެކްސްއާ. އާންމުދަނީން ނަގާ ޓެކްސް އަކީ އާންމުދަނީ ބެހުމުގެ ފަރަގު ކުޑަކޮށްދޭ ވަސީލަތެއް.
އިންކަމް ޓެކްސްއަށް މިހާރު ނަގާ އެންމެ މަތީ މިންބަރަށް ބަލާއިރު އޮސްޓޭލިޔާގައި 54550 އޮސްޓްރޭލިއަން ޑޮލަރަށްވުރެ މަތިން ލިބޭ އާންމުދަނީން 45 ޕަސެންޓް ޓެކްސް ދައްކަންޖެހޭ. ރާއްޖޭގައި އާންމުދަނީން ޓެކްސް ނެގުމަށް މިހާރު އެކުލަވާލައިފައިވާ ބިލްގައި އޮތްގޮތުން 30000ރ. އާއި 60000ރ. އާ ދެމެދު އާންމުދަނީ ލިބޭ މީހެއްގެ އަތުން ތިން ޕަސެންޓް ނަގަން. އަދި 60001ރ. އާއި 100000ރ. އާއި ދެމެދު މިންވަރަކަށް އާންމުދަނީ ލިބޭނަމަ ދައްކަންޖެހޭނީ އޭގެ ހަ ޕަސެންޓް. އަދި 100001ރ. އިން ފެށިގެން 150000ރ. އާއި ހަމައަށް އާންމުދަނީ ލިބޭ ފަރާތްތަކުގެ އަތުން ނުވަތަ ނުވަޕަސަންޓް. އަދި 150000ރ. އަށް ވުރެ މަތިން އާންމުދަނީ ލިބޭނަމަ ނަގަނީ 15 ޕަސެންޓް.
ސަރުކާރުން މީގެ ކުރިންވެސް އައީ ނުސީދާކޮށް ޓެކްސް ނަގަމުން. މިސާލަކަށް ބަލާނަމަ އިމްޕޯޓް ޑިއުޓީ. އެހެންނަމަވެސް އޭގެ ފައިދާ ކޮންމެހެން ލިބެންޖެހޭ ދާއިރާތަކުން އޮތީ ޓެކްސް ނުނެގި. އޭގެތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭ. މުއްސަދިން އަތްނުފޯރާފަށަށް ދިއުމުގެ ސިއްރަކީ މިއީ. މިހާރުވެސް ކަންތައް ވަމުން އަނަނީ މިގޮތަށް ކަމަށް ބެލެވެން ފަށައިފި. ސަބަބަކީ ރިސޯޓް އޯނަރުންނަށް ޓެކްސް ދެއްކުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ހާމަކުރުން. އޮގޮތުން  ޓީޖީއެސްޓީގެ ގޮތުގައި 2013 އިން ފެށިގެން 10 ޕަސެންޓް ނެގުމަށް އޮތް އޮތުން 8 ޕަސެންޓަށް ކުޑަކުރުމާ ވިތުހޯލްޑިން ޓެކްސް ނެގުން ކަނޑާލަންވެސް ސަރުކާރުންވަނީ އެއްބަސްވެފައިވާ ކަން ފާހަގަކުރެވޭ. އަދިވެސް މިފަދަ އެތަށް ލުއިތަކެއް ވަނީ އެފަރާތްތަކަށް ދިނުމަށް ސަރުކާރުން އެއްބަސްވެފަ.
އިކޮނޮމިކް މިނިސްޓަރ ވިދާޅުވެފައިވަނީ ދައުލަތަށް އާންމުދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 13.4 ބިލިއަން ރުރިޔާގެ ތެރެއިން 3.99 ބިލިއަން ރުފިޔާ ލިބެނީ އާޓެކްސްތަކުން. އަދި 2013 ވަނަ އަހަރު ލަފާކުރާ 14.3 ބިލިއަން ރުފިޔާގެ ބަޖެޓްގެ ތެރެއިން 5.86 ބިލިއަން ރުފިޔާއަކީވެސް އަލަށް ތައާރަފްކުރާ ޓެކްސްތަކުން ލިބޭނެކަމަށް ލަފާކުރާ އާންމުދަނީ.
އަންނަ އަހަރު ޖީއެސްޓީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ. އަދި ފަރުދުންގެ އާންމުދަނީން ނަގާ ޓެކްސްއިން 300 މިލިއަން ރުފިޔާއާއި  ވިޔަފާރިފައިދާއިން ނަގާ ޓެކްސްއިން 690 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވޭ.

އިއްޒަތްތެރި މެނަބަރުން ކޮމެޓީ އެލަވަންސާއެކު 82500ރ. ގެ މުސާރައެއްގައި

ރައްޔިތުން ތަމްސީލް ކުރަމުން އަންނަރައްޔިތުންގެ މަޖިލީހުގެ މްނެބަރަކަށް މަހެއްގެ މައްޗަށް 62،500 ރުފިޔާ އަކީ މަދުއެއްޗެއްކަމަށް ނުބެލެވޭނެ. މެންބަރުންގެ މުސާރަ އާއި މެދު ވާހަކަ ދައްކަވަމުންގިނަ މެންބަރުން ވިދާޅުވެފައިވަނީ، މިނިވަންކަމާއެކު ނުވަތަ ބަޔަކަށް ނުވިކި މަސައްކަތް ކުރެވޭނީ ބޮޑު މުސާރައެއް ކަނޑައަޅައި ގެންކަމަށް. ބައެއް މެންބަރުން ބުނަމުން ގެންދިޔައީ ގައުމުގެ އިގްތިސާދީ ހާލަތަށް ބަލާއިރު މުސާރައަކީ ބޮޑު އެއްޗެއްކަމަށް. އެހެންނަމަވެސް އެމުސާރައިގަ މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއްވީތަނާ ކޮމެޓީ އެލަވަންސްއެއްގެ ގޮތުގައި އިތުރު 20،000  ލިބޭނެ ގޮތް މިހާރުވަނީ ހަމަޖައްސާފަ. މިފަހަރު މިއެލަވަންސް ކަނޑައެޅުމުގައި ބުނެފައިވަނީ ކޮމިޓީގައި ގިނަ ވަގުތު މަސައްކަތް ކުރަންޖެހޭ ކަމަށާއި އެބޭފުޅުން ތަމްސީލް ކުރައްވާ ދާއިރާއަށް އެހީވުމަށްފަހު އަތުގައި އޮންނަނީ ވަރަށް މަދު ލާރިކޮޅެއްކަމަށް. މިބަސްފުޅަކީ ތެދަކަށްވެދާނެ. ޔަގީންކުރެވޭ ކަމަކީ ހުރިހާ މެންބަރުންނަކީ އެބޭފުޅުންގެ ދާއިރާއަށް ޚަރަދު ކުރާނެ ބައެއް ނޫންކަން. އަދި އެބޭފުޅުން މަޖިލީހުގައި ގިނަ ވަގުތު ހޭދަކުރައްވާއިރު ގަޑީގެ ލާރިއެއް ނުކެނޑި މަސައްކަތް ކުރެއްވުމުންވެސް ހަމަ އެއްކަލަ 62،500 ރުފިޔާގެ މުސާރަ ޖީބަށް ލެވޭކަން. 
 ގައުމުގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް ތަކެތީގެ އަގު އިންތިހާއަށް ބޮޑު ވެއްޖެ ކަމަށް ވިދާޅުނުވާ ހަމަ އެންމެ މެންބަރެއްވެސް އެ އިއްޒައްތެރި މަޖިލީހުގައެއް ނެތް. އެހެންނަމަވެސް އެބޭފުޅުން އަމިއްލަފުޅަށް ކޮމެޓީ އިނާޔަތެއްގެ ގޮތުގައި މުސާރަ ކަނޑައެޅުމަށްފަހު، އިގްތިސާދީ ހާލަތު ރަގަޅުވެ ތަކެތީގެ އަގުވެސް ކުޑަވެއްޖެހެން މަޖިލީހުގެ ތަޅުމުން ހީވަންފަށައިފި. މިހާރު އެކަމަށް އަތްއުފުލާ ނިޒާމީ ނުކުތާއެއް ނަންގަވާނެ މެންބަރެއްވެސް މަޖިލީހަކުން ނުފެނޭ.
މާދަމާ މަދަނީ ޖަމްއިއްޔާތަކުންނާއި އާންމު ރައްޔިތުންތަކެއް އިސްނަގައިގެން މުޒާހަރާއެއްވެސްވަނީ ބާއްވަން ހަމަޖެހިފައި. މިއީ ކޮމިޓީ އެލަވަންސާ ދެކޮޅަށް ބާއްވާ ދެވަނަ މުޒާހަރާ. އެހެންނަމަވެސް މިއަދާހަމައަށް ކޮމިޓީ އެލަވެންސް ބޭނުން ނޫންކަމަށް ބުނެފައިވަނީ އެންމެ 11 މެންބަރުން. ފާހަގަކުރެވޭ އެއްކަމަކީ މަޖިލީހުގެ ކޮމިޓީ އެލަވަންސް ބޭނުން ނޫންކަމަށް  ވިދާޅުވިއިރު މަޖިލީހުގައި ތިއްބަވާ ފާހަގަކޮށްލެވޭ ވިޔަފާރިވެރިންގެ ތެރެއިން ހަމަ އެއްމެބޭފުޅަކުވެސް ނުހިމެނޭކަން .
މިމުސާރަ މިގޮތަށް ކަނޑައެޅިއިރު  މާލިއްޔަތު ކޮމިޓީން ބުނެފައިވަނީ އިތުރު އެލަވަންސް ދޭނެ އުސޫލެއް ކަނޑައަޅާފައިވަނީ މަޖިލީހުގެ ކޮމިޓީތަކުގެ ހާޒިރީ ރަގަޅުވެ މަސައްކަތުގެ އުފެއްދުންތެރިކަން ރަގަޅުވާނެ ގޮތަކަށްކަމަށް. ސުވާލަކީ މިހާރު މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން ހަމަނުވެ ކޮމިޓީތަކުން އުފެއްދުންތެރި މަސައްތަކްތަކެއް ނުފެނިގެން މިއުޅެނީ މުސާރަ ކުޑަވެގެން އެކަމާ ހިތްހަމަ ނުޖެހިގެންތޯ؟ އެހެންކަމަށްވާނަމަ ބުނެވޭނީ އެބޭފުޅުން މަސައްކަތް ކުރައްވަމުންއަންނަނީ މުސާރައަށްކަން. ކޮމިޓީ އެލަވަންސް މިމަހު ދޭއިރު މާލިއްޔަތު ކޮމިޓީންވަނީ މުޅި ހަތްމަހަށްވާވަރަށް ގަނޑުކޮށް 140000 ރުފިޔާ ކޮންމެ މެންބަރަކަށްވެސް ގަނޑުކޮށްދިނުމަށް ނިންމާފަ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް މެމްބަރުންނަށް އަމިއްލަ އަށް ބޮޑު ނުކުރެވޭ ގޮތަށް ހަމަޖައްސައި ދިނުމަށް ގައުމީ ޕާޓީން ވަނީ މިއަދު މަޖިލީހަށް ބިލެއް ހުށަހަޅާފައި އަދި މުސާރަ ކަނޑައެޅުމުގައި ސަރުކާރާއި މިނިވަން މުއައްސަސާތަކާއި ޖަމިއްޔާތައް ވެސް ހިމެނޭ މިނިވަން ކޮމިޓީއަކުން މެމްބަރުން މުސާރަ އެކުލަވާލަން ޖެހޭ ގޮތަށް ގައުމީ ޕާޓީން ހުށެހެޅި ބިލުގައިވޭ. ގައުމީ ޕާޓީން މިބިލް ހުށެހެޅުއްވިއިރު އެޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުވެސް ވަނީ މި އެލަވަންސް ބޭނުންކަމަށް ބުނާ މެންބަރުންގެ ތެރޭގައި.