3/22/2012

ރައީސް މުޙައްމަދު ނަޝީދު ލަންކާއަށް ފުރާ ވަޑައިގަންފި

ރައީސް މައުމޫންގެ ވެރިކަމުގައި ރައީސް ނަޝިދު ސަލާމަތީ ބާރުގެ ބެލުމުގެ ދަށަށް ގެންދަނީ
ރައީސް މުޙައްމަދު ނަޝީދު ލަންކާއަށް ފުރާ ވަޑައިގަންފި. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ވަނީ މިއަދު ހެނދުނ 9:25 ގައި  ސްރީލަންކަން އެއަރލައިނުން ލަންކާއަށް ފުރާވަޑައިގެންފަ. 

ރައީސް މުޙައްމަދު ނަޝީދު ފުރާވަޑައިގަންނަވާއިރު ސިޔާސީ ފަރާތްތަކުން ދަނީ ރާއްޖޭގެ ވެށީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ އެމަނިކުފާނު ނަންގަވަންޖެހޭނެ ކަމަށް ބުނަމުން. އަދި މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާ ހުއްޓުވުމަށްޓަކައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ. އަދި އެދުވަހު މާލޭގައި ހިނގި ހަމަނުޖެހުންތަކުގައި ގިނަ ޢަދަދެއްގެ ފުލުހުންނާއި ސިފައިންނަށްވަނީ އަނިޔާވެފަ. އެކަމާގުޅިގެން ރައީސް ނަޝީދު ހިފާހައްޔަރުކޮށް ޝަރިއަތް ހިންގަންޖެހޭނެކަމަށްވެސް ބައެއްފަރާތްތަކުން ދަނީ ބުނަމުން. މިގޮތުން އެމަނިކުފާނުގެ ވެރިކަމުގައި ގާނޫނާ ޚިލާފަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ ހައްޔަރުކުރި މައްސަލައާއި ގުޅިގެން ނަޝިދު ވަނީ އިއްޔެ ހިއުމަންރައިޓްސް ކޮމިޝަނަށް ހާޒިރުވެ ބަޔާނެއްދީފަ. އެހެންނަމަވެސް ފުލުހުން ކުރަމުންގެންދާ ތަހުގީގަށް ނަޝީދު އެއްވެސް އެއްބާރުލުމެއް މިހާތަނަށް ދީފަނުވާކަން ފާހަގަކުރެވޭ.

3/21/2012

އަބްދުﷲ ގާޒީ އެކަހެރިކޮށް ގިރިފުށީގައި ބެހެއްޓުމަކީ ޑިފެންސް މިނިސްޓަރުގެ ނިންމެވުމެއް


 


އަބްދުﷲ ގާޒީ އެކަހެރިކޮށް ގިރިފުށީގައި ބެހެއްޓުމަކީ ޑިފެންސް މިނިސްޓަރުގެ ނިންމެވުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ.

ކުރީގެ ސަރުކާރުން ކްްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގެ ތަހުގީގަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯޅްޑިވްސް އަށް ބަޔާނެއް ދެއްވުމަށްފަހު ނޫސްވެރިންނާ ވާހަަކަ ދައްކަވަމުން ރައީސް ނަަޝީދު ވިދާޅުވީ، ފުލުހުން އަބްދުﷲ މުހައްމަދުގެ މައްސަލަ ބަލާފައިވަނީ އޭނާއާ ގުޅޭ ގޮތުން ވަރަށް ގިނަ ޝަކުވާތަކެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅުމުންދާތީ އެ މައްސަލަތައް ބަލައިދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނާއި ހޯމް މިނިސްޓްރީއަށް ރައީސް އޮފީހުން ހުށަހެޅުމުން ކަމަށް.

އިސް ގާޒީ ހައްޔަރު ކުރި މައްސަލައާއި ގުޅިގެން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެ މައްސަލައިގައި ފިޔަވަޅު އަޅާފައި ވަނީ ޑިފެންސް މިނިސްޓްރީން ކަމަށާއި އެ މިނިސްޓްރީން ފިޔަވަޅު އަޅާފައި ވަނީ ހޯމް މިނިސްޓްރީން އިސް ގާޒީއާ މެދު ފިޔަވަޅު އެޅުމަށް އެދުމުން ކަމަށް. އެގޮތުން ފުލުސް އޮފީހުގެ ފަރާތުން މައްސަލަ ތަހުގީގުކުރުމަށްޓަކައި އަބްދުﷲ މުހައްމަދަށް ޗިޓެއް ފޮނުވުމުންވެސް އިސް ގާޒީ ޗިޓަށް ހާޒިރުވެވަޑައިނުގެންނެވިކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެކަމާ ގުޅިގެން ހޯމް މިނިސްޓަރު ލިޔުއްވީ މިނިސްޓްރީ އޮފް ޑިފެންސަށް އަބްދުﷲ މުހައްމަދު ކޯޓުތަކަށް ވަދެވަޑައިގެން އުޅުއްވުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކާ ގެއްލުމެއް ކަމަށް. އެ ގޮތުން އެ މިނިސްޓްރީން އަޅުއްވަން ބޭނުންވާ ފިޔަވަޅެއް އެޅުއްވުމަށް. މީގެ އިތުރުން އިސް ގާޒީ އަބްދުﷲ މުހައްމަދަށް އެއްވެސް ލާއިންސާނީ އަނިޔާއެއް ލިބޭތޯ ކަށަވަރުކުރުމަށްޓަކައި ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސެއިން ޒަކީއަށާ އަދި ޑިފެންސް މިނިސްޓަރާއި ޔޫތު މިނިސްޓަރު އަރިހުން އެދުނު ކަމަށް.
ކުރީގެ ސަރުކާރުން ވަނީ އަބްދުﷲ ގާޒީ އެކަހެރިކޮށް ސިފައިންގެ ބެލުމުގެ ދަށަށް ގާޒީ ގެންގޮސް 22 ދުވަހު ގިރިފުށީގައި ބަހައްޓާފަ.  

ރައީސް ނަޝިދު އެޗްއާރުސީއެމް އަށް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ ގާނޫނީ ޓީމުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުންނަކީ މާރިއާ ދީދީ އާއި އާއި އިމްތިޔާޒް ފަހުމީ އާއި އަބްދުﷲ ހަސީނާއި ހަސަން ލަތީފް އަދި ހިޝާން ހަސަން. އަރިހުގައި އެމްޑީޕީގެ ޕާލަމެންޓް މެންބަރުންނާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބަޔަކުވެސް ގޮސްތިބި.


ތަހުގީގަށް ރައީސް ނަޝީދު ހިއުމަން ރައިޓްސް ކޮމިޝަނަށް


ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު -ފޮޓޯ އޭޕީ
ކުރީގެ ރައީސް މުޙަންމަދު ނަޝީދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އަށް ހާޒިރުވެވަޑައިގަތުމަށް އަންގައިފި.

ވަރަށް މުޢުތަބައްރު ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހިއުމަންރައިޓްސް ކޮމިޝަނަށް ހާޒިރުވުމަށް ދަންނަވާފައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޒު ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރި މައްސަލައާ ގުޅިގެން އެކޮމިޝަނުން ކުރާ ތަހުގީގަކަށް ސުވާލުކުރުމަށް.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ބަޔާނެއް ނެގުމަށް ފުލުހުން މީގެ ކުރިން ވެސް ވަނީ މަސައްކަތްކޮށްފަ. އެހެން ނަމަވެސް ރައީސް ނަޝީދު މިހާތަނަށް ފުލުހުންނަށް އެކަމުގައި އެއްބާރުލުން ދެއްވާފައިނުވާކަން ފާހަގަ ކުރެވޭ. އެޗްއާރުސީއެމް އަށް ރައީސް ނަޝީދު ހާޒިރުވެވަޑައިގަތުމަށް ދަންނަވާފައި ވަނީ އެމަނިކުފާނު ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަަވަން އުޅުއްވާކަމުގެ އަޑުތަކެއްފެތުރިފައިވަނިކޮށް.

ހަމަނުޖެހުން ހިންގި މެންބަރުންގެ މައްޗަށް ޖިނާއީ ކުށުގެ އަދަބުދެވެންޖެހޭ-ނަޝީދު


ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ޖިނާއީ ކުށުގެ ރުކުންތައް ފުރިހަމަވާ ގޮތަށް މަޖިލީހުގެ މެންބަރުން ހިންގަވާފައިވާ ކަންްތައް ބެލެވެންޖެހޭނެ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު އަލްއުސްތާޒު މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު

ދިޓީވީ ޚަބަަރުތެރެއިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ މައްޗަށް މަޖިލީހުގެ ނިޒާމުގެ އެތެރެއިންނާއި ބޭރުންވެސް މަޖިލީހުގައި ހިންގަމުންދާ ކަންތައް ބެލޭނެކަމަށާއި އެހެންނަމަވެސް ބައެއް ފަރާތްތަކަށް ވިސްނިފައި އޮންނަނީ މަޖިލީހުގެ ޗެމްބަރުތެރެއަށް އާންމު ގާނޫނެއް ނުހިންގޭނެ ކަމަށާއި ހަމައެކަނި ހިންގޭނީ މަޖިލީހުގެ ގަވާއިދު ކަމަށް. ނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރުންްނަށް ލިބިދޭ އިމްތިޔާޒެއް ލިބިދެނީ ހަމައެކަނި އެމަޖިލީހުގެ މެންބަރަކު މަޖިލީހުގެ ޖަލްސާއެއްގައި ދައްކާ ވާހަކައެއް އިސްލާމްދީނުގެ އަސްލަކާ ޚިލާފް ނުވާހާ ހިނދަކު ކަމަށާއި އަދި ވޯޓު ދޭއިރު ވޯޓުދޭ ގޮތަކާ ހިސާބަށް ކަމަށް. އަދި އެއަށްވުރެ ފުޅާކޮށް މަޖިލީހުގެ މެންބަރެެއްގެ އިމްތިޔާޒް މާނަކުރާނަމަ ވެސް ކުރެވޭނީ ޤާނޫނީ ގޮތުން އެ މެންބަރަކު އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތަށް ނޫނީ ވާޖިބަށް އެހެންފަރާތަކުން ހުރަސްއެޅުމުގެ ސަބަބުން އެމެންބަރަކަށް އެ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ހިސާބަށް ކަންތައް ދިއުމުން ކަމަށް. އެއީ މުޅި މަޖިލީހުގެ އިމްތިޔާޒަށް ބެލިކަމުގައިވިޔަސް މަޖިލީހަށް މަޖިލީހުގެ ދައުރު އަދާނުކުރެެވޭ ހާލަތަށް ދިއުން ނުވަތަ މަޖިލީހުގެ މެންބަރަަކަށް އެމެންބަރެއްގެ ދައުރު އަދާނުކުރެެވޭ ހިސާބަށް ދިއުމުންކަމަށް ވެސް ނަޝީދު ވިދާޅުވި. 

މިދިޔަ ހޯމަދުވަަހު މަޖިލީހުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅޭގޮތުން ނަޝީދު ވިދާޅުވީ އެއީ އެހެން ގައުމެއްގެ މަޖިލީހެއްގެ ނަމަ އެ މެންބަރުން ސަސްޕެންޑް ކުރާނެ ކަމަށް. އަދި އެދުވަހު ހިނގައިދިޔަ ކަންތައްތަކުގެ ޒިންމާވާ ފަރާތްތަކަށް އަދަބު ދެވެން ޖެހޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި.

ނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ މައްޗަށްވެސް އާންމު ގާނޫން ހިނގާނެކަމަށާއި އާންމުކޮށް މިހިނގާ މާރާމާރީ ހިންގުމާއި ތަކެއްޗަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ ޖިނާއީ ޤާނޫނު ހިންގޭނެ ކަންތައްތަކެއް ކަމަށް. އަދި މަޖިލީހުގެ ގަވާއިދަކީ މުޅި މަޖިލީހަށް މަޖިލީހުގެ ކަރާމަތާއި ގަދަރާއި އަބުރަށް ވަރަށްބޮޑަށް ބެލުމަށްފަހު ހަދާފައިވާ ގަވާއިދެއްކަމަށާއި އަދި އެކަންތައް ދެމެހެއްޓުމަކީ ކޮންމެ މެންބަރެއްގެ މަސްއޫލިއްޔަތެއްކަމަށްވެސް ނަޝީދު ވިދާޅުވި.

3/20/2012

މަދުބައެއްގެެ މަސްލަހަތަށްޓަކައި އެންމެންގެ އަބުރު ގެއްލުވާ ނުލަމާ

ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ވަހީދު މަޖިލިީހަށް ރިޔާސީ ބަޔާން އިއްވަނީ
ސަރުކާރުގެ ދުލުން މިހާރު ބުނަމުންދަނީ ތިމަންނަމެން މަސައްކަތް ކުރާނީ ވަރަށްވެސް ކެތްތެރިކަމާ މަޑުމައިތިރިކަމާ އެކުކަމަށް. ރައީސް މުހައްމަދު ނަޝީދު ވެރިކަމުން ފައިބައިވަޑައިގަތް ދުވަހުއްސުރެން ރާއްޖޭގެ މާހައުލު މިވަނީ ބިރުވެރިކަމާ ހަމަނުޖެހުމެއްގެ ތެރޭގައި. 

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ލިބިފަވާ ގެއްލުުން ވަރަށްވެސް ބޮޑު. ރައީސް މުހައްމަދު ވަހީދު ވަހީދު ހަސަންމަނިކުގެ ވެރިކަމަށް އެއް މަސްދުވަސް ފުރިގެންދިޔަ އިރުވެސް އަދިވެސް ކުރަމުުން ދަނީ ތަހްޤީޤް. ޒިންމާ ނަގަަން ޖެހޭނީ ސީދާ ރައީސް ނަޝީދާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އެމްޑީޕީން ކަމަށް ބުނަމުންދާއިރު ސުވާލަކީ އަދިވެސް ހަމަނުޖެހުންތަކުގެ މުގުލުގައި ހަރަކާތްތެރިވާ އެއްވެސް މީހަކު ހިފާ ހައްޔަރުކޮށް ޝަރިއަތް ނުކުރެވެނީ ކީއްވެތޯ؟ އަދި ރައީސް ނަޝީދަށް ގާނޫނުން ލިބިގެންދާ ފުރިހަމަ ރައްކާތެރިކަން ސަރުކާރުން ދެއްވާފަ އެމަނިކުފާނު ހިންގަމުންދަނީ ލާއިންސާނީ އަމަލުތަކެއް ކަމަށްބުނެ އެކަންތައްތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެމުންދަނީ ކީއްވެގެންބާ؟ ގަސްތުގަ ރައީސް ނަޝީދުގެ ބޮލުގައި ދޮގު އިލްޒާމެއް އަޅުއްވަނީބާ ނޫނީ ސަރުކާރުން އަދިވެސް ކެތްތެރިކަމާ ހިތްތިރިކަމުގައި ދުވަސްތައް ގުނަނީބާ؟ ހައްތާވެސް ސުވާލު...

ސިޔާސީ މަސްރަހު މިހާ ހަލަަބޮލިވެފައިވާ ދުވަސްވަރެއްގައި ގާނޫނީ އިންތަކާ ސުލޫކުގެ ބޭރުން ސިޔާސީ ހަރަކާތްތައް ހިންގުމުގެ ސަބަބުން ގައުމުގެ އިޖުތިމާއީ ހާލަތު ދުވަހަކު ދަށަށްނުދާ މިންވަރަށް ދަށަށް ގޮސްފައިވާ ކަމަށް އެންމެ ބޭފުޅުންވެސް ގަބޫލުކުރައްވާނެ. އަދި މިކަމަކީ ދިވެހި ކޮންމެ ފަރުދަކުވެސް އެކަމާ ދޭތެރޭ ކަންބޮޑުވާނެކަމެއްކަން ޔަގީން. ރާއްޖޭގެ މާހައުލުގައި ހިގަމުންދާ ކަންތައްތައް އަމިއްލަ ލޮލުން ދެކޭ ކޮންމެ ދިވެއްސަކުވެސް އެކަމާ ހިތާމަ ކުރާނެކަމެއްވެސް މެ. މިކަންތައްތައް ހުއްޓުވުމަށް އެއްވެސް ވަރަކަށް އަމަލީ ސިފަ ނުފެނިގެން އުޅެނީ ސަރުކާރުގެ ބަލިކަށިކަން ނޫންނަމަ ރާއްޖޭގެ ވެށީގައި ހިގަމުންދާ ހަމަނުޖެހުންތަކުގެ ފަހަތުގައި ތިބި މީހުން ހައްޔަރު ނުކުރެވެންވީ އެއްވެސް ސަބަބެއްނެތް.

ސިޔާސީ ބޭފުޅުން ގަވާއިދާ ޚިލާފަށް ކުރަމުންގެންދާ ހަރަކާތްތަކުގެ ސަބަަބުން އަޅުގަނޑުމެންގެ އިޖްތިމާއީ ފޭރާން ހަލާކުވެގެންދާކަމީ ޝައްކެއްވެސް އޮތްކަމެއްނޫން. މިކަމުގެ ޒިންްމާ އެފަރާތްތަކުން ނަގަންޖެހޭނެކަންވެސް ކަށަވަަރު. ސުލްހަވެރިކަމާއެކު ގާނޫނީ ހަމަތަކުގެ މަތިން ސިޔާސީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމަށް ސިޔާސީ ފަރާތްތަކަށް ގޮވާލާއިރު މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުން ފެނިގެން މިދާކުލަތަކުން އެކަންތަކަށް ހައްލެއް ފެނިގެން ގޮސްދާނެ ކަމާމެދު ސުވާލުއުފެދޭ.

ވެރިކަމާހެދި ދެފަރާތުންވެސް ތޮޅެމުންދާއިރު ކޮންމެ މީހަކުވެސް އިސްކުރަނީ ގައުމީ މަސްލަހަތަށްވުރެ އެމީހެއްގެ އަމިއްލަ މަސްލަހަތު. ބުއްދީގެ މަގުން ސުލްހަވެރިކަމާއެކު ސިޔާސީ ހަރަކާތްތައް ހިންގައި ގާނޫނާއި ގަވާއިދާ ޚިލާފު އެއްވެސް ޢަމަލެއް ނުހިންގަންް ސިޔާސީ އެންމެހައި ފަރާތްތަކުން މަސައްކަތް ކުރަންވެއްޖެ. އަމިއްލަ މަސްލަހަތައްޓަކައި މުޅި ގައުމާއި ރައްޔިތުންގެ މަސްލަހަތާއި އަބުރާއި އިއްޒަތް ގުރުބާން ކުރުން ހުއްޓާލަންވެެސް ޖެހިއްޖެ. އަޅުގަނޑުމެންގެ ގައުމަށް ލިބިފައިވާ ރީތިނަން ދަމަހައްޓަންވެސް ވެއްޖެ.