1/19/2012

ސަރުކާރު ނޭވާހޮޅިއަށް އެޅި އަސްކަރިއްޔާގެ ބާރު ގަދަވެ ގާނޫންތަށް ވާވެފައި

ދީން ހިމާޔަތްކުރުމަށް ބޭއްވި މުޒާހަރާގެ  ބައިވެރިން



މައްސަލައަކީ ކޮބައިކަން އަޅުގަނޑުމެންގެ ތެރެއިން އެގެނީ ކިތައް މީހުނަށްތޯ؟

ސިޔާސީ ހަލަބޮލިކަން ރާއްޖެއަށް ވެރިވެފައިވާ މިފަދަ ދަނޑިވަޅެއްގައި ހުރިހާ ބާރުތަކުން ގާނޫނުގެ މައްޗަށް އަތްގަދަ ކުރާ މަންޒަރު މިހާރު މިދަނީ ފެންނަމުން. ޑިމޮކްރަސީއެއްގެ ޅަފަތުގައި މިފަދަ ގޮތަކަށް ބާރުތަކުގެ އަމަލު ބެހެއްޓުމުން ގައުމަށް އައިސްދާނެ ލޮޅުމަކާ މެދު އެއްވެސް ފަރާތަކުން ވިސްނާނަމަ މިފަދަ މަންޒަރުތަކެއް ފެނިގެންނެއް ނުދާނެ.

ތެދެކެވެ. އަޅުގަނޑުމެން ތިރީސް އަހަރުގެ ވެރިކަން ބަދަލުކުރީ އޭރުގަ އޮތް ޚުދުމުޚުތާރު ވެރިކަން ކަމަށް ބުނި ވެރިކަން ބަދަލުކޮށް ޑިމޮކްރަސީއެއް އަށަގަނެވުމަށް. ސަރުކާރު ބަދަލުކުރުމަށް އޭރު ނުކުތް އެންމެނަކީވެސް ރައްޔިތުންނަށް ހެޔޮއެދިގެން ނުކުތްބައެއް ކަމަށް އެންމެނަށްވެސް އޭރު ގަބޫލް ކުރެވުނު. ވެރިކަމުގައި އޭރު ތިއްބެވި ބޭފުޅުންގެ އިތުބާރު ނެތިވެ "ބަދަލަކަށް" ވަރަށްފުރިހަމަ ތާއީދު ލިބިގެން ދިޔައީވެސް މިސަބަބާހުރެ. ނިމުމަކަށް އައިސްފައިވާ މިސަރުކާރުން ކުރަމުން ގެންދާ އެއްވެސް ކަމަކަށް ފާޑުނުކިޔާ ދުވަސްވަރެއް އިދިކޮޅުފަރާތްތަކަށް ނާދޭ. އެއީ ސަރުކާރުގެ ދޯދިޔާ ކަމުން ކަމަށްވެސް ވެދާނެ. 

އިދިކޮޅު ސިޔާސީ ޕާޓިތަކުގެ ބޭނުމަކީ އަބަދުވެސް ވެރިކަމަށް އައުން ކަން އަޅުގަނޑުމެން އެންމެނަށްވެސް އިނގޭ. އެހެންވެއްޖެނަމަ ގަބޫލް ކުރަންޖެހޭނެ ހަގީގަތަކީ އެފަދަ ފަރާތްތަކަށް ވެރިކަމުގެ މުގުލުގައި ތިއްބަވާ ބޭފުޅުން ކުރައްވާ ރަގަޅު އެއްވެސް ކަަމެއް ނުފެންނާނެކަން. މިކަން ޖެހޭނީީ ސަރުކާރަށްވެސް ވިސްނެން. އަދި ހަމަ ސަރުކާރު ހިންގާ ފަރާތްތަކުން  ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލޭފަދަ ގޮތަކަށް އަމަލުތައް ބަހައްޓައިގެންވެސް ނުވާނެ. 

އަދުގެ ސަރުކާރު ވެރިކަމަށް އަންނަން އުޅުނު ޒަމާނުއްސުރެން މިސަރުކާރަކީ ދީނަށް ބޯނުލަބާ ބަޔަކު އުޅޭ ސަރުކާރެއްކަން އޭރުވެސް ދިޔައީ ތުހުމަތު ކުރަމުން. ކަންމިހެން އޮތް އިރު ދާދި އިހަކަށް ދުވަހު ގައުމެއްގެ މޮނިއުމަންޓެއް އަޅުގަނޑުމެންގެ ސައްތައިން ސައްތަ މުސްލިމް ގައުމެއްކަމަށް ދައުވާކުރާ ރާއްޖޭގައި ބެހެއްޓުމުން ދޭހަވަނީ ކޮންކަމެއްތޯ؟ މިކަން އެކަނެއްނޫން. ރާއްޖޭގައި ހުރިހާދީނެއް އޮންނަންޖެހޭނެކަމަށް މުޒާހަރާ ކުރި މީހުންނަކީވެސް އޮޅުމެއްނެތި މިސަރުކާރުގެ އެޖެންޑާތަކުގެ ހިޔަލުގައި ތިއްބެވި އެކްޓިވިސްޓުންކަންވެސް އެންމެނަށް އިނގޭ. އެހެންވެއްޖެނަމަ ކުރިން އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދިޔަ ވާހަކަތަކަށް ލިބިގެންދާނީ ވަރަށް ބޮޑު ކުރިއެރުމެއް.

ވެރިކަމަށް އަންނަން މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުންވެސް ދީން ހަތިޔާރަކަށް ނެގުމަކީ، އަޅުގަނޑުމެންގެ ރާއްޖޭގަ އެކަންޏެއް ނޫން ހުރިހާ ގައުމަކުންވެސް ކުރަމުންގެންދާ ކަމެއް. ވަރަށް ކުޑަ މިސާލެއް ދަންނަވާނަމަ، އެމެރިކާގެ އައީސް ބަރަކް އޮބާމާ ވެރިކަމަށް އަންނަން މަސައްކަތް ކުރިއިރު އޭނާއަކީ މުސްލިމެއްކަމަށް ބުނެ އަޑު ފެތުރި. ތިބޭފުޅުންގެ ހަނދާން ބަލި ނޫން ކަމަށްވާނަމަ އަޅުގަނޑުމެންގެ ރާއްޖޭގެ ސިޔާސީ މަސްރަހުގައިވެސް އިންތިޚާބުގެ ދުވަސްވަރު މިފަދަ އަޑުތައް އާންމުވެގެންދިޔަ. ދަންނަވަން މިއުޅެނީ ދީނަކީ ހުރިހާ އިރެއްގަވެސް ސިޔާސީ ހަރިޔާރެއް ކަން.

ދާދި އިހަކަށް ދުވަހު ރާއްޖޭގައި ދީން ހިމާޔަތް ކުރުމަށް ގޮވާލާ ބޭއްވި މުޒާހަރާއަކީ ދީނަށް ލޯބިކުރާ ދިވެހިންތަކެއް ބޭއްވި މުޒާހަރާއެއް ކަމަށްވިޔަސް ސިޔާސީ ފަރާތްތަކުން ވަނީ އެކަމުގެ ފައިދާ ވަރަށް ރަގަޅަށް ބޭނުންކޮށްފަ. ދީން ހިމާޔަތްކުރުމަށް އެތަނަށް އެއްވި މީހުންނަކީ ހަސަން ސައީދަށް، މައުމޫން އަބްދުލް ގައްޔޫމަށް، ގާސިމް އިބްރާހިމަށް ތާއީދުކޮށް ދިޔަ މީހުނެއް ނޫން. މާގިނަ ދުވަސްތަކެއް ނުވެ އަނެއްކާވެސް އިވިގެން މިދަނީ މިއަދުވެސް މާދަމާވެސް މުޒާހަރާ ކަމަށް ގޮވާއަޑު. ސަރުކާރު ނޭވާހޮޅިއަށް އެޅުނީ ކަމެއް ނޭގެ. ސިޔާސީ ބޭފުޅުންނާ އަދުލު އިންސާފް ގާއިމް ކުރާ ބާރުތައްވެސް ވެރިކަމުގެ ބާރުގެ ދަށަށް ގެނެސްފި. އަސްކަރިއްޔާގެ ބޭނުން ހިފުމަށްފަހު ގާނޫނަށްވެސް ބޯނުލަބައި ހިތުހުރިގޮތަކަށް ކަންތައްތައް މިހާރު މިދަނީ ކުރަމުން. ހުރިހާ ފަރާތްތަކުންވެސް އަމިއްލަ މަސްލަހަތަށް ވުރެ ބޮޑަށް މުޅި ގައުމާ މެދުމަ ވިސްނަން ޖެހިއްޖެ. ގައުމު ހަމަޔަކަށް އެޅުމަށް މަސައްކަތް ކުރަންވެއްޖެ. ގައުމާ ރައްޔިތުންނަށްޓަކައި އެކަން ކޮށްދޭން ޖެހިއްޖެކަން ވެރިކަމުގެ ބަރާށާއި އަދުލު އިންސާފްގެ ދާއިރާއާއި ގާނޫނު ހެދުމުގެ ބާރާއި އަދި ސިޔާސީފަރާތްތަކުންވެސް ވިސްނަން ޖެހިއްޖެ. މަޝްވަރާ ކުރުމަކީ ނެތްކަމެއްވެސް ނޫން. 






هناك تعليق واحد:

  1. غير معرف1/19/2012

    mi vaa goiiy varah saafu.. meehaku kandu vaairu, kaireega ethu jehunu echcheh viyyaa dhaanee hifaigenney bune ennu.. ehen mi vanee.. kurin sarukaaru ves vetten dhiya iru vee goiiy mivanee..

    ردحذف