8/28/2011

އިއްޒަތްތެރި މެނަބަރުން ކޮމެޓީ އެލަވަންސާއެކު 82500ރ. ގެ މުސާރައެއްގައި

ރައްޔިތުން ތަމްސީލް ކުރަމުން އަންނަރައްޔިތުންގެ މަޖިލީހުގެ މްނެބަރަކަށް މަހެއްގެ މައްޗަށް 62،500 ރުފިޔާ އަކީ މަދުއެއްޗެއްކަމަށް ނުބެލެވޭނެ. މެންބަރުންގެ މުސާރަ އާއި މެދު ވާހަކަ ދައްކަވަމުންގިނަ މެންބަރުން ވިދާޅުވެފައިވަނީ، މިނިވަންކަމާއެކު ނުވަތަ ބަޔަކަށް ނުވިކި މަސައްކަތް ކުރެވޭނީ ބޮޑު މުސާރައެއް ކަނޑައަޅައި ގެންކަމަށް. ބައެއް މެންބަރުން ބުނަމުން ގެންދިޔައީ ގައުމުގެ އިގްތިސާދީ ހާލަތަށް ބަލާއިރު މުސާރައަކީ ބޮޑު އެއްޗެއްކަމަށް. އެހެންނަމަވެސް އެމުސާރައިގަ މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއްވީތަނާ ކޮމެޓީ އެލަވަންސްއެއްގެ ގޮތުގައި އިތުރު 20،000  ލިބޭނެ ގޮތް މިހާރުވަނީ ހަމަޖައްސާފަ. މިފަހަރު މިއެލަވަންސް ކަނޑައެޅުމުގައި ބުނެފައިވަނީ ކޮމިޓީގައި ގިނަ ވަގުތު މަސައްކަތް ކުރަންޖެހޭ ކަމަށާއި އެބޭފުޅުން ތަމްސީލް ކުރައްވާ ދާއިރާއަށް އެހީވުމަށްފަހު އަތުގައި އޮންނަނީ ވަރަށް މަދު ލާރިކޮޅެއްކަމަށް. މިބަސްފުޅަކީ ތެދަކަށްވެދާނެ. ޔަގީންކުރެވޭ ކަމަކީ ހުރިހާ މެންބަރުންނަކީ އެބޭފުޅުންގެ ދާއިރާއަށް ޚަރަދު ކުރާނެ ބައެއް ނޫންކަން. އަދި އެބޭފުޅުން މަޖިލީހުގައި ގިނަ ވަގުތު ހޭދަކުރައްވާއިރު ގަޑީގެ ލާރިއެއް ނުކެނޑި މަސައްކަތް ކުރެއްވުމުންވެސް ހަމަ އެއްކަލަ 62،500 ރުފިޔާގެ މުސާރަ ޖީބަށް ލެވޭކަން. 
 ގައުމުގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް ތަކެތީގެ އަގު އިންތިހާއަށް ބޮޑު ވެއްޖެ ކަމަށް ވިދާޅުނުވާ ހަމަ އެންމެ މެންބަރެއްވެސް އެ އިއްޒައްތެރި މަޖިލީހުގައެއް ނެތް. އެހެންނަމަވެސް އެބޭފުޅުން އަމިއްލަފުޅަށް ކޮމެޓީ އިނާޔަތެއްގެ ގޮތުގައި މުސާރަ ކަނޑައެޅުމަށްފަހު، އިގްތިސާދީ ހާލަތު ރަގަޅުވެ ތަކެތީގެ އަގުވެސް ކުޑަވެއްޖެހެން މަޖިލީހުގެ ތަޅުމުން ހީވަންފަށައިފި. މިހާރު އެކަމަށް އަތްއުފުލާ ނިޒާމީ ނުކުތާއެއް ނަންގަވާނެ މެންބަރެއްވެސް މަޖިލީހަކުން ނުފެނޭ.
މާދަމާ މަދަނީ ޖަމްއިއްޔާތަކުންނާއި އާންމު ރައްޔިތުންތަކެއް އިސްނަގައިގެން މުޒާހަރާއެއްވެސްވަނީ ބާއްވަން ހަމަޖެހިފައި. މިއީ ކޮމިޓީ އެލަވަންސާ ދެކޮޅަށް ބާއްވާ ދެވަނަ މުޒާހަރާ. އެހެންނަމަވެސް މިއަދާހަމައަށް ކޮމިޓީ އެލަވެންސް ބޭނުން ނޫންކަމަށް ބުނެފައިވަނީ އެންމެ 11 މެންބަރުން. ފާހަގަކުރެވޭ އެއްކަމަކީ މަޖިލީހުގެ ކޮމިޓީ އެލަވަންސް ބޭނުން ނޫންކަމަށް  ވިދާޅުވިއިރު މަޖިލީހުގައި ތިއްބަވާ ފާހަގަކޮށްލެވޭ ވިޔަފާރިވެރިންގެ ތެރެއިން ހަމަ އެއްމެބޭފުޅަކުވެސް ނުހިމެނޭކަން .
މިމުސާރަ މިގޮތަށް ކަނޑައެޅިއިރު  މާލިއްޔަތު ކޮމިޓީން ބުނެފައިވަނީ އިތުރު އެލަވަންސް ދޭނެ އުސޫލެއް ކަނޑައަޅާފައިވަނީ މަޖިލީހުގެ ކޮމިޓީތަކުގެ ހާޒިރީ ރަގަޅުވެ މަސައްކަތުގެ އުފެއްދުންތެރިކަން ރަގަޅުވާނެ ގޮތަކަށްކަމަށް. ސުވާލަކީ މިހާރު މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން ހަމަނުވެ ކޮމިޓީތަކުން އުފެއްދުންތެރި މަސައްތަކްތަކެއް ނުފެނިގެން މިއުޅެނީ މުސާރަ ކުޑަވެގެން އެކަމާ ހިތްހަމަ ނުޖެހިގެންތޯ؟ އެހެންކަމަށްވާނަމަ ބުނެވޭނީ އެބޭފުޅުން މަސައްކަތް ކުރައްވަމުންއަންނަނީ މުސާރައަށްކަން. ކޮމިޓީ އެލަވަންސް މިމަހު ދޭއިރު މާލިއްޔަތު ކޮމިޓީންވަނީ މުޅި ހަތްމަހަށްވާވަރަށް ގަނޑުކޮށް 140000 ރުފިޔާ ކޮންމެ މެންބަރަކަށްވެސް ގަނޑުކޮށްދިނުމަށް ނިންމާފަ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް މެމްބަރުންނަށް އަމިއްލަ އަށް ބޮޑު ނުކުރެވޭ ގޮތަށް ހަމަޖައްސައި ދިނުމަށް ގައުމީ ޕާޓީން ވަނީ މިއަދު މަޖިލީހަށް ބިލެއް ހުށަހަޅާފައި އަދި މުސާރަ ކަނޑައެޅުމުގައި ސަރުކާރާއި މިނިވަން މުއައްސަސާތަކާއި ޖަމިއްޔާތައް ވެސް ހިމެނޭ މިނިވަން ކޮމިޓީއަކުން މެމްބަރުން މުސާރަ އެކުލަވާލަން ޖެހޭ ގޮތަށް ގައުމީ ޕާޓީން ހުށެހެޅި ބިލުގައިވޭ. ގައުމީ ޕާޓީން މިބިލް ހުށެހެޅުއްވިއިރު އެޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުވެސް ވަނީ މި އެލަވަންސް ބޭނުންކަމަށް ބުނާ މެންބަރުންގެ ތެރޭގައި.  


ليست هناك تعليقات:

إرسال تعليق