ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ |
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަމަލުތައް
މިހާރު ހުރި ގޮތުންނާއި މެންބަރުންގެ މެދުގައި މިހާރު ރޫހު ހުރިގޮތަށްބަލާއިރު
މަޖިލީހުގެ ތަޅުމުގައި ހުރި މުހިންމު މައްސައްކަތްތައް ކުރިއަށް ގެންދެވިދާނެ
ކަމާމެދު ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދެންފަށައިފި.
އަމިއްލައަށް ވެރިކަމުން އިސްތިއުފާ ދެއްވި ކުރީގެ
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް އައިފަހުން ރާއްޖޭގެ ސިޔާސީ
މާހައުލު ހޫނުވެ ސިޔާސީ ވާދަވެރިކަން އިތުރުވެފައިވާ މިދަނޑިވަޅުގައި އެކަމުގެ
އަސަރު އެންމެ ބޮޑަށް ފޯރާފައި ވަނީ ރައްޔިތުންގެ މަޖިލީހަށް. ރައްޔިތުންގެ
މަޖިލިސް މިއަހަރަށް ހުޅުވުމަށް ކުޑަދުވަސްކޮޅަކަށް ވެފައި ވަނިކޮށް ރާއްޖޭގެ
ސިޔާސީ މަސްރަޙަށް އައި ބޮޑު ބަދަލުތަކުގެ އަސަރު މަޖިލީހަށް ކޮށްފައިވާ
މިންވަރާއި އަދި ކުރިއަށް އޮތް ތަނުގައި އެކަމުގެ އަސަރު މަޖިލީހަށް ކުރާނެ
މިންވަރު މަޖިލިސް ހުޅުވަން ކުރަން ޖެހުނު މަސައްކަތުންވެސް ވަނީ ހާމަވެގެން
ގޮސްފައި. ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވިގެން ދިޔައީ މިދެންނެވި ސިޔާސީ
ހަލަބޮލި ކަމުގެ ތެރޭގައި އެމަޖިލީހުގެ ތަޅުމުން ތާރީޚުގައިވެސް ފެނިފައި ނުވާފަދަ
ހުތުރު އަމަލުތަކަކާއި ބޮޑެތި ހަމަނުޖެހުން ތަކަކާއިއެކުގައި.
މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވިޔަ ނުދީ ހުރަސް އެޅުމުން
އެހެންދުވަހަކަށް އެމައްސަލަ އެޖެންޑާކުރެވި ދެވަނަ ފަހަރަށް މިމައްސަލަ އެޖެންޑާ
ކުރެވުމުންވެސް ފެނިގެންދިޔައީ ހަމަ އެއް މަންޒަރުތަކެއް. އެމްޑީޕީއަށް ނިސްބަތްވާ
މެންބަރުން މަޖިލީހުގައި ހަމަނުޖެހުންތައް ހިންގައި ބޭއަދަބީ ހުތުރު އަމަލުތައް
ހިންގެވި މަންޒަރު. އެއަށްފަހު މަޖިލީހުގެ ޖަލްސާއެއް ނުބޭއްވި ދުވަސްތަކެއް
ފާއިތުވެ ދިއުމަށްފަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ
ދައުރުގެ ދެވަނަ ޖަލްސާގެ ތެރެއިންވެސް ފެނިގެން ގޮސްފައިވަނީ މަޖިލީހަށް އެޖެންޑާ
ކުރެވިފައިވާ މައްސަލަތަކަށް ބަހުސްކުރުމުގެ ބަދަލުގައި ކޮންމެ މެންބަރަކުވެސް މައްސަލައާއި
ނުގުޅޭ ތަފާތު ވާހަކަތަކެއް ދައްކަވަމުން ގެންދެވި މަންޒަރު.
މަޖިލީހުގެ ތަޅުމުން
ފެންނަމުން ދިޔައީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ސަރުކާރު ބަދަލުވެގެންއައި
ގޮތާމެދު ވާހަކަ ދައްކަވަމުން ގެންދެވިއިރު ސަރުކާރަށް ތާއިދު ކުރާ މެންބަރުން އެވާހަކަތަކަށް
ރައްދެއްވައި ވާހަކަ ދައްކަވަމުން ގެންދަވާ މަންޒަރު. އެގޮތުން ބަހުސްގެ
މަރުހަލާގައި މެންބަރަކަށް ފަސް މިނިޓްގެ ފުރުސަތެއް ލިބިވަޑައިގެންފިނަމަ އެޖެންޑާކުރެވިފައިވާ
މައުޟޫއިން ބޭރުގައި ބައެއް މެންބަރުން ހަތަރު ވަރަކަށް މިނިޓް
ހޭދަކުރައްވާފައިވާކަން ފާހަގަކޮށްލެވޭ. ޖެހިގެން އައި ދުވަހު ބޭއްވި
ޖަލްސާގައިވެސް މެންބަރުންގެ ރާގާއި އަމަލާއި ބަހުރުވަހުރީ ހަމަ މިކަހަލަ ގޮތަކަށް.
އެޖެންޑާކުރެވިފައިވާ މައްސަލައަށް ބަހުސް ކުރެއްވުމުގެ ބަދަލުގައި ދެކޮޅުންވެސް
ދިޔައީ އެއްބަޔަކު އަނެއްބަޔަކަށް ރައްދުދީ ބަހުސް ކުރައްވަމުން. މަޖިލީހުގެ
މިދައުރުގެ ތެރޭގައި މިހާތަނަށް ބޭއްވިފައިވާ ޖަލްސާތައް އަޑުއަހައި ނުވަތަ ބަލަމުންދާ
ބަޔަކަށް މަޖިލިސް ސިފަވެގެންދަނީ ވެރިކަން ބަދަލުވުމާ ގުޅިގެން މަޖިލީހުގައި
މައްސަލައެއް އެޖެންޑާ ކުރެވިގެން ބަހުސްކުރެވެމުން ދާ ކަމަށް.
ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ޖަލްސާތަކަށް
އެއްބާރުލުން ދެމުންދާއިރު މިހާރު މަޖިލީހަށް ކުރިމަތިވެފައިވަނީ ތަފާތު އެހެން
މައްސަލައެއް. މިއިން ޒަމާނެއްގައިވެސް މަޖިލީހުގެ ކޯރަމް ނުގެއްލޭހާ ގިނައިން
ކޯރަމް ގެއްލި ވަގުތުތަކެއް ބޭކާރުވެގެން ދާމަންޒަރު އެންމެފަހުންވެސް
މަޖިލީހުގައި ބޭއްވި ޖަލްސާގައިވަނީ އެތައްފަހަރެއްގެ މަތިން ކޯރަމްގެއްލުމުގެ
ސަބަބުން ޖަލްސާ މެދުކަނޑާލާފަ. އެމްޑީޕީ މެންބަރުން ވިދާޅުވަމުންދަނީ ސަރުކާރު
ހިންގާ ބޭފުޅުން މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން ކޯރަމް ހަމަކުރައްވަން ޖެހޭނެކަމަށް.
ސަރުކާރަށް ތާއީދުކުރާ މެންބަރުންވެސް އަދި އެމްޑީޕީއަށް ނިސްބަތްވާ
މެންބަރުންވެސް ޖަލްސާއަށް ހާޒިރުވެވަޑައު ނުގަންނަވަންވީ އެއްވެސް ސަބަބެއްނެތް.
ރައްޔިތުން އެބައިމީހުން އައްޔަންކޮށްފައިވަނީ ޕާޓީގެ މަސްލަހަތާ ގުޅުންހުރި
ވާހަކަތަށް ދެއްކުމަށް ނޫންކަމީ އެންމެންވެސް ގަބޫލުކުރާނެ ހަގީގަތަކަށް ވިޔަސް
މިއަދު މަޖިލީހުގެ ތަޅުމުގައި ކަންހިގަމުންދަނީ އެގޮތަކަށްނޫން.
މަޖިލީހުގެ ތަޅުމުގައި ހުރި މުހިންމު
ބިލްތަކަށްބަލާއިރު ޝަރުއީ ދާއިރާ އޭގެ މައްޗަށް ބުރަވާ އެތަކެއް ބިލްތަކެއް
އެބަހުރި. މަޖިލީހަށް މެންބަރުން ހުށަހަޅާފައިވާ ބިލްތަކާއި ސަރުކާރުން
ހުށަހަޅާފައިވާ ބިލްތައްވެސް މަޖިލީހުގެ ތަޅުމުގައާއި ކޮމިޓީ ތަކުގައި
ފުނިޖެހިފައިވާއިރު މިބިލްތައް ފުރިހަމަ ނުވުމުގެ ސަބަބުން އެތައް ބައެއްގެ
ހައްގުތައް ގެއްލިގެން ދާކަން ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ފާހަގަ
ކޮށްފައި. އުއްތަމަ ފަނޑިޔާރުވެސް ދާދިފަހުން ވިދާޅުވެފައި ވަނީ ޝަރުޢީ ދާއިރާއަށް
މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީވެސް ރައްޔިތުންގެ މަޖިލީހުގައި ހުރި ޝަރުޢީ
ދާއިރާއާއި ގުޅުން ހުރި ބިލުތައް ނުނިމި ދިގުލައި ދިއުން ކަމަށް. މިކަންކަމުގެ
ސަބަބުން މިހާރު އަމަލު ކުރަމުން ގެންދާ ގާނޫނު އަސާސީއާ އެއްގޮތަށް ޝަރުއީ ދާއިރާ
ހިންގުމަށް ހުރަސް ތަކެއް މެދުވެރިވެފައިވާއިރު އެދާއިރާއަށް އަމާޒުވެފައިވާ
ފާޑުކިޔުންތަކުގެ ޒިންމާ އުފުލަން ޖެހޭ ހަގީގީ ފަރާތަކީ މަޖިލީހުގެ މެންބަރުން
ކަމަށް ގާނޫނީ މާހިރުންވެސް ގަބޫލު ކުރައްވާ.
ليست هناك تعليقات:
إرسال تعليق