9/25/2011

ނޫސްވެރިންނަށް ބިރުދެއްކުން ހުއްޓާލުމަށް ގޮވާލަން

ނޫސްވެރިކަމަކީ ޤައުމެއްގެ އެންމެ ބާރުގަދަ އެއްބާރުކަމުގައި ޑިމޮކްރަސީގެ ހަމަ ގަބޫލްކުރާ ކޮންމެ މީހަކުވެސް އެއްބަސްވެ އެކަން ގަބޫލްކުރާނެ. ޤައުމެއްގެ ހަތަރުވަނަ ބާރުކަމަށް ގަބޫލްކުރާ ނޫސްވެރިކަން ނުވަތަ މީޑިޔާއަށް ބިރުދެއްކުން ނުވަތަ މީޑިޔާ ފިއްތުމެއްގެ ތެރޭގައި ބޭއްވުމަކީ ބާރުލިބިގެންވާ ކޮންމެ މުއައްސަސާއަކުންވެސް ބޭނުންވާނެ އެއްކަން.

ރާއްޖެއަށް އައި ސިޔާސީ ހަލަބޮލި ކަމުގެ އޮއިވަރުގައި އެންމެބޮޑު މިނިވަންކަމެއް ލިބުނީވެސް މީޑިޔާއަށް. ރާއްޖޭގައި ނޫސްވެރިކަން ތަރައްގީވެ، ދުވަހެއްދުވަހަކަށް މިނިވަން ވަމުން އަންނައިރު، އެބާރަށް ނުފޫޒް ފޯރުވާ ނޫސްވެރިންނަށް ބިރުދެއްކުމަކީ ނޫސްވެރިކަން ފަހަތަށް ޖެހޭނެކަމެއްކަން ހަމަ ޔަގީން. ކުރީގަ ނޫސްވެރިންނަށް ލިބެމުންދިޔަ ނަފްސާނީ ބިރު އަނެއްކާވެސް ލިބިގެންދާނެކަމެއް.


ނޫސްވެރިކަން ކުރިއަރާފައިވާ މިފަދަ ދުވަސްވަރެއްގައި އަޅުގަނޑުމެންގެ މުޖްތަމައުން ފެންނަ މަންޒަރަކީ، ނޫސްވެރިންނަށް އެކި އެކި ފަރާތްތަކުން އިންޒާރުދިނުމާ ނޫސްވެރިން ކުރާ މަސައްކަތްތައް ބެލުމަށް ފުލުސް އޮފީހަށް ހާޒިރުކުރުވާތަން. އަދި ނޫސްވެރިންނަށް ސިއްރުން ބައެއް ކަންތައްތައް ކުރަމުން އަންނަ މަންޒަރުވެސް ފެނޭ.


މީގެ މިސާލެއްގެ ގޮތުން ރައްޔިތުން މަޖިލީހުގައި ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާ ކްރިމިނަލް ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ނޫސްވެރިން ނުވައްދާ ސިއްރުކޮށްގެން. އެހެންނަމަވެސް މިއަދުގެ އަޑުއެހުން ފެށުމުގެ ކުރިން ކޯޓުން ނޫސްވެރިންނާއި ބައްދަލުކޮށް، މީގެކުރުން ކޯޓާއި ބެހޭގޮތުން ނުބައި ތަސައްވަރެއްދީފައިވާކަމަށް ކޯޓުން ބުނެފައިވޭ. އަދި  މީގެފަހުން އެދަފަ ކަމެއް ހިނގައިފިނަމަ ހުރިހާ ނޫސްވެރިން ނުވެއްދުމުގެ ބަދަލުގައި އެފަދަ ޚަބަރެއް ފެތުރި ނޫސްވެރިޔަކު ކޯޓުން ސަސްޕެންޑް ކުރުމަށް ނިންމާފައިވާކަމަށްވެސް ކްރިމިނަލް ކޯޓުން ބުނެފައިވޭ.


ނޫސްވެރިންގެ މައްސަލަތައް ބަލައި ކުށެއްކޮށްފައިވާ ނަމަ އަދި ދޮގު ވާހަކައެއް ފަތުރާފައިވާ ނަމަ ވެސް އެ ކަމެއް ރައްދުވާ ފަރާތަކުން، ނޫނީ އާންމު މުޖުތަމައުގެ ކިބައިން މައާފަށް އެދުވުމުގެ ބާރު، ނޫނީ އެކައުންޓަބަލް ކުރުމުގެ ބާރު މީޑިއާ ރެގިއުލޭޓް ކުރުމަށް، ފާސްކޮށްފައިވާ ގާނޫނުގެ ދަށުން، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިދީފައިވާ އިރު، އެއިން ތަނަކުން މައްސަލައެއް ބަލައި ކަމެއް ކުރުމަށް އެންގުމުގެ ބަދަލުގައި ރާއްޖޭގެ ކްރިމިނަލް ކޯޓުން ނޫސްވެރިނާ އެގޮތަށް މުއާމަލާތްކުރުމަކީ ނޫސްވެރިކަން ފިއްތައި ބިރުދެއްކުމަށް ކުރާ ކަމެއް ނޫން ގޮތަކަށް ބަލައެއް ނުގަނެވޭ. މީގެ އިތުރުން ފުލުސް އޮފީހަށް ނޫސްވެރިން ހާޒިރުކޮށް ނޫސްވެރިންގެ މަސްދަރުތައް ހޯދުމަށް ތަކުރާރުކޮށް ފުލުހުން ކުރާ މަސައްކަތަކީ ނޫސްވެރިކަން ފިއްތުމަށް ކުރާ މަސައްކަތެއްގެ އިތުރަށް ތަހުގީ ނޫސްވެރިކަމެއް ކުރުމަށް ފުލުހުން އަޅާ ހުރަހެއްކަމަށްވެސް ބެލެވޭ. ގާނޫނު އަސާސީގެ 28 ވަނަ މާއްދާ އިން ނޫސްވެރިންގެ މަސްދަރުތައް ހާމަކުރުމަކީ ލާޒީމު ކަމެއް ނޫން ކަމަށް ބަޔާންކޮށްފައިވާ ކަމަށް ހާމަ ކޮށްފައިވޭ. 
އެހެންކަމުން ސިޔާސީ އެކިއެކި ފަރާތްތަކާއި އަމަން ބަލަހައްޓާ އިދާރާތަކުގެ އިތުރުން އަދުލު އިންސާފު ގާއިމުކުރާ މުއައްސަސާތަކުން ނޫސްވެރިންނަށް ޖާގަދިނުމަށް ގޮވާލަން.

ليست هناك تعليقات:

إرسال تعليق