8/23/2013

މިސްރުގަ ހިގަމުންދަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް

އިސްލާމްދީން ފޮހެލުމަށް މަސައްކަތް ކުރާކަމަށް ތުހުމަތު ކުރާ އެމެރިކާއިން ހިލޭ އެހީގެ ގޮތުގައި ދެމުން ގެންދާ ހަތިޔާރުގެ ބޭނުން ކޮށްގެން މިސްރުގެ ބަޢާވާތުގެ ސަރުކާރުން ރަހުމްކުޑަ ގޮތެއްގައި އެތައް ބައިވަރު މުސްލިމުންނެއް ޤަތުލު ކޮށްފައި ވާއިރު، ބަޢާވާތުގެ ސަރުކާރުން ހިންގާފައިވާ  މި ބިރުވެރި ޤަތުލު ޢާއްމު ތަކަކީ މިސްރުގެ ފަހުގެ ތާރީޚުގައި ވެސް ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު އެންމެ ނުރައްކާތެރި އަދި އެންމެ ބިރުވެރި ޤަތުލުޢާއްމު.
މިސްރުގަ މިހާރު އޮތް ބާޢީ ސަރުކާރުން ދަނީ މަރުވާ މީހުންގެ އަދަދުވެސް އޮޅުވާލާފަ. ހަގީގަތަކީ މަރުވަމުން އަންނަ އެއްވެސް ބައެއްގެ ސީދާ އަދަދެއް އެގިފައިނުވުން. ކުށެއްނެތް އެތައް ހާސް ބައެއްގެ ފުރާނަ ވަނީ ގޮސްފަ.
މި އޯގަސްޓް މަހުގެ 14 ވަނަ ދުވަހު މިޞްރުގެ ވެރިރަށް ޤާހިރާގައި އެޤައުމުގެ ލާދީނީ ސެކިއުލަރ ބަޢާވާތުގެ އަސްކަރިއްޔާއިން ހިންގި ޤަތުލު ޢާއްމަށް ފަހު ހުޅަނގެ ޤައުމުތަކުން މިޞްރަށް ދެމުއް އައި މާލީ އެހީތައް ދިނުން ހުއްޓާލާނެކަމުގެ އިންޒާރުވެސް ވަނީ ދީފަ. ތަޖްރިބާކާރުން ލަފާކުރަ ގޮތުގައި މިސްރުގައި މިހާރު ހިގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ފޫނުބެދޭފަދަ ބޮޑެތި މާލީ އަދި އިގްތިސާދީ ގޮންޖެހުންތަކާ ކުރިމަތި ލާންޖެހި މިކަންތައް ފޫބައްދަން އަހަރުތަކެއް ނަގާނެކަމަށްވޭ.
މުޒާހަރާތަކުގަ މީހުންގެ ފުރާނައަށް ބެލުމެއްނެތި މިސްރުގެ ބަޢާވާތުގެ ސަރުކާރުން ހިންގާފައިވާ އަމަލުތަކަށް ބަލާއިރު މިސްރުގެ ރަބާ އަލް އަދަވިއްޔާގައި ސުލްޙަވެރި ކަމާއި އެކު މުޒާހަރާ ކުރުމަށް އިށީނދެގެން ތިބި އެތައް ހާސް ބައެއްގެ ތެރެއަށް އެއްވެސް ބެލުމެއް ނެތި ބަޑިޖަހައި މަރާލާފަ. މިސްރުގެ ސަލަމަތީ ބާރުތަކުން ހިންގި ބިރުވެރި ޤަތުލު ޢާއްމުގައި މަރުވެފައި ވަނީ އެންމެ 288 މީހުންނެއް ނޫން. އެތައް ހާސް މުސްލިމުން.
މިޞްރުގައި މިހާރު ހިގަމުންދަނީ އިންތިޚާބީ ރައީސް ސައްޔިދު މުޙައްމަދު މުރްސީ މަޤާމުން ދުރުކޮށް ގެނައި އަސްކަރީ ބަޢާވާތެއް. 2012 ވަނަ އަހަރު ޑރ. މުރްސީ ވެރިކަމާ ޙަވާލުވީ ހިސާބުން ފަށައިގެން ސަރަޙައްދީ އަދި ބައިނަލް އަޤްވާމީ އެތައް ފަރާތަކުން އެވެރިކަން ވައްޓާލުމަށް މަސައްކަތް ކުރަމުން އައިސްފައިވާކަމަށް ވަނީ ތަޖުރިބާކާރު އެތަކެއް ބައެއްގެ އިތުރުން ސަޢުދީގެ މަޝްހޫރު އެތަކެއް އިލްމުވެރިންނެއްވެސް ވަނީ އަޑު އުފުލާފަ. އެގޮތުން މިސްރުގެ ޑިފެންސް މިނިސްޓަރ ޢަބްދުލް ފައްޠާޙް އައްސިސީގެ ނުފޫޒުން ވެރިކަން ވައްޓާލާ އިންތިޚާބީ ރައީސް މަޤާމުން ދުރުކުރުމަކީ ރައްޔިތުންގެ ނިންމުމާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށްވެސް ޢިލްމުވެރިން ސިފަކޮށްފަ.
ސަޢުދީ އަރަބިއްޔާއަކީ މިޞްރުގެ ލާދީނީ ސެކިއުލަރ އަސްކަރިއްޔާއިން އެޤައުމުގެ ރައީސް އައްސައްޔިދު މުޙައްމަދު މުރްސީގެ ވެރިކަމާއި ދެކޮޅަށް ގެނައި ބަޣާވާތަށް އެންމެ ފުރަތަމަ މަރުހަބާކީީ ގައުމު.

6/16/2012

މެންބަރުންނަށް ބޮޑު މުސާރަ ނަގަންވީމަ މާލީ ހާލަތު އޯކޭ


މަޖިލީހުގައި ހިމެނޭ އިއްޒަތްތެރި ކޮންމެ މެންބަރަކު މަހެއްގެ މައްޗަށް 85 ހާސް ރުފިޔާ ނަންގަވާއިރު މަޖީލީހުގެ ޖަލްސާއަކަށް ހާޒިރު ނުވިޔަސް އަދި ކޮމިޓީގެ ބައްދަލު ވުމަކަށް ދުވަހަކު ވަދެވަޑައި ނުގެންނެވިޔަސް ކޮމިޓީގެ ބައްދަލުވުމެއް ނުބޭއްވިޔަސް މެންބަރުންގެ މުސާރައާއި އިނާޔަތުން އެއްވެސް އެއްޗެއް އުނިނުވާނެކަން ހާމަވާފަދަ ނިންމުމެއް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި.

މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާ ކޮމިޓީ އެލަވަންސާއިމެދު މާލިއްޔަތު ކޮމިޓީން އެންމެ ފަހުން ނިންމި ނިންމުމުގައި ވަނީ ހުސްވި މާޗްމަހު، މަޖިލީހުގެ ޖަލްސާއެއްވެސް އަދި ކޮމިޓީގެ ބައްދަލުވުމެއް ނުބޭއްވި ނަމަވެސް މެންބަރުންނަށް ފުރިހަމައަށް ކޮމިޓީ އެލަވަންސް ލިބޭނެ ކަމަށް.

އަމިއްލައަށް މުސާރައާއި އިނާޔަތްތައް ކަނޑައަޅައިގެން ރައްޔިތުންގެ ހައްގުގައި މެންބަރުން ވަކާލާތު ކުރެއްވުމަށް ތިއްބަވާތީ މި މުސާރައާއިމެދު ރައްޔިތުން އެއްވެސް އެއްޗެކޭ ނުބުނެ ތިބެނީ މެންބަރުން ކޮންމެ ދުވަހަކު ޖަލްސާއަށް ވަޑައިގެން އެކުޅުއްވާ ޑްރާމާތައް ބައްލަވަން ކަމުގައި ވުމީ އެކަށީގެންވާ ކަމެއް. ކޮންމެ ދުވަހަކު ރައްޔިތުންނަށްޓަކާ ސިލްސިލާ ޑްރާމާ ކުޅުއްވައި އަމިއްލަ ގޮނޑި ދިފާޢު ކުރެއްވުމަށް ރައްޔިތުންނާބެހޭ ކޮންމެވެސް ޖުމްލަކޮޅެއް ވިދާޅުވެ ވާހަކަ ދެއްކެވި ނަމަވެސް މަޖިލީހުގެ ކޯރަމް ގެއްލި ޖަލްސާތައް ނުބޭއްވިދާއިރުވެސް މެންބަރުން ތިއްބަވަނީ ސައިކޮޓަރީގައި ރައްޔިތުންގެ ޚަރަދުގައި ސައިބައްލަވަން. މިހެން ތިއްބަވާފައި މުސާރައާއި އިނާޔަތު މަހުން މަހަށް ނަންގަވައިގެން ކޮޅުބަށާއި ސިންގަޕޫރަށާއި ބެންކޮކަކަށާއި ޔޫރަޕު ބަލައިލައި އުފާކޮށްލުމަށް މަހަކު ދެކޮޅު ދަތުރުކޮށްލުމަށްފަހު ގަޔަށް އަރާމުކޮށްލައިގެން ވަޑައިގެން ދެން ވިދާޅުވަނީ ބަޖެޓްގައި ފައިސާނެތިގެން ރައްޔިތުންނަށް ކަންކަން ކޮށްދެވެން ނެތް ވާހަކަ. އެގޮތުން އެންމެ ބޮޑަށް މެންބަރުން ފާހަގަކުރައްވާ އެއްކަމަކީ ގައުމުގެ މާލީ ހާލަތު ދަށްވާ ވާހަކަ. ބަޖެޓްގައި ފައިސާ ނެތްވާހަކަ. ކޮންމެވެސް މީހަކު ބަޖެޓް ކާލި ވާހަކަ. އެހެންނަމަވެސް އަމިއްލައަށް ބޮޑު މުސާރައާއި އިނާޔަތްތައް ކަނޑައަޅަންވީމާ ބަޖެޓްގައި ފައިސާ ހުރެފައި މާލީ ހާލަތުވެސް އޯކޭ. ވަރަށް ކުޑަ މިސާލެއް ދަންވާނަމަ އާސަންދައިގެ ނިޒާމާ ގުޅިގެން މެންބަރުން ދެއްކެވި ވާހަކަ އެއީ ހަމަ މިފަދަ ވަރަށް ރަނގަޅު މިސާލެއް.

މެންބަރުންގެ ވާހަކަ މިގޮތަށް ހުރި އިރު މަދުވެގެން މިއުޅޭ ފައިސާ ބަޖެޓަށް ވަންނާނެ ގޮތްތައްވެސް މެންބަރުންނަށް އެގެންޖެހޭނެ ކަމަށް ގަބޫލުކުރެވޭ. އާސަންދަ ފަދަ ނިޒާމުތައް ހިންގެން ނެތިގެން ސަބްސިޑީ ދެވެން ނެތިގެން އެނިޒާމްތައް އުވާލާ ނުވަތަ ބަދަލުކުރާ ވާހަކަ މެންބަރުން ދައްކަވާއިރު މުސާރަކޮޅު ހޯއްދަވާ އުސޫލުން އެނިޒާމުތައް ހިންގުމަށް ފައިސާ ހޯދާނެ ގޮތްތައް ހޯދުމަކީވެސް މެންބަރުންގެ ޒިންމާއެއްކަމުގައި ގަބޫލުކުރެވޭ.

60 އަހަރު ވުމުން މުސްކުޅި ކުރެވޭ މީހުންނަށް އިނާޔަތް ދޭވާހަކަ ދެއްކެވި ދުވަހުވެސް މެންބަރުން އެކަމަށް ތާއީދު ކުރިނަމަވެސް ބަޖެޓްގައި ފައިސާ ނެތިގެން އެފައިސާވެސް ދޭނެގޮތެއް މެންބަރުންނަކަށް ފެނިވަޑައެއް ނުގެންނެވި. ނަމަވެސް ކޮމިޓި އެލަވަންސް ނަންގަވާނެ ހުރިހާ މަގެއް މެންބަރުންނަށް ވަނީ ފެނިވަޑައިގެންފައި.

ފަނޑިޔާރުންގެ ގާނޫނަށް ހުށެޅި އިސްލާހަށް ވާހަކަ ދައްކަވަމުންވެސް މެންބަރުން ވަކާލާތު ކުރައްވާފައިވަނީ ހަމަ މިމޭރުމަކުން. ވަކި މީހަކަށް ފައްސާފައިވާ ލިބާހެއްކަމަށް ވިދާޅުވެ މެންބަރުން ވިދާޅުވީ ބަޖެޓްގައި އެފައިސާވެސް ނެތްވާހަކަ.

6/13/2012

ބަޖެޓްގައި ފައިސާ ނެތަސް މެންބަރުންނަށް ބޮޑު މުސާރައާއި އިނާޔަތް


ބަޖެޓްގެ ދަތިކަން ކުރިމަތިވެ އާސަންދައިގެ ޚިދުމަތް ދޭނެ ފައިސާނެތި ފަނޑިޔާރުންނަށް އިނާޔަތްދޭނެ ފައިސާނެތި އަދި ފައިސާ ނެތިގެން ގައުމުގެ އިޖްތިމާއީ ތަރައްގީ ހުއްޓިފައިވާ ކަމަށް ތަކުރާރުކޮށް މަޖިލީހުގެ ތަޅުމުގައި މެންބަރުން ވާހަކަ ދެއްކެވުމަށްފަހު މަސައްކަތް ނުކުރާ މަހުވެސްކޮމިޓީއެލެވެންސްގެ ގޮތުގައި ވިހި ހާސްރުފިޔާ މެންބަރުންނަށް ދިނުމަށް މާލިއްޔަތު ކޮމިޓީން ނިންމައިފި.

އަމިއްލައަށް މުސާރައާއި އިނާޔަތްތައް ކަނޑައަޅައި ކޮންމެ މަހަކު މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި އައްޑިހަ ފަސްހާސް ރުފިޔާއާއި އާސިޔާންގެ ގައުމުތަކުން ބޭސްފަރުވާ ހޯއްދަވަމުން ގެންދަވާ މެންބަރުން ކޮމިޓީގެ މަސައްކަތް ނުކުރައްވާ ގޭގައި ތިއްބެވި ދުވަސްވަރަށްވެސް ކޮމިޓީ އެލަވަންސްގައި ގޮތިގައި ވިހިހާސް ނެންގެވުމަށް ނިންމާފައިވަނީ މާލިއްޔަތު ކޮމިޓީގެ އަޣުލަބިއްޔަތުން.

މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ވިހި ހާސް ރުފިޔާގެ ކޮމެޓީއެލަވަންސް ނެގުމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކުރިއިރު މިކަމާ ދެކޮޅަށް އެއްވެސް މެންބަރަކު ވާހަކަ ދައްކަވާފައިވާކަން އެނގިފައެއްނުވޭ. މަސައްކަތަށް ވަޑައިގަތަސް ނުގަތަސް ބޮޑު މުސާރައާއި އިނާޔްތަތަކާއި ސިއްހީ ފަރުވާތައް އުނިއިތުރުވުމެއްނެތި ރައްޔިތުންގެ ފައިސާއިން ރައްޔިތުންގެ މެންބަރުންނަށް ކޮންމެ މަހަކު ދެމުން ގެންދާއިރުވެސް ކޮންމެ ދުވަހަކުވެސް މަޖިލީހުގެ ޖަލްސާ ކޯރަމް ހަމަނުވެގެން މެދުކަނޑާލަމުން ގެންދާއިރު މެންބަރުން ތިއްބަވަނީ ކުޑަދަށުގައިކަން މަޖިލީހުގެ ރިޔާސަތުންވެސް ވަނީ ފާހަގަ ކުރައްވާފައި.

 ކޮމިޓީއަށް ވަޑައިގަތަސް ވަޑައިނުގަތަސް މަޖިލީހުގެ އިއްޒަތްތެރި މެންބަރުން 20000 ރުފިޔާގެ އެލަވަންސްނަންގަވަން ފާސްކުރިއިރު އެކަމަށް ދައުލަތުގެ ބަޖެޓުން މަހަކު1.5 މިލިއަން ރުފިޔާ ހޭދަކުރަންޖެހޭއިރު ރައްޔިތުންނަށް އާސަންދައިގެ ޚިދުމަތް ދިނުމަށް ބަޖެޓު ކުރެވިފައިވާ މިންވަރަށްވުރެ މަދުވާ ދެމިލިއަނެއްހާ ރުފިޔާ ހޯދާނެ ގޮތެއް ނޭގިގެން މެންބަރުން ބަހުސް ކުރައްވައި އެކަން އެކިފަރާތްތަކުގެ ބޮލުގައި އަޅުވަމުން ގެންދިއުމަކީ ލަދުވެތިވާން ޖެހޭނެ ކަމެއް ކަމުގައި ބައެއް ފަރާތްތަކުންދެކޭ.

މަޖިލިސް މުއަހަރަށް ހުޅުވަން ހަމަޖެހިފައި އޮތް މާޗްމަހުގެ އެއްވަނަ ދުވަހު އެމްޑީޕީގެ މެންބަރުން މަޖިލިސް ބޭއްވުމަށް ހުރަސްއެޅުމުގެ ސަބަބުން މަޖިލިސް ނުބާއްވާދިޔަ މާޗް މަހު ވެސް މެންބަރުބަރުންނަށް ކޮމެޓީ އެލަވަންސް ދިނުމަށް މާލިއްޔަތު ކޮމިޓީގައި ވޯޓު ދެއްވީ އޭދަފުށީދާއިރާގެ މެމްބަރު ރެޑްވޭވް ސަލީމާއި ނޮޅިވަރަމް ދާއިރާގެ މެމްބަރުމުހަންމަދު ނަޝީދު، ކާނަލްއާއި އަލިފުށީ ދާއިރާގެ މުހަންމަދު ނާޝިޒް އަދި ހުޅުމީދޫދާއިރާގެ އިލްޔާސް ލަބީބް. ވޯޓު ނުދެއްވަނީ ވިލުފުށީ ދާއިރާގެ މެމްބަރުރިޔާޒް ރަޝީދާއި ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފު އަދިކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ. 

މަޖިލީހުގެ މެންބަރުންގެ ސަބަބުން މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނުބޭއްވިމަހެއްހާ ދުވަސް ވަންދެން މެންބަރުން އަތްއުރާލައްވައިގެން ގޭގައި ތިއްބެވުމަށްފަހު ކޮމިޓީ މަސައްކަތަށް ލިބިވަޑައިގަންނަވާ 20 ހާސް ރުފިޔާ ނަންގަވަން ނިންމެވިއިރު މެންބަރުން ކޮންމެ ދުވަހަކުހެން މަޖިލީހުގައި ދައްކަވަނީ ބަޖެޓް ނެތިގެން، އިގްތިޞާދީ ހާލަތު އޮތްގޮތުން އާސަންދައިގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވޭނެ ވާހަކައާއި މިނިވަން މުއައްސާތަކަށް ދޭ މުސާރައާއި ބަޖެޓް ބޮޑު ވާހަކައާއި ފަނޑިޔާރުންނަށް ދޭ މުސާރައާއި އިނާޔަތްތައް ބޮޑުވާހަކައާއި ދައުލަތުގެ ބަޖެޓުން އިތުރު އެއްވެސް އެލަވަންސެއް ޚަރަދެއް ކުރެން ނެތް ވާހަކަ. މެންބަރުން މުސާރައާއި އިނާޔަތް ނަންގަވަން ވީމާ ބަޖެޓުގައި ފައިސާ ހުރެފައި ރައްޔިތުންނަށް ފައިސާ ދޭންވީމުންނާއި މިސްކިތްތައް މަރާމާތު ކުރަން ޖެހުމުން ބަޖެޓު ތާށިވެ ނާށިގަނޑު ހިފައިގެން ނުކުންނަން ޖެހުމަކީ މެންބަރުންގެ ބަހާއި އަމަލު ދިމާނުވާ ކަމުގެ ހެއްކެއް ކަމުގައި މަޖިލިސް ދިރާސާކުރައްވާ ފަރާތްތަކުން ވިދާޅުވޭ.

6/11/2012

ގެއްލިފައިވާކަމަށް ދައްކާ ތިރީސް ދެ މިލިއަން ޑޮލަރު ހޯދަން މަސައްކަތްކުރަންޖެހޭކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބް ވިދާޅުވެއްޖެ


އޭސީސީއަށް ފައިސާދީގެންނަމަވެސް އެއާޕޯޓާއި ދިރާގުގެ މުއާމަލާތުން ގެއްލިފައިވާކަމަށް ދައްކާ ތިރީސް ދެ މިލިއަން ޑޮލަރު ހޯދަން މަސައްކަތްކުރަންޖެހޭކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބް ވިދާޅުވެއްޖެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް މާލިއްޔަތުގެ ޤާނޫނު އަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ވާހަކަ ދައްކަވަމުނ މުއްތަލިބް ވިދާޅުވީ، އެއާރޕޯޓް ކުއްޔަށް ދިނުމަށްފަހު އަޕްފުރަންޓްގެ ގޮތުގައި 100 މިލިއަން ޑޮލްރު ނެގިކަމަށް ފިނޭންސް މިނިސްޓްރީން ދައްކާ ކަމަށާއި ނަމަވެސް އޭގެތެރެއިން ބާވީސް މިލިއަން ޑޮލަރުވީތަނެއް ނޭގޭކަމަށް. އަދި ހަމަ އެގޮތަށް ދިރާގުގެ ހިއްސާވިއްކައިގެން ލިބުނުކަމަށް ބުނާ ފައިސާގެ ތެރެއިން ދިހަ މިލިއަން ޑޮލަރަށްވެސް ވީނުވީއެއް ނޭގި ގެއްލިފައިވާކަމަށް. މުއްތަލިބް ވިދާޅުވީ އެއީ ވަރަށްބޮޑު އޮޅުވާލުމެއްކަމަށާއި އެގޮތަށް ފައިސާ ލިބިފައިހުރިކަން އެނގޭނަމަ އެ ފައިސާއަށް ވީގޮތެއްވެސް ބަލަންޖެހޭކަމަށް.

މިބިލު ހުށަހަޅުއްވާފައިވަނީ މިޤާނޫނުގެ 31، 32 (ރ)، 33، 35(ހ)، (ރ) އަދި 37 ވަނަ މާއްދާގައި “ސަރުކާރުގެ ކޮންމެ މަސްއޫލު އޮފީހަކުން” ބަޖެޓް ފޮނުވަންޖެހޭ ކަމަށް ވާއިރު ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ހ) އާއި ތަޢާރުޟްވާކަމަށް ފެންނާތީ އާއި މިޤާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން ޖުރުމާނާ ކުރުމާއެކު އެމީހެއްގެ މައްސަލަ ޝަރީއަތަށް ފޮނުވާ ގޮތަށް އޮންނައިރު، ޤާނޫނު އަސާސީގެ 60 ވަނަ މާއްދާގެ (ހ) އާއި ތަޢާރުޟުވާ ކަމަށް ފެންނާތީއާއި އަދި މިޤާނޫނުގެ 50 ވަނަ މާއްދާގެ (ހ) ގައި “ފާސްކުރާ ބަޖެޓް” ކަމަށް ބުނެފައިވާ އިބާރާތުގައި ޤާނޫނު އަސާސީގެ 78 ވަނަ މާއްދާއަށް ހަވާލާދީފައިވާއިރު، ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) އާއު ތަޢާރުޟްވާ މިންވަރު އިޞްލާޙުކުރަންޖެހޭ ކަމަށް ފެންނާތީ.

ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ހ) ގައި ވަނީ ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރީން އެ އަހަރަކަށް ދައުލަތުން ހިނގާނޭކަމަށް ލަފާކުރާ ޚަރާދާއި، ދައުލަތަށް ލިބޭނޭކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް، އަދި ވޭތުވެދިޔަ މާލީއަހަރު ދައުލަތުން ހިނގި ޚަރަދާއި، ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު މިނިސްޓަރ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމަށް.

ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ހ) ގައި ވަނީ ޖިނާއީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ކޯޓަކުން ޙުކުމްކޮށްފިނަމަ، ދެވަނަ ފަހަރަށް ހަމަ އެށުގެ ނުވަތަ އެކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އެމީހެއްގެ މައްޗަކަށް ނުއުފުލޭނެކަމަށާއި އަދި ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ ނުވަތަ އެކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އެ މީހެއްގެ މައްޗަކަށް ނުއުފުލޭނެކަމަށް.

6/07/2012

ރައްޔިތުންގެ މަޖިލިސް: އިގްތިސާދީ ކަންބޮޑުވުން


މަޖިލީހުގެ ރިޔާސަތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް
ރާއްޖޭގެ އިގްތިސާދީ ހާލަތާ މެދު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ކަންބޮޑުވުން ފާހަގަކޮށްފި.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް މެންބަރުންގެ ވާހަކައިގައި މުޅި ގައުމު ބިނާވެފައިވަނީ ނާޒުކު އިގްތިސާދެއްގެ މައްޗަށް ކަމަށާއި ދުވަހުން ދުވަހަކަށް ގައުމުގެ އިގްތިސާދު ދަށަށްދާކަން ފާހަގަކޮށްފައިވޭ. އެގޮތުން ރައްޔިތުންނަށްދޭ އަސާސީ ޚިދުމަތްތައް އޮންނަނީ އެންމެ ރަގަޅަށް ނޫންކަމަށާއި ކިތައްމެ ރަށެއްގައި އެއަސާސީ ޚިދުމަތް ނުދެވިފައިވާ އެތައްބަޔަކު ތިބިކަން ފާހަގަކޮށްފައިވޭ. 

މެންބަރަކުވަނީ މިއަދު ރާއްޖެއަށް އައިސްފައިވަނީ އިގްތިސާދީ ގޮތުންބަލާނަމަ ސްޓެގްފްލޭޝަނެއްކަމަށްވެސް ވިދާޅުވެފަ. އެގޮތުން މިކަހަލަ ހާލަތެއްގައި އިންފްލޭޝަން ވަރަށް ބޮޑަށް މަތިވެފައި އިކޮނަމިކް ގްރޯވްތު ދަށްވާނެކަމަށާއި އަދި މިކަންތައްތައް ހައްލުކުރުމަށްޓަކައި ސްޓެގްފްލޭޝަން ދަށްކުރުމަށްޓަކައި އަދި ވަޒީފާނެތުން މަދުކުރުމަށްޓަކައި މަސައްކަތް ކުރިވަރަކަށް އިގްތިސާދީ ހީނަރުކަން ދާނީ އިތުރު ވަމުންކަމަށް ވިދާޅުވި. އަދި ފަތުރުވެރިކަން ފަދަ ޚިދުމަތްތަކުގެ ދާއިރާގެ މައްޗަށް ބަރޯސާވެގެން ބެލްންސް އޮފް ޕޭމެންޓް ހަމަޖައްސާ ގައުމުތަކަށް މިކަހަލަ ކަންތައްތަކުގެ ސަބަބުން ދިމާވާ މައްސަލަތައް ބޮޑުކަންވެސް އެ މެންބަރު ފާހަގަކުރެއްވި.

ބައެއް މެންބަރުން ވިދާޅުވީ، ރާއްޖެއަށް އާންމުދަނީ ލިބޭވަރާއި އާންމުދަނީގެ ޚަރަދުތައް ބައްޓަންކޮށްފައިވާ ގޮތާއި ދައުލަތުގެ ބަޖެޓް ބަޖެޓްހަމަޖެހިފައިވާ ގޮތާއި  ދައުލަތަށް އިތުރު އާންމުދަނީ ލިބޭނެ ގޮތް ހަމަޖައްސަން ޖެހޭކަމަށް. އިންފްލޭޝަން އިތުރުވެ ދައުލަތުގެ ޚަރަދު ފޫނުބެއްދޭކަމަށްބުނެ ބައެއް މެންބަރުންވަނީ ޑިއުޓީ ބޮޑުކުރުމަށްވެސް ގޮވާލައްވާފަ.


6/06/2012

މަރަށް މަރުހިފުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ގޮވާލައްވައިފި



ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް
މަރަށް މަރުހިފުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ގޮވާލައްވައިފި. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިގަމުންދާ މާރާމާރިއާއި ބެހޭގޮތުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މަހުލޫފްވަނީ ސިޔާސީ އަދާވާތްތެރިކަން ދޫކޮށް ގައުމީ ލޯބީގައި އެންމެންވެސް މަސައްކަތް ކުރުމަށް ގޮވާލައްވާފަ. 

އަދި ރާއްޖޭގައި ހަމަނުޖެހުންތައް މިހާރު ހިނގަމުންދަނީ ކަންބޮޑުވާ މިންވަރަ ކަމަށާއި މިކަމާމެދު ފުންކޮށް ވިސްނަންޖެހޭކަމަށްވެސް މަހުލޫފް ވިދާޅުވި. މަހްލޫފްވިދާޅުވީ، ރާއްޖޭގައި މިއަދު އޮތް ސިޔާސީ ހަލަބޮލިކަމުގައި ވަކި ބަޔަކު ބޭނުންވާ ކަންކަން ހާސިލްކޮށް، ވަކި ކަންތައްތަކެއް ކުރުމަށްވުރެ ގައުމުގައި ހިންގަމުން ގެންދާ މާރާމާރީތަކާއި، މީހުން މެރުން ހުއްޓުވުމަށް ސިޔާސީ ފަރާތްތަކާއި، އަދި ކަމާއިބެހޭ ފަރާތްތަކުން ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް.

"ފާއިތުވީ ތިން އަހަރުގެ ތެރޭގައާއި، 29 މީހަކު އަދު މިއަހަރު އެކަނިވެސް ފަސް މީހަކުވަނީ މަރާލާފަ. މިއީ މިއަދު ގައުމުގެ އެންމެހައި ރައްޔިތުން ކަންބޮޑުވާ ކަމެއް. މިކަން ހުއްޓުވުމަކީ ވަކި ބަޔަކު ނުވަތަ ވަކި މުވައްސަސާޔަކުން އެކަނި ކުރެވޭނޭ ކަމެއް ނޫން. މިކަމުގައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަކީ މުސްތަގުބަލަށް ޓަކައިވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް."

މަހްލޫފްވަނީ މިކަން ހައްލުކުރުމަށް ފާސްކުރަންޖެހޭ ގާނޫންތައް ވަގުތުންވަގުތަށް މަޖިލީހުން ފާސްކުރުމަށްވެސް މަހްލޫފް ގޮވާލާފަ. އަދި މިއަދު ގައުމުގައި މުހިންމީ ސިޔާސީ މަސްރަހުގެ ހަލަބޮލިކަން ނުވަތަ ހަތެއް ފެބްރުއަރީގައި ހިނގާދިޔަ މައްސަލަތައް ބެލުން ނޫންކަމަށާއި ރާއްޖޭގައި ހިނގަމުންދާ މާރާމާރީތައް ހުއްޓުވުމަށް އެންމެންވެގެން މަސައްކަތް ކުރަންވެއްޖެކަމަށްވެސް މަހްލޫފް ވިދާޅުވި.

" މަރަށް މަރުހިފުމަށް އަޅުގަނޑު ގޮވާލަން. މިކަމުގައި ރައްޔިތުންގެ ރެފަރެންޑަމަކަށް ދާންޖެހޭނަމަ އެކަން ކުރުމަށްވެސް އަޅުގަނޑު ހުށަހަޅަން" މިއަދުގެ ޖަލްސާގައި މަހްލޫފް ވިދިޅުވެފައިވޭ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވާހަކަ ދައްކަވަމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުވެސް ވަނީ މާރާމާރީތައް ހުއްޓުވުމަށް ފުލުހުންނަށް ހުރި ތަދިތައް ބަލަންޖެހޭކަމަށް ގޮވާލާފަ. އަދި ކާފިއު ހިންގައިގެންނަމަވެސް މި މައްސަލަ ހައްލުކުރަންވެއްޖެ ކަމަށް ޖާބިރު ވަނީ ވިދާޅުވެފަ.

"ހަ މަސްވަންދެންވެސް ކާފިއު ހިންގައިގެން މިކަން ކުރަންވެއްޖެ. އެކަމުގައި ފުލުހުންނަށް ހުރި ގޮންޖެހުންތަކަކީ ކޮބައިތޯވެސް ބަލަންވެއްޖެ. ދިވެހި ދަރިންތައް މަރުވެގެން މަގުމައްޗަށް ވެއްޓެނީ. މިއީ ކަންބޮޑުވާންޖެހޭކަމެއް." ޖާބިރު ވިދާޅުވި.


6/05/2012

އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށައެޅި މައްސަލަ


އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށައެޅި މައްސަލައިގައި ޝާހިދުގެ އިތުބާރު ނެތްކަމަށް ފާހެއްނުވި.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލައިގާ ޝާހިދަށް އިތުބާރު ނެތްކަމަށް ވޯޓު ދެއްވާފައިވަނީ ފަންސަވީސް މެންބަރުން. ޝާހިދަށް އިތުބާރު އޮތްކަމަށް ސާޅީސް ފަސް މެންބަރުން ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ވޯޓު ނުދެއްވާ ދެމެންބަރުން ތިއްބެވި.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލައިގެ ބަހުސް ކުރިއަށް ދިޔައިރު އެމްޑީޕީގެ މެންބަރުން ވިދާޅުވަމުން ގެންދެވީ އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންޖެހުނީ މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް އޭނާ އަމަލުނުކުރައްވާތީ ކަމަށް. އެގޮތުން ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވެފައިވަނީ ޝާހިދަކީ ގާބިލް ބޭފުލެއްކަމަށް އެމްޑީޕީން އަބަދުވެސް ގަބޫލްކުރާކަމަށާއި އެހެންނަމަވެސް ޝާހިދަށް އޮތް ހުރަހަކީ ޝާހިދާއި އެއް ފިކުރުގެ ބަޔަކު ވަކިވެގެންގޮސް ޝާހިދާއި ދިމާކުރުންކަމަށް.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރުނެތްކަމުގެ ވޯޓުނެގުމަށް ހުށައަޅާފައިވާ މައްސަލައިގެ ބަހުސް މަރުހަލާގެ އެންމެ ފަހު ފުރުސަތުގައި ވާހަކަ ދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ، ރިޔާސަތުގައި ބޮޑު ގޮނޑިއެއްގައި އިންނެވުމަކީ މަތިވެރި ޝަރަފެއް ކަމަށް ފެނުނުނަމެސް މިދިޔަ ތިން އަހަރު ތަޖުރިބާ ކުރައްވަން ޖެހިވަޑައިގެންނެވީ ވަރަށް ހިތްދަތި މާހައުލެއްކަމަށާއި ބައެއް ފަހަރު ވަރަށް ފަޚުރުވެރިކަމާއި އުފަލާއެކު މެމްބަރުންގެ ނަތީޖާ ފެނުމުން ހިތަށް އުފާވެރިކަން ލިބިވަޑައިގަންނަވާ ކަމަށް. އަދި ޖަލްސާތަކުގައާއި މަޖިލީހުން ބޭރުގައި ދައްކާ ވާހަކަތަކަށް ތިން އަހަރުގެ ތެރޭގައި ރައްދެއް ދެއްވާފައި ނުވާނެ ކަމަށް ޝާހިދު ވިދާޅުވި. އެކަން އެގޮތަށް ކުރެއްވުމުގެ މަގުޞަދަކީ އަދާ ކުރައްވަމުން ގެންދަވާ ވާޖިބު ފުރިހަމައަށް އަދާކުރެއްވޭ މީހަކަށް ވޭތޯ ބެލުންކަމަށް ޝާހިދު ވިދާޅުވި.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވި ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަންތައް ކުރައްވާފައިވަނީ ނާއިންސާފުންކަމަށް ވިދާޅުވެ އެމްޑީޕީގެ މެންބަރުން ދެއްކެވި ވާހަކަ ތަކަށްވެސް ރައްދުދެއްވާފަ.


5/03/2012

މިއަދަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް

ނޫސްވެރިންނަށް ބިރުދެއްކުމާއި އެމީހުންނަށް ނުފޫޒް ފޯރުވުމަކީ ގަބޫލްކުރެވޭނެ ކަންތައްތަކެއް ނޫންކަމަށް ޔޫރަޕިއަން ޔޫނިއަނުން ވަނީ ބުނެފައި. އީޔޫއިން މިގޮތަށް ބުނެފައިވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށްވެސް ކަށަވަރުވެގެންވާ ހައްގެއް ކަމަށް ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްއިން ކަށަވަރުކޮށްދޭ ކަމަށާއި މިހައްގަކީ އެއްވެސް ހިފެހެއްޓުމެއްނެތި ޚަބަރާ މައުލޫމަތު ހޯދާ ލިބިގަތުމަށް ޚަބަރުފަތުރާ ވަސީލަތްތަކަށްވެސް ލިބިގެންވާ ހައްގުތަކެއް ކަމަށް އީޔޫން ބުނެފައިވޭ. 

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން  ޔޫރަޕިއަން ޔޫނިއަނުން ވަނީ މިނިވަން މީޑިއާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދެފަރާތްފެންނަ މިނިވަން ނޫސްވެރިކަމެއް ކުރުމަށް ގޮވާލާފަ. އަދި އެޑިޓަރުންނަށާއި ލިޔުންތެރިންނަށާއި ނޫސްވެރިންނާއި ބްލޮގް ލިޔުންތެރިންނަށް ނުފޫޒް ފޯރުވުމާއި އެމީހުން ހިފެހެއްޓުމާއި ބިރުދެއްކުމަށް ހިންގާ އަމަލު ތަކަކީ ގަބޫލްކުރެވޭނެ ކަންތައްތަކެއް ނޫންކަމަށްވެސް އީޔޫން ބުނެފައިވޭ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ދިމާވެފައިވާ ހުރަސްތައް ނައްތާލުމަށް ފުރާނަ އާއި ލެއިން މަސައްކަތްކުރައްވާނެ ކަމަށް، ކުރީގެ ރައީސްމުހައްމަދު ނަޝީދު ވެސް ވަނީ މިއަދު ވިދާޅުވެފައި. 

މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެމުނާސަބަތުގައި ޓްރޭޑާސް ހޮޓެލްގައި ނޫސްވެރިންނަށް ދެއްވި މެންދުރުގެ ފަރިއްކޮޅުގައި ވާހަކަ ދައްކަވަމުން ނަޝީދު އެދިވަޑައިގަންނަވަނީ ނޫސްވެރިކަމުގެ މިނިވަންކަމާއިޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްތަކެއްނައުންކަމަށް ވިދާޅުވި ނަމަވެސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ މީޑިޔާތަކަށް ސަރުކާރުގެ އިޢުލާނާއި އިސްތިހާރު ދިނުން ހުއްޓާލުމާއެކު ރާއްޖޭގައި ނުކުންނަމުން ދިޔަ އެތައް ނޫސްތަކެއް ހުއްޓި ނޫސްވެރިކަން ވަޅުޖެހިގެން ދިޔަކަން ގިނަ ނޫސްވެރިން ވަނީ ފާހަގަކޮށްފައި. އަދި ނަޝީދުގެ ވެރިކަމުގައި ނޫސް އިދާރާތަކަށް އިންޒާރުތައްދީ އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ކަވަރކުރާ ނޫސްވެރިންނަށް ހުރަސް އަޅައި ނޫސްވެރިން ހައްޔަރުކޮށް ހަދާފައިވާކަންވެސް ފާހަގަކޮށްލެވޭ. އަދި މިކަމަކީ ވޭތުވެދިޔަ  ވިހި އަހަރު ދުވަހު ތެރޭގައިވެސް ނޫސްވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކެއްކަންވެސް ފާހަގަކުރެވޭ. 

ނޫސްވެރިކަމަށް ހުރި ހުރަސްތަކާ ބެހޭގޮތުން ވާހަކަ ދެއްކެވި ބައެއް ނޫސްވެރިން ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމަށް ހީނަރުކަމެއް އައިސްފައިވާ ކަމަށް ނުފެންނަކަމަށާއި ނަމަވެސް މައްސަލައަކީ މީޑިއާގެ އެކި ފަރާތްތައް ސިޔާސީ ގޮތުންވަކި ކޮޅަކަށް ޖެހި ބައެއް ނޫސްވެރިންގެ ލިޔުންތަކުގައި އެ މީހުންގެއަމިއްލަ ސިޔާސީ ފިކުރު ހިމެނި ކުލަ ޖެހިފައިވުން ކަމަށް.

ނޫސްވެރިކަމުމުގެ މިނިވަންކަމާއި، ޚިޔާލް ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ކުރާއިރު، އެކަމުގެ ސަބަބުން  އަނެކާގެ މިނިވަންކަމަށް އަރައިގަނެވޭގޮތަށް އެއްވެސް ފަރާތެއްގެ އަމަލުތައް ނުބެހެެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަންވެސް ވަނީ މިއަދު މަނިކު ގޮވާލައްވާފަ. 

މިއަދު ދުނިޔޭގައި ފާހަގަކުރަމުންދާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ނޫސްވެރިންނާއި ރައީސް އޮފީހުގައި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކް ވިދާޅުވީ، ހިޔާލް ފާޅުކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ މިއަދު ރާއްޖޭގެ މުޖުތައުގައި ވަރަށް ބޮޑަށް ހުޅުވާލެވި ވަރަށް މިނިވަންކަމާއެކު ކުރެވެމުންދާ ކަމެއްކަމަށް. ނަމަވެސް މި މިނިވަންކަމުގެ ބޭނުން ކުރާ ބައެއް ފަރާތްތަކުން އޭގެ ބޭނުން ނުބައި ގޮތުގައި ހިފައި، އެހެން މީހުންނާއި، އެހެން ފަރާތްތަކުގެ މިނިވަންކަމާއި ހައްގުތައް ގެއްލޭގޮތަށް އަމަލުކުރަމުންދާކަމީ ހިތާމަކުރައްވާ ކަމެއްކަމުގައި. އަދި ގައުމެއްގެ އެތެރޭގެ ހަބަރުތަކާއި، ކަންކަން އެހެން ގައުމުތަކަށާއި، ރައްޔިތުންނަށް ހާމަކޮށްދިނުމުގައި ނޫސްވެރިންނާއި، ނޫސް މަޖައްލާތަކަކީ އެންމެ މުހިންމު ދައުރު އަދާކުރާ ފަރާތައްވާއިރު، ހަބަރާއި މައުލޫމާތު ފެތުރުމުގައި ހަމަހަމަކަމާއި، އިންސާފުން ޚަބަރު ފެތުރުމަށްވެސް ރައީސް ވަހީދު ވަނީ ގޮވާލައްވާފަ.

ހިޔާލް ފާޅުކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ ބަލައި ނޫސްވެރިން ތަމްރީންކޮށް، ކުރިއަށް ދިއުމުގައި ސަރުކާރުން ވެދެވެން އޮތް އެހީތެރިކަމެއް ވެދެއްވާނޭކަމަށްވެސް ރައީސް ވިދާޅުވި. ރާއްޖޭގައި ނޫސްވެރިކަން އޮތް މިންވަރާއި، އަދި ރާއްޖޭގެ ސަރުކާރުތަކުން ނޫސްވެރިކަން ބޭނުން ކުރަމުންދިޔަ ގޮތަށް އަލި އަޅުއްވާ ލައްވަމުން ރައީސް ވަހީދު ވިދާޅުވީ ނިމިދިޔަ ކޮންމެ ސަރުކާރެއްގައިވެސް އަމިއްލަ މީޑިޔާއެއް އޮތްކަމުގައި ވީނަމަވެސް އަދުގެ ސަރުކާރުގެ ޓީވީއެއްވެސް ރޭޑިޔޯއެއްވެސް އަދި ނޫސް މަޖައްލާއެއްވެސް ނެތްކަމަށް. އަދި މީގެކުރިން ސަރުކާރުގެ ޚަބަރު ފަތުރަމުންއައި، އެމްއެންބީސީ ގާނޫނުގައި ވާގޮތުގެ މަތީން އެމްބީސީއާއި ހަވާލުކޮށް، އެފަރާތްތަކުގެ ހައްގުތައް ހޯދައި ދެވުނުކަމީ ސަރުކާރަށް ލިބުނު އެންމެ ބޮޑު އުފާކަމުގައި ރައީސް ވަހީދު ވިދާޅުވި.

މީޑިޔާ ކޮންޓްރޯލްކޮށްގެން މީޑިޔާގެ މިނިވަންކަން ނުލިބޭނެ ކަމަށް މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނަޒީފު ވެސް ވަނި މިއަދު ވިދާޅުވެފައި. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެންއެމްޖޭއިން ލޯންޗްކުރިމައުލޫމާތު ހޯދާ ލިބިގަތުމުގެ ކެމްޕޭންއިފުތިތާހު ކުރުމުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޒީފް ވިދާޅުވީ، މީޑިޔާގެ މިނިވަންކަން ދެން ފަހަތަށް ނުދާނެކަމަށާއި ހިފެހެއްޓުމެއްގެ ތެރޭގައި މީޑިއާ ބާއްވައިގެން މިނިވަންކަމެއް ނުލިބޭނެ ކަމަށް. ނަޒީފް ވިދާޅުވީ، ނޫސްވެރިން ތަމްރީން ކުރަންޖެހޭ ކަމަށާއި ނޫސްވެރިކަން ކުރުމަށް ރަގަޅު މާހައުލެއްވެސް ގާއިމް ކުރަންޖެހޭކަމަށް. މި ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން އެމްޖޭއޭގެ ރައީސް ހިރިގާ އަހުމަދު ޒާހިރު ވިދާޅުވީ، މީޑިއާއަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް މީޑިއާ ފަހަތަށް ނުޖެހޭނެކަމަށް. ހިރިގާގެ ވާހަކައިގައި މައުލޫމާތު ހޯދާ ލިބިގަތުމުގެ ޚާއްޞަ ކެމްޕޭނެއް ހިންގަން ޖެހުނީ ފަސޭހަކަމާއެކު ތަފާތު ކުރުމެއް ނެތި މައުލޫމާތު ލިބުމަކީ މިނިވަން ނޫސްވެރިކަމެއްގައި އެއްމެ މުހިންމު އެއް އަސާސް ކަމަށްވެފައި މިކަމާ ގުޅޭ ގާނޫނު އަވަހަށް ނިންމައި ވުޖޫދަށް ގެނައުމުގައި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމަށް ކަމަށް.